ވަޒީފާއަކީ ވަކި ބައެއްގެ ހައްގެއް ނޫން: ރައީސް

ސަރުކާރުން ކުރިއަށް ގެންދާ ފޮޓޯގްރާފަރުން ތަންރީނު ކުރުމުގެ ޕްރޮގްރާމުގެ ދަށުން، 414 ޒުވާނުން ދަސްވެނިވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވަޒީފާއަކީ ވަކި ބައެއްގެ ހައްގެއް ނޫން ކަމަށާއި ދިވެހި ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރު ހުޅުވާލުން ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ 1،000 ފޮޓޯގްރާޕަރުން ތަމްރީން ކުރުމަށް އިކޮނަމިކް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިރޭ ދަސްވެނިވި 414 ޒުވާނުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާ ބާޒާރު ޒަމާނުންސުރެ އޮތީ މަސައްކަތް ކުރާނެ ދިވެހިން ނެތި ބިދޭސީންގެ އަތްމައްޗަށް ދޫވެފައި ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދުގެ ރައުސުލްމާލުން އެ ބިދޭސީންނަށް ބައި އަޅަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ބޭނުންވާގޮތް ނޫން ކަމަށާއި އެކަން އެގޮތަށް ވެގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަންހެނުންނަކީ ވަކި ކަހަލަ ވަޒީފާތަކެއް އަދާ ކުރާ ބައެއް ކަަމަށް މީގެ ކުރިން ދެކުނު ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އަންހެން ކުދިންނަށް ވެސް ގައުމު ބިނާ ކުރުމުގައި އިސް ދައުރެއް އަދާ ކުރުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށާއި އެހެން ކަމުން އެ ކުދިންނަށް ކުރެވޭނެ ކޮންމެ މަސައްކަތެއް ވެސް ކުރުމުގެ ފުރުޞަތު ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ވަކިކަހަލަ ސިފަތަކެއް ވަކި ކަހަލަ މަސައްކަތްތަކެއް ވަކި ގޮތަކަށް ޕެކޭޖް ކުރެވިގެން ދާންވާނެ ކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާންންނަކީ މާދަމާގެ އުންމީދު އަދި މުސްތަގުބަލު ކަމަށާއި ކޮންމެ ކުއްޖަކީ ކިޔަވާ ނިންމައިގެން ވަޒީފާއަށް ނުކުންނަން ޖެހޭ ކުއްޖެއް ނޫން ކަމަށެވެ. ކިޔަވަމުން ވެސް މަސައްކަތް ކުރުމުގެ ސަގާފަތް އަށަގަންނުވަން ޖެހޭ ކަމަށް ރައީށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ބަލަހައްޓައިގެން ނުހުރެވޭނެ އެތައްހާސް ކުދިން ފަސްޓްޑިގްރީ ހަދާ ނިންމައިގެން ހަތަރުު އަހަރު އޭގެ ފަހުން ގްރެޖުއޭޓް ޕްރޮގްރާމެއް ހަދައިގެން ދޮޅު އަހަރު ދެ އަހަރު ދެ އަހަރު ހަ އަހަރު. ހަ އަހަރު ވަން ދެން އަޅުގަނޑުމެން ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރާތަން ބެލުމަކީ އެންމެ ކޮމްފޯޓް ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ހަފްލާގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެެ ގިނަ ގައުމުތަކުގައި ވެސް ގައުމު ތަރައްގީ ކުރުމަށް ހަމައެކަނި ބޭނުންވަނީ ކިޔަވައިގެން ތިބި ކުދިން ނޫން ކަމަށާއި މަސައްކަތް ދަސްކޮށްގެން ތިބި ކުދިން ވެސް މުހިންމު ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ "ޓެކްނިކަލް އެޑިޔުކޭޝަން" ނުވަތަ ތައުލީމްގެ ތެރެއިން މަސައްކަތް ވެސް ދަސްކޮށްދީގެން ކަމަށެވެ.

އެއްހާސް ފޮޓޯ ގްރާޕަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިރޭ ވަނީ 414 ކުދިން ތަމްރީނުވެފަ އެވެ. އަދި މީގެ ކުރިން ވެސް އެ ޕްރޮގްރާމުގެ ދަށުން 200 އަށް ވުރެ ގިނަ ކުދިން ތަމްރީންވެފައިވާއިރު މިހާރު ވެސް ގިނަ ކުދިންތަކެއް ދަނީ ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

comment ކޮމެންޓް