އަލްވާރޯ މޮރާޓާގެ ހެޓްރިކާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދައިފިއެވެ.
ސްޓޯސްގެ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ޗެލްސީ އޮތީ ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ.
އެ މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ދެވަނަ މިނެޓްގައި ސެސާ އަޒްޕެލިކުއެޓާ ދިން ބޯޅައަކުން އެ ގޯލު ޗެލްސީއަށް ކާމިޔާބުކޮށްދިނީ މޮރާޓާއެވެ.
އެ ގޯލަށްފަހު ސްޓޯކްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ޓީމުގެ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 30 ވަނަ މިނެޓްގައި ޕެޑްރޯ ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދީފައެވެ.
ދެވަނަ ހާފްގައި ޗެލްސީގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން މޮރާޓާއެވެ.
އަދި މެޗުގެ 82 ވަނަ މިނެޓްގައި މޮރާޓާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޗެލްސީއަށް ބަދަލުވި ފަހުން މޮރާޓާ އެ ޓީމަށް ކާމިޔާބު ކޮށްދިން ހަ ވަނަ ލަނޑެވެ.
ލީގުގައި ޗެލްސީ މޮޅު ވެފައިވާއިރު، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ވަނީ ކްރިސްޓަލް ޕެލެސް ކޮޅަށް ފަސް ލަނޑު ޖަހައި ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ 0-1 އިން ސައުތުހޭމްޓަން ބަލިކޮށް ޕޮއިންޓުގެ ގޮތުން ސިޓީއާ އެއްވަރު ކޮށްފައެވެ.