ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ

ށ. ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެފައި. އެތަން ވަނީ އެއްކޮށް ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ށ. ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެ އެ ހާދިސާގައި އިންޖީނުގެ އެއްކޮށް އަނދައި ހުލިވެއްޖެެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބިލެއްފަހި އިންޖީނުގޭގައި ރޯވި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، މިރޭ 23:55ގައި ކަމަށެވެ. ބިލެއްފަހި އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ބިލެއްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ، މިރޭ 11:45 ކަންހާއިރު އެރަށު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަން އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.

"އިންޖީނުގޭގައި ޑިއުޓީގައި ތިބި ދެ މުވައްޒަފުންނަށް ފެނުނީ، ދުންއަރަނިކޮށް. ދެން އެމީހުން އަވަހަށް ކޮންޓްރޯލް ރޫމުން ނުކުތީ. އޭރު ހަމަ ގަދައަށް އަލިފާން ރޯވެފައިވަނީ. އެހިސާބުން ރައްޔިތުން ނުކުމެ މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި. އެކަމަކު އެތަން މިވަނީ ހަމަ އެއްކޮށް އަނދައި ހުލިވެފައި،" ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި އެހެން ނަމަވެސް އިންޖީނުގޭން އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވޭ ކަމަށެވެ. އަދި މިވަގުތުވެސް ރައްޔިތުންގެ ގިނަ ބަޔަކު އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ބިލެއްފަހި އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދިޔައީ 112 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. އަދި އެތަނުގައި 80 ކިލޯގެ ޖަނަރޭޓަރަކާއި، 27 ކިލޯގެ ޖަނަރޭޓަރެއްގެ އިތުރުން 120 ކިލޯވޮޓްގެ ޖަނަރޭޓަރެއްވެސް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ބޮޑުމިނުގައި ގާތްގަނޑަކަށް 1.9 ކިލޯމީޓަރު، ފުޅާމިނުގައި 600 ވަރަކަށް މީޓަރު ހުންނަ ބިލެއްފައްސަކީ އާބާދީގައި ގާތްގަނޑަކަށް 600 މީހުން ދިރިއުޅޭ ރަށެކެވެ.

ބިލެއްފަހި ކައުންސިލްގެ ރައީސް ވިދަޅުވީ، މިވަގުތު ރަށް އޮތީ، ކަނު އަނދިރީގައި ކަމަށާއި، އެހީތެރިކަން ހޯދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް