ޕެލަސް އަތުން ފަސޭހަ މޮޅެއް ހޯދައި، ސިޓީ ފަސް ބެލުމެއް ނެތި ކުރިއަށް

ޕެލެސްއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 5-0 ލަނޑުގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ފަސް ލަނޑު ޖަހައި، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.

ސީޓީގެ އެއްތިހާދު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ސިޓީން ކާމިޔާބުކޮށްފައި ވަނީ 0-5 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން ސިޓީ އެއްވަރުވި ނަމަވެސް، އެ ޓީމަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

މެޗު ފެށިގެން ޕެލަސް ވަނީ ރަނގަޅަށް ކުޅެ ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެ ޓީމުގެ މިޑްފީލްޑަރު ލޮފްޓަސް ޗީކްއަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭނާއަށް ލިބުނު އެ ދެ ފުރުސަތުގެ ބޭނުން ވެސް ރަނގަޅަށް ހިފިފައެއް ނުވެއެވެ.

ނަތީޖާއަކަށް ވީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ސިޓީން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. ހަނި އޭންގަލްއަކުން އެ ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ލެރޯއީ ސާނޭއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ސިޓީން ވަނީ ގިނަ ހަމަލާތަކެއް ޕެލަސްގެ ގޯލަށް ފޮނުވާލައިފައެވެ. އެގޮތުން ރަހީމް ސްޓާލިން ވަނީ މެޗުގެ 51 މިނެޓުގައި ލަނޑެއް ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ސްޓާލިންއެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ސީޓީގެ ހަތަރުވަނަ ލަނޑު ސާޖިއޯ އަގުއޭރޯ ކާމިޔާބު ކޮށްދިން އިރު، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފަބިއަން ޑެލްފްއެވެ.

އެ މެޗުން މޮޅުވުމާއެކު ސިޓީއަށް ވަނީ ކުޅުނު ހަ މެޗުން 16 ޕޮއިންޓު ލިބިފައެވެ. ސިޓީން ޖުމްލަ 18 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.

comment ކޮމެންޓް