ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

ހުޅުމާލޭ ފްލެޓެއް: ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް ވަނީ އާންމުކޮށްފައި -- ސަން ފައިލް ފޮޓޯ

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ ތެރެއިން ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތަކަށް ޝަރުތުުހަމަވެ ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމުކޮށްފި އެވެ.

އެ ލިސްޓްގައި ފްލެޓް ލިބުނު މީހުންގެ ނަންތަކާއި ލިބުނު ޕޮއިންޓްގެ އަދަދު ހިމަނާފައިނުވާތީ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ އެ މައުލޫމާތުތައް އާންމުކުރުމަކީ ބައެއްގެ ޒާތީ މައުލޫމާތު އާންމުކުރުން ކަމަށް ބުނެ ފްލެޓް ލިބުނު މީހުންގެ ނަމާއި ލިބުނު ޕޮއިންޓްގެ އަދަދު ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

ހައުސިން މިނިސްޓްރީން ބުނީ، ފުލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ދާއިމީ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓު (www.housing.gov.mv)ގައި ޝާއިއުކޮށް އެ އިއުލާން މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބަހައްޓާފައި ހުންނާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރި ލިސްޓުގައިވާ ގޮތުން ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބެ އެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭކުން 161 މީހަކަށް ފްލެޓް ލިބެ އެވެ. ކެޓަގަރީ ދޭއްގައި ހިމެނޭ މީހުންނަކީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބުނު މީހުންނާ އެކު އެގްރީމެންޓް ހެދުމުގެ ކުރިން އެ ފަރާތްތަކުގެ މައިންބަފައިންނާއި އަނބިންނާއި ފިރިންގެ ގޯތި ގެދޮރާ ބެހޭ މައުލޫމާތު ބަލައި ޗެކްކުރާނެ ކަމަށެވެ. އަދި ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ފްލެޓް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް އެދި މުޅި ޖުމުލަ 15،650 މީހަކު ފޯމު ހުށަހެޅި ކަމަށެވެ.

އެގޮތުން ކެޓަގަރީ އެކެއްގެ ފުލެޓަށް އެދި 7384 މީހަކު ވަނީ ފޯމު ހުށަހެޅި އެވެ. އަދި ކެޓަގަރީ ދޭކުން 8241 މީހުން ފުލެޓަށް އެދި ފޯމު ހުށަހަޅާފަވާ އިރު ކެޓަގަރީ ތިނަކަށް ފޯމު ހުށަހަޅާފައި ވަނީ ތިން އާއިލާއަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

އަމިއްލަ ބިން އޮތް ނަމަވެސް ބިމުގެ ދަތިކަން ހުރި ފަރާތްތަށް ހިމެނޭ ތިން ވަނަ ކެޓަގަރީން ވެސް 330 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް