ޕެނަލްޓީއެއްގެ މައްސަލައިގައި ޕީއެސްޖީގެ ދެ ފޯވާޑުން ކަމަށްވާ ނޭމާއާއި އެޑިސަން ކަވާނީއާ ދެމެދު ހިނގި ޒުވާބަކީ މިދިޔަ ހަފްތާގައި ފްރާންސް ފުޓްބޯޅައިގެ ބޮޑު ޚަބަރެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެޓީމުގެ ތަޖްރިބާކާރު ފޯވާޑް ކަވާނީއާ ދެމެދު ހިނގި ހަމަނުޖެހުމަކީ ފްރާންސް ލީގުގައި ލިޔޯން އަތުން 2-0 ލަނޑުން ޕީއެސްޖީ މޮޅުވި މެޗުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ޖަހަން ބޭނުންވެގެން މި ދެ ކުޅުންތެރީންގެ މެދުގައި ހިނގި ޒުވާބެކެވެ.
ދެ ކުޅުންތެރީންގެ ކޯޅުމަށް ފަހު އެންމެ ފަހުން ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނީ، އަބަދުވެސް އެ ވަޒީފާ އަދާކުރުމުގައި ޓީމުން އެންމެ އިސްކަމެއްދޭ ކަވާނީއަށެވެ. އެހެން ނަމަވެސް ކަވާނީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. މެޗަށް ފަހު އެ މައްސަލައިގައި އަނެއްކާވެސް މި ދެކުޅުންތެރީންގެ މެދުގައި ހަމަނުޖެހުން ހިނގި ކަމަށް ރިޕޯޓުތައް ބުނާއިރު އެ މައްސަލައިގައި ނޭމާ ފަހުން ވަނީ ކަވާނީގެ ކިބައިން މާފަށް ވެސް އެދިފައެވެ.

ޕީއެސްޖީގެ ދެ ފޯވާޑުން ކަމަށްވާ ނޭމާ (ކ) އާއި އެޑިސަން ކަވާނީ (ވ) -- ފޮޓޯ: ގެޓީ
މައްސަލަ އެހާހިސާބުން ނިމުނީކީ ނޫނެވެ. މިހާރު މިއޮތީ ކްލަބުގެ އެންމެ މަތިން މައްސަލަ ހައްލުކުރަން ނުކުމެފައެވެ. ފްރާންސްގެ އެލް ޕާއިސް އިން ރިޕޯޓުކޮށްފައި ވާގޮތުން، ޕީއެސްޖީގެ ޕްރެޒިޑެންޓް ޝޭޚް ނާސިރު އަލް ޚެލައިފީ ވަނީ، ޕެނަލްޓީ ޖެހުމުގެ ޒިންމާ ރަސްމީކޮށް ނޭމާއާ ހަވާލުކުރަން ކަވާނީ އެއްބަސްވާނަމަ އޭނާއަށް އިތުރަށް އެއް މިލިއަން ޔޫރޯ ދިނުމަށް ހުށަހަޅައިފައެވެ. އެހެން ނަމަވެސް ކަވާނީ ވަނީ ހަމަ ވަގުތުން އެކަމަށް ދެކޮޅު ހަދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕީއެސްޖީން ކޮންމެ ސީޒަނެއްގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް އެއް މިލިއަން ޔޫރޯގެ ބޯނަސް ފައިސާ ދެއެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީއަށް 49 ލަނޑު ކާމިޔާބުކޮށްދީގެން ބޯނަސް ފައިސާ ހޯދި ކަވާނީ އަކީ މިސީޒަންގެ މިހާތަނަށް ވެސް ޓީމުގެ "ޓޮޕް ސްކޮރަރ"އެވެ. އޭނާ ވަނީ މިހާތަނަށް ޖުމުލަ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި އަލަށް ޕީއެސްޖީއާ ގުޅުނު ދުނިޔޭ އެންމެ އަގު ބޮޑު ކުޅުންތެރިޔާ، ނޭމާއަށް އަދި މިހާތަނަށް ކާމިޔާބު ކުރެވުނީ ފަސް ލަނޑެވެ.
ޕީއެސްޖީގެ ޕްރެޒިޑެންޓް ނާސިރު އަލް ޚެލައިފީ ވަނީ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކަވާނީއަށް ނުހޯދުނު ނަމަވެސް އޭނާއަށް އެއް މިލިއަން ޔޫރޯ އިތުރަށް ދިނުމަށް ހުށަހަޅައިފައެވެ. އެހެން ނަމަވެސް ހަމަ އެކަނި ޝަރުތަކީ، ޕެނަލްޓީ ޖެހުމުގެ ޒިންމާ ނޭމާއާ ހަވާލުކުރުމެވެ.

ޕީއެސްޖީގެ ދެ ފޯވާޑުން ކަމަށްވާ ނޭމާ (ކ) އާއި އެޑިސަން ކަވާނީ (ވ) -- ފޮޓޯ: އޭއެފްޕީ
ރިޕޯޓުތައް ބުނާގޮތުން ނާސިރު ވަނީ، ކަވާނީގެ "ކޮންފިޑެންސް" ވަރުދަގަކުރުމަށް، އޭނާއަށް ޕެނަލްޓީ ޖެހުމުގެ ޒިންމާ ދީ، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި ނޭމާ އެކަމާ އަރައިރުންވެ ނުހެދުމަށް ނަސޭހަތްތެރިވުމަށް ޚާއްސަ މަންދޫބެއް ވެސް ފޮނުވައިފައެވެ. އެހެން ނަމަވެސް ނާސިރުގެ އެ "ލޮޖިކް"އަކީ ނޭމާއަށް އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމަކަށް ނުވިއެވެ.
ނޭމާއަށް ޕެނަލްޓީ ޖެހުމުގެ ޒިންމާ ދޫކޮށްލާ ނަމަ ކަވާނީއަށް އެއް މިލިއަން ޔޫރޯ ދޭނޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ޕީއެސްޖީން ބުނެފައިވާކަމަށް ޕްރާންސްގެ ނޫހެއް ކަމަށްވާ ލެ ޕެރިސިއެންއިން ރިޕޯޓުކުރެއެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ޕީއެސްޖީން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ނޭމާއަކީ ވެސް އަދި ކަވާނީއަކީވެސް އެ ކުޅުންތެރީންގެ ހުނަރާމެދު ޝައްކެއް އުފައްދާވަރަށް ވުރެ މޮޅު، ހުނަރުވެރި ދެ ކުޅުންތެރީންނެވެ. އެހެންކަމުން، ޕީއެސްޖީގެ ޕެނަލްޓީތައް ޖެހުމުގެ ޒިންމާ މިއިން ކޮންމެ ކުޅުންތެރިއަކު ނެގިޔަސް އެ ކުޅުންތެރިއަކަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް ޓީމުގެ ކޯޗު އުނާއި އެމެރީ ވަނީ ބުނެފައެވެ. ނަމަވެސް މި ދެކުޅުންތެރީންގެ ތެރޭނ ފުރަތަމަ "ޗޮއިސް"އަކީ ކޮބައިކަން ހާމަކުރަން އޭނާ ދެކޮޅު ހަދައެވެ.