އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް ޓޮޕް ރެސާގައި ރާއްޖެއިން ބައިވެރި ވެއްޖެ

އައިއެފްޓީއެމް ޓޮޕް ރެސާ 2017 ގައި ރާއްޖޭގެ ބައިވެރިން -- ފޮޓޯ/ އެމްއެމްޕީއާރުސީ

އިންޓަނޭޝަނަލް ފްރެންޗް ޓްރެވަލް މާކެޓް (އައިއެފްޓީއެމް) ޓޮޕް ރެސާ 2017 ގައި ރާއްޖެއިން ބައިވެރި ވެއްޖެއެވެ.

މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޕެރިސްގައި ކުރިއަށް ގެންދާ ޓްރެވަލް މާކެޓުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 25 ކުންފުންޏެއް ތަމްސީލް ކޮށްދޭ 43 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ރާއްޖެއިން ދިޔަ ފަރާތްތަކުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ފްރާންސްގެ މާކެޓްގައި ރާއްޖެ އިސްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

އައިއެފްޓީއެމް ޓޮޕް ރެސާ 2017 ގައި ރާއްޖޭގެ ބައިވެރިން އަދި ސްޓޯލް -- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީ އިން ބުނީ، މި ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދަށަށްގޮސްފައިވާ ފްރާންސްގެ މާކެޓް އިތުރު ކުރުމަށް މަސައްކަތް ކުރުން ކަމުގައެވެ. އަދި އެ ފެއާގައި ފްރާންސްގެ މާކެޓަށް އަމާޒުކޮށްގެން ޓޫރިސްޓުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަދެކެވި ރާއްޖެ އިސްތިހާރު ކުރެވިގެންދާނެކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ އެކްޓީން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ފްރާންސްގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި އައިއެފްޓީއެމް ޓޮޕް ރެސާ ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ބައިވެރިވެ ރާއްޖެއަށް އައުމަށް ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ބައިވެރި ވުމަކީ ލިބޭ ޝަރަފަކާއި ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިއެފްޓީއެމް ޓޮޕް ރެސާ 2017 ގައި ރާއްޖޭގެ ބައިވެރިން ސްޓޯލްގައި -- ފޮޓޯ/ އެމްއެމްޕީއާރުސީ

އައިއެފްޓީއެމް ޓޮޕް ރެސާ އަކީ 1978 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެކެވެ. އެ ފެއާ ކުރިއަށް ދަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅެ ހުރިހާ ދާއިރާއަކަށް އަލިއަޅުވާލައިގެންނެވެ. އަދި ފްރާންސްގެ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވާ މާކެޓެކެވެ. ފްރާންސްއިން 2016 ވަނަ އަހަރު 40487 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އަދި 2017 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް 26149 ފަތުރުވެރިން ފްރާންސްއިން ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް