ސަރުކާރުން ކަމާބެހޭ ގާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރަނީ ރަސްމާލޭގައި ހިންގުމަށް ރާވައިފައިވާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ކަމަށާއި، އެހެންކަމުން އެ މަޝްރޫއު ގާނޫނީ އެއްވެސް ހަމަޔަކަށް ނުފެތޭ ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ޕީއެންއެފުން ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލޭ މަޝްރޫއު ރަނގަޅުވާ ސަބަބެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާނާއި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބަކަށް ވެސް އާންމުންނަށް ވިދާޅުވެ ނުދެވުނު ކަމަށެވެ.
ޔާމީން ވިދާޅުވީ ގާނޫނުއަސާސީގައި ވަކި އިސްތިލާހެއް އޮތުމަކުން ދައުލަތުން އެކަހެރިކޮށްފައި ރަސްމާލެ މަޝްރޫއު ހިންގާ ކަމަށް ވާނަމަ ސަރުކާރުން ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަނީ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ބިމެއް މިލްނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަދިވެސް އެބައޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ޔާމީން އެ އިޝާރާތްކުރެއްވީ 251ވަނަ މާއްދާއަށެވެ. އެ މާއްދާގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެއެވެ. ހަމަ އެހެންމެ ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކަމަށް ވެސް އެ މާއްދާގައިވެއެވެ.
އެއާއެކު ޔާމީން ވަނީ، އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށްޓަކައި ބައެއް ގާނޫނު ހަދަންޖެހޭ ކަމަށް މުއްޠަލިބު ވިދާޅުވި ވާހަކައަށް ވެސް އިޝާރާތްކުރައްވައިފައެވެ.
"މިކަން ކޮށް ނިންމައިފައި (އެއްބަސްވުން އެކުލަވައިލައި ސޮއިކޮށްފައި) ގާނޫނު މި ހަދަނީ، އެހެންވީމާ އެބަ އެނގޭ މިއީ ގާނޫނީ ހަމަޔަކަށް ފެތިގެން ކުރާ ކަމެއް ނޫންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން މިހެން ވިދާޅުވިއިރު މި މަހުގެ ކުރީކޮޅު ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ އަލަށް ހަދާ ރިއަލްއެސްޓޭޓް ގާނޫނު ހަދަނީ ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބޮޑު މަޝްރޫއަށް ޚާއްސަކޮށްގެން ނޫން ކަމަށެވެ.
އުޝާމް އެ ރޭ ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ރާއްޖޭގައި ނެތް ސިނާއަތެއް ފަށަން ކަމަށެވެ. އެގޮތުން ރާއްޖޭގެ މައި އިގުތިޞާދީ ހަބު ކަމަށްވާ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަން ބަލާއިރު ރާއްޖޭގައި މިހާރު މިއޮތް ގާނޫނީ ޕްރޭމްވޯކްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ހާލެއްގައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އެއްވެސް ކަމެއް މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށް ގެންގޮސްފައެއް ނޯންނާނެއެވެ. އަދި ފުރަތަމަ ކަމަކަށް އެ އެއްބަސްވުމުގައި ސޮއިކުރީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބަންޑާރަނައިބުގެ އޮފީހުން ހޯދަން ޖެހޭ ގާނޫނީ ލަފާ ވެސް ހޯދުމަށްފަހު ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް އެފަދައިން ވިދާޅުވިއިރު ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ މިލްކިއްޔާތެއް ކުއްޔަށް ދިނުމާއި ދޫކުރުން ފަދަ ކަންކަން ކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދައިން ދައުލަތުގެ ބިން ދޫކުރެވޭނެ ގާނޫނީ އޮނިގަނޑެއް ނެތުމުން، މި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ސީދާ ޚިލާފު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.