''ބޮސް''ގެ ޓިކެޓް ބުކިން މާދަމާ ހުޅުވާލަނީ، އޮންލައިންކޮށްވެސް ކުރެވޭނެ

ކްރިސްޓަލް އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ޓިކެޓް މާދަމާ ބުކިންއަށް ހުޅުވައިލާނެ --

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ޕްރޮޑިއުސްކޮށް، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ، "ބޮސް"ގެ ޓިކެޓަށް ނަންނޯޓުކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެއެވެ.

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޒުވާން ތަރި މަރިޔަމް އައްޒައާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، ކްރިސްޓަލް އެންޓަޓެއިންމަންޓުގެ "ބޮސް" އޮލިމްޕަސް ސްކްރީނަށް އަންނާނީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

"ބޮސް"ގެ ''ރެޑްކާޕެޓް ޝޯ''ގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާއަށެވެ. އަދި ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާއަށެވެ.

ބެލުންތެރީންގެ ލޮލުން ކަރުނަ ހިލުވާލާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ނަހޫ ގެނެެސްދޭ "ބޮސް"ގެ ޓިކެޓަށް ނަން ނޯޓުކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލިކަމުގައި ވީނަމަވެސް، ބޮސްގެ ޓިކެޓް ދޫކުރަން ފަށާނީ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހި ފިލްމުތައް ބަލައިލަން ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދުމުގެ ފުރުސަތު އެހާ އާންމެއް ނޫނެވެ. އެހެން ނަމަވެސް ކެތްތެރިކަމެއް ނެތި، ނަހޫގެ "ބޮސް"ގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ، ނަހޫގެ އެންމެ ފަހުން ރިލީޒްކުރި "4426" އެކޭ އެއްފަދައިން މިފަހަރުވެސް އޮންލައިންކޮށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ވާހަކައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، ކޮންމެ ބޭފުޅަކަށް ވެސް، ވަރަށް ފަސޭހައިން މި ފިލްމުގެ ވެބްސައިޓް [www.bos-themovie.com] މެދުވެރިކޮށް ޓިކެޓް ބުކްކޮށްލުމުގެ ފުރުސަތު ލިބިގެން މިދަނީ. އާއިލާއާއެކު، ނުވަތަ، ރަހްމަތްތެރީންގެ ގްރޫޕަކާ އެކުވެސް ފިލްމު ބަލައިލަން ދާނަމަ، އެމީހަކު ނުވަތަ އެބަޔަކު ބޭނުންވާ އެވެއިލަބަލް ސީޓްތަކެއް ދުރާލައި ނޯޓުކޮށްލުމުގެ ފުރުސަތު މިހާރު އޮންނާނެ،" ނަހޫ ސަންއަށް ބުންޏެވެ.

ނަހޫ ބުނީ، އާންމު ގޮތެއްގައި ފުރަތަމަ ޝޯގެ ޓިކެޓް ހޯދަން ވަރަށް "ބާރުބޮޑުވާނެ" ކަމަށާއި އެހެންކަމުން ވެބްސައިޓް މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކަށް ޓިކެޓް ހޯދަން ފަސޭހަ ވާނެކަމަށެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން ބުނީ، މާދަމާ ފުރުސަތު ހުޅުވާލަނީ ފުރަތަމަ 10 ޝޯއަށް ނަން ނޯޓުކުރުމަށް ކަމަށެވެ. އެގޮތުން ފިލްމުގެ ވެބްސައިޓުންނާއި، ޓިކެޓް ބުކިންއަށް ހާއްސަ ހޮޓްލައިން 7974426/ 9964426 އަށް ގުޅައިގެންވެސް ނަންނޯޓުކުރެވޭނޭ ކަމަށެވެ.

މި ފިލްމަށްޓަކައި ބެލުންތެރީން ކުރަމުންދާ އިންތިޒާރު، ފިލްމުގެ ޓްރެއިލަރއަށް ލިބެމުންދާ ތަރުހީބުންވެސް ހާމަވެއެވެ. ބޮސްގެ އޮފިޝަލް ޓްރެއިލަރއަށް ލިބިފައިވާ ވިއުސްގެ އަދަދު މިހާރު ވެސް ވަނީ 116000އަށް ވުރެ މައްޗަށް ގޮސްފައެވެ.

އައްޒަ އާއި ޔުނާންގެ އަސަރުން ފުރިގެންވީ ހުނަރުތައް ފެނިގެންދާ "ބޮސް" ނުވަތަ "ކިސް"އަކީ ދިވެހި އޯޑިއަންސްގެ ހިތްތަކާ ކުޅެލި މަޝްހޫރު ފިލްމުތައް ކަމަށްވާ، "ޒުލޭހާ"، "ޔޫސުފް" އަދި "ކަލާޔާ ނުލާ" ފަދަ، ލޯތްބާއި ޖަޒުބާތުން ފުރިގެންވާ، ލޯބީގެ ފިލްމެކެވެ.

comment ކޮމެންޓް