އައިލެންޑް އޭވިއޭޝަނުން ރޮހިންގާ ފަންޑަށް ފަސްލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ރޮހިންގާ ފަންޑަށް އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެހީ ހަވާލުކޮށްދެނީ--

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް އައިލެންޑް އޭވިއޭޝަނުން ފަސްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ކުންފުނީގެ ފަރާތުން ވަނީ ރޮހިންގާ ފަންޑަށް 525000 ރުފިޔާ ހަދިޔާކޮށްފައެވެ. އެ ފައިސާ އެ ކުންފުނީގެ ފަރާތުން ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުﷲ ހާރިސްއެވެ. ފައިސާއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.

ފައިސާ ހަވާލުކޮށްދެއްވުމަށް ފަހު އެމްޑީ ހާރިސް ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން ރޮހިންގާ މުސްލިމުންނަށް އެހީތެރިވެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ވިދާޅުވީ އެކުންފުނިން އަބަދުވެސް އެފަދަ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން، މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ ޓެލެތޯން ރޭ 12 ޖެހުމާއެކު ނިންމާލާފައި ވާއިރު އެ ފަންޑަށް މިހާތަނަށް 11 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ޓެލެތޯން ނިމުނު ކަމުގައިވީ ނަމަވެސް، ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ހަރަކާތްތައް މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނޭކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

comment ކޮމެންޓް