ސޭސް: ތައުރީފު ހައްގުވި ދަރުމަވެރީންގެ ޝުކުރު ދިވެހީންނަށް!

ދިވެހި ވަފުދާއެކު އެއާޕޯޓުގައި ވޮލަންޓިއަރުންތަކެއް ނަގާފައިވާ ފޮޓޯއެއް ---

ސަމިޓަށް ދިޔަ އެހެން މެހެމާނުންނެކޭ އެއްގޮތަށް ރާއްޖޭން ސަމިޓަށް ދިޔަ ވަފުދަށް އެންމެ ފުރަތަމަ ބައްދަލުވި ބަޔަކީވެސް އެއީއެވެ. ބީރައްޓެހި މޫނުތަކެއް ނަމަވެސް މަރުހަބާ ކިއީ ހިނިތުންވުމާ އިހްތިރާމާއެކުއެވެ. ސަމިޓުގެ ތެރެއިން ވެސް ދިމާވި ކޮންމެ ކަމަކަށް އެންމެ ފުރަތަމަ އިޖާބަ ދިނީ އެމީހުންނެވެ. ބުރަކޮށް އުޅެންޖެހުނަސް ވަރުބަލިކަމެއް ނެތި ކޮންމެ ދުވަހަކު ހިދުމަތުގައި ތިއްބެވެ.

މިއީ އިންޑިއާގެ ބުބަނޭޝްވަރު ސިޓީގައި މިދިޔަ ހަފްތާގައި ނިމިގެންދިޔަ ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް) ކާމިޔާބު ކަމާއެކު ނިންމާލުމުގެ ފަހަތުގައި ތިބި ދަރުމަވެރިން ނުވަތަ ވޮލަންޓިއަރުންގެ ވާހަކައެވެ.

ސަމިޓަށް 60 އަށްވުރެ ގިނަ ގައުމުން 500 އެއްހާ މެހެމާނުންނަށް ޒިޔާރަތް ކުރިއިރު އެމީހުންގެ ހިދުމަތުގައި އުޅުނީ މިދެންނެވި ދަރުމަވެރީންނެވެ. އުމުރުން 17 އަހަރުން ފެށިގެން މަތީގެ 1000 އެއްހާ ވޮލަންޓިއަރުން ސަމިޓުގައި ހަރަކާތްތެރިވިއިރު ގިނައީ އެއްވެސް ތަޖުރިބާ އެއް ނެތް އާ ކުދިންނެވެ.

ބުބަނޭޝްވަރު އެއާޕޯޓުން ދިވެހި ވަފުދަށް ވޮލަންޓިއަރުންތަކެއް މަރުހަބާ ކިޔަނީ ---

އަދި ގިނަ ދަރުމަވެރިންނަކީ ހޮސްޓެލްތަކުގައި އުޅޭ ކިޔަވާ ކުދިންނަށްވާއިރު، ސަމިޓުގެ ބައެއް މަސައްކަތްތައް ނިމޭލެއް ލަސްކަމުން ހޮސްޓެލް ބަންދުކުރުމުގެ ކުރިން ނުދެވި ބައެއް ކުދިން ނިދީ ހޮޓެލް ލޮބީގައި ހުންނަ ގޮނޑިތަކުގައެވެ. އަނެއް ބައި ކުދިން ތިބީ ހޭލައެވެ.

ގިނަ ކުދިން ބުނާ ގޮތުން އެކުދިން އުޅުނީ އެންމެ ގަޑިއިރެއްގެ ނިދި ނިދާލައިގެންނެވެ. ކެއުމަށް ވަގުތު ލިބެނީ މަދު ފަހަރަކުއެވެ. އުޅެން ޖެހުނު ގޮތުން ބައެއް ކުދިން ބަލިވި ނަމަވެސް، ބޭސް ކައިގެން ހިދުމަތުގައި އުޅުނެވެ. އާއިލާއާ ދުރުގައި ކިޔަވަން އައިސް އުޅުނު އެ ކުދިންނަށް އާއިލާއަށް ގުޅާލާނެ ވަގުތެއް ވެސް ގިނަ ފަހަރު ނުލިބެއެވެ.

މި ވާހަކަތަކަކީ ސަމިޓަށް ދިޔަ ވަފުދުގެ ބައިވެރިންނަށް އާ ވާހަކަތަކަކަށް ނުވެދާނެއެވެ. އެ ވޮލަންޓިއަރުންގެ ހަރަކާތްތައް އެންމެ ކައިރިން ފެނިފަ ހުންނާނީ ދިވެހި ވަފުދަށެވެ.

ސަމިޓުގައި ހަރަކާތްތެރިވި ބައެއް ވޮލަންޓިއަރުން ---

ބައެއް ދުވަސްތަކުގައި ގެއަށް ނުދެވި ތިބޭ އަންހެން ވޮލަންޓިއަރުން ހޮޓެލް ލޮބީގައި ނިންދެވުމުގެ ބަދަލުގައި ދިވެހި ކުދިންގެ ކައިރީގައި ނިންދަވައި، ބަލިވާއިރަށް ބޭސް ދިނުމުގައި ވެސް އުޅުނީ ދިވެހިންނެވެ. އެކަން ވޮލަންޓިއަރުން ވެސް ފާހަގަ ކުރަނީ ޝުކުރު ވެރިކަމާއެކު އެވެ.

ސަމިޓުގައި ހަރަކާތްތެރިވި ވޮލަންޓިއަރަކު ވަރުބަލިވެގެން ނިދިފައި ---

މުޅި ސަމިޓުގެ އެންމެ ހިންގުންތެރި ފިރިހެން ވޮލަންޓިއަރުގެ އެވޯޑް ލިބުނު ސަންގުރާމް ބުނީ، ދިވެހިންނަކީ އޭނާއަށް އާ ބައެއް ކަމަށާއި އެހެންކަމުން ދިވެހި ވަފުދާ ބައްދަލުކުރަން ލިބުމުން ޝައުގުވެރިވި ކަމަށެވެ.

އަދި ދިވެހި ވަފުދާއެކު ޝާމިލުވެ އުޅުނު މަދު ދުވަސްކޮޅުގެ ތެރޭގައި ދިވެހިންނަކީ ވަގުތަށް ކަމޭހިތާ އަހުލާގު ހިފަހައްޓާ، އެކުވެރި މިޒާޖެއްގެ ބައެއްކަން ފާހަގަވި ކަމަށާއި ދިވެހިންގެ އުޅުން ވަރަށް ކަމުދާ ކަމަށް އޭނާ ބުންޏެވެ.

ބައެއް ވޮލަންޓިއަރުންނާއެކު ދިވެހި ދެ ބައިވެރިއަކު ސެލްފީއެއް ނަގަނީ (އިއްސެ ވ1 އަދި މުއައްޒިން ކ2) ---

"ރަފިއްޔާ މޭމް އަކީ ވީއައިޕީއެއް، ނަމަވެސް ވަރަށް އެކުވެރި. އަދި އަހަރެމެން ކޮންދިން ކޮންމެ ކަމަކަށް ދިވެހިން ޝުކުރު އަދާކުރޭ. ޝުކުރު އަދާކުރުމަކީ މީހަކު ކުރާ ކަމެއް އެއީ ރަނގަޅު ކަމެއްކަން އިހުސާސް ކޮށްދޭ ކަމެއް. އަދި ދިވެހިންގެ ފަރާތުން އަހަރެމެންނަށް އެ އިހުސާސް ކުރެވުނު،" ސަމިޓުގެ ދަތުރުފަތުރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ސަންގުރާމް ބުންޏެވެ.

އަދި މަސައްކަތުގައި އުޅެނީ ކައިގެންތޯ ނުވަތަ ނިދައިގެންތޯ ދިވެހިން ބަލާކަން ފާހަގަކޮށް ސަންގުރާމް ބުނީ، އެއީ އެމީހުންގެ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި އެކަމަށްޓަކައި ދިވެހި ވަފުދަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ހޮޓެލްގައި މަސައްކަތް ކުރަން ހުރި ނަމަވެސް އެންމެ ފަހު ދުވަހު ދިވެހި ވަފުދު ފުރުވަން އެއާޕޯޓަށް ދިޔައީ ހަމަ ނުހުރެވިގެން. ދިވެހި ވަފުދާއެކު ފަހު ވަގުތު ވެސް ހޭދަކޮށްލަން ބޭނުންވި،" ދިވެހިރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ބުނެ ސަންގުރަމް ބުންޏެވެ.

ދިވެހި ވަފުދުގެ ބައިވެރިއަކާއެކު ސަމިޓުގެ އަންހެން ވޮލަންޓިއަރުންތަކެއް ސެލްފީއެއް ނަގަނީ ---

ސަމިޓުގައި ހުރިހާ ގޮތަކުން އެއްވަނަ ލިބުނު އަންހެން ވޮލަންޓިއަރު ވެސް ސަންގުރަމްގެ ވާހަކައަށް ތާއީދު ކުރެއެވެ. ދިވެހިންގެ ކަންކަމުގައި އެންމެ ހަރަކާތްތެރިކޮށް އުޅުނު ޕޫޖާ ސިންހަ ބުނީ، ދިވެހިންނާއެކު ހޭދަކުރަން ލިބުނު ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ސަމިޓުގައި ހަރަކާތްތެރިވި ވޮލަންޓިއަރަކު ވަރުބަލިވެގެން ނިދިފައި ---

އަދި ސަމިޓުގެ ކަންކަމުގައި އެހެން ގައުމަކަށް ދިމާނުވާ އެތައް ދަތިކަމެއް ދިވެހި ވަފުދަށް ކުރިމަތިވި ނަމަވެސް ހިނިތުންވުމާއެކު އެއްބާރުލުން ދިން ކަން ފާހަގަކޮށް ޕޫޖާ ބުނީ، ދިވެހިންނަކީ ހެޔޮ ހިތެއްގެ ވެރި ބައެއް ކަމަށެވެ. އަދި އޭނާއަށް ލިބުނު އެވޯޑަކީ ވެސް ދިވެހިންގެ ސަބަބުން ލިބުނު އެވޯޑެއް ކަން އޭނާ ގަބޫލު ކުރެއެވެ.

އެކަން އޭނާއަށް އެވޯޑް ލިބުނު ރަސްމިއްޔާތުގައި ވެސް ފެނިގެންދިޔައެވެ. ލިބުނު އެވޯޑާއެކު ޕޫޖާ އެންމެ ފުރަތަމަ ދިޔައީ ވެސް ދިވެހިންގެ ގާތަށެވެ. އަދި ޕޫޖާއަށް އެވޯޑް ލިބުމުން އެކަމާ އެންމެ ބޮޑަށް އުފާކުރި ބަޔަކީ ވެސް ދިވެހި ވަފުދުގެ ބައިވެރިންނެވެ.

ރަފީ އެންޖީއޯގެ ފައުންޑަރ އަދި ރައީސާ ރަފިއްޔާއާއެކު ސަމިޓްގެ ހުރިހާ ގޮތަކުން އެންމެ މޮޅު އަންހެން ވޮލަންޓިއަރު ޕޫޖާ އަދި އިތުރު ވޮލަންޓިއަރަކު ސެލްފީއެއް ނަގަނީ ----

comment ކޮމެންޓް