އެކި ގޮތް ގޮތަށް އެ ނަން ކިޔާ އުޅޭ އަޑު އިވޭނެ އެވެ. ހާއްސަކޮށް މީޑިއާތަކުންނެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. ބޭރުގެ މީޑިއާތަކުން ވެސް އެ ނަން ދެ ގޮތަކަށް ބޭނުންކުރެ އެވެ.
އިނގިރޭސީ ބަހުން ހަބަރު ފަތުރާ ގިނަ މީޑިއާތަކުން އެ ނަން ބޭނުން ކުރަނީ "ރޮހިންޖާ"ގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަގުބޫލު، ބީބީސީ އާއި ސީއެންއެން ހިމެނެ އެވެ. ނަމަވެސް އަލްޖަޒީރާ އިންގުލިޝް އިން ރޮހިންޖާ އާއި ރޮހިންގާ ވެސް ކިޔަ އެވެ. މީގެ ފަސް އަހަރު ކުރިން، 2012 ވަނަ އަހަރު މިޔަންމާގެ ރާހިން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާއްމާ ގުޅިގެން އަލްޖަޒީރާ އިންގުލިޝް އިން ރިޕޯޓުކޮށްފައި ވަނީ "ރޮހިންގާ" ގޮތުގަ އެވެ. އެކަމަކު އަލްޖަޒީރާ އިންގުލިޝްއިން މިހާރު ބޭނުން ކުރަނީ ރޮހިންޖާ މި ގޮތަށެވެ.
އަލްޖަޒީރާ އަރަބިކުން މުޅިން ބޭނުން ކުރަނީ "ރޮހިންގާ"އެވެ. އަރަބި ގިނަ މީޑިއާތަކުން ބޭނުންކުރަނީ އެ ގޮތަށެވެ.
ދިމާވެގެން މި އުޅޭ މައްސަލައަކީ ނަމުގެ ނިމޭ އަކުރުގެ އަޑު ބަދަލުވާ މައްސަލައެވެ. ގާފުގެ އަޑު ޖަވިޔަނީގެ އަޑަށް ބަދަލުވި މައްސަލައެވެ. އަދި ރޮހިންޔާ އާއި ރޮހިންޏާ ވެސް ކިޔަން ފެށި ވާހަކަ އެވެ.
ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން، އެ މީހުންގެ ވާހަކަތައް ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށް "ސަން"އިން ބަންގުލަދޭޝްއަށް ފެށި ދަތުރުގައި ލުއި ގޮތަކަށް މި ސުވާލު ރޮހިންގާ މީހުންނާކޮށްލީމެވެ.
ތަރުޖަމާނެއްގެ އެހީގައި އެ ސުވާލުކޮށްލުމުން ޖަވާބު ލިބުނީ ކުރުކޮށެވެ.
"[ރޮހިންގާ މީހުން] ވާހަކަ ދައްކާއިރު، އެއްވެސް މީހަކު ނުކިޔާނެ ރޮހިންޖާ އޭ. ކިޔައި އުޅެނީ ރޮހިންގާ،" މިޔަންމާގެ ރާހިން ސްޓޭޓު ދޫކޮށް، މި މަހުގެ 11 ވަނަ ދުވަހު ބަންގުލަދޭޝްއަށް އެތެރެވި އުމުރުން 24 އަހަރުގެ ތުންބުރު ތާނަ ބުންޏެވެ.
އަޅުގަނޑުމެން އިންޓަވިއު ނެގި މީހުންގެ ވާހަކައިގެ ތެރޭގައި އެ މީހުންނަށް ނިސްބަތްކޮށް، ވާހަކަ ދެއްކިއިރު ވެސް މުޅިންހެން ކިޔައި އުޅެނީ ރޮހިންގާ އެވެ. ރޮހިންޖާއޭ ބުނި އަޑެއް ނާހަމެވެ.
ރާހިން ސްޓޭޓާ އެންމެ ކައިރީގައި އޮންނަ ބަންގުލަދޭޝްގެ ކޮކްސް ބާޒާރާއި ޗިޓަގޮން މީހުން ވެސް ކިޔައި އުޅެނީ ރޮހިންގާ އެވެ. އަދި ބަންގުލަދޭޝްގެ މީޑިއާތަކުން ވެސް ބޭނުން ކުރަނީ އެގޮތަށެވެ.
ބަންގުލަދޭޝްގެ ބަހާއި ރޮހިންގާ މީހުންގެ ބަހާކީ ދާދި އެއްގޮތެވެ. ތަފާތަކީ ބަހުރުވަ އާއި ރާގެވެ.
ދުނިޔޭގެ ތާރީހީ ކަންކަން ދިރާސާކުރާ އަދި ބަންގާޅު ބަހުން ފޮތްތައް ލިޔެ ޝާއިއު ކުރަމުންދާ ނޫރުލް އިސްލާމް ޗޯދުރީ (ޗޯދުރީ) "ސަން"އަށް ވިދާޅުވީ ރޮހިންގާ އެ ނަން އުފެދިފައި ވަނީ އެ މީހުން ދިރިއުޅުނު ސަރަހައްދުގެ ގޮތުން، އެ މީހުންނަށް ނިސްބަތްވާ ގޮތަށެވެ. ރޮހިންގާ މި ނަމުގެ މާނައެއް ނޯންނަ ކަމަށާއި ރޮހިންގާ، އެ ބަހުގެ ނިމޭ އަކުރު އެކި ގޮތްގޮތަށް ބޭނުން ކުރަނީ އެ ނަން އިނގިރޭސީ ބަހުން ލިޔާ ގޮތުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ޗޯދުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ވާހަކަ ދައްކާ އުޅޭ ބަސްތަކުގެ އަޑުތައް އިނގިރޭސީ ބަހުން ނެރުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށެވެ. އެ މައްސަލަ ދިމާވަނީ ހަމައެކަނި އިނގިރެސީ ބަހަށް ނޫން ކަމަށާއި އެހެން ބަަސްތަކަށް ވެސް އެ މައްސަލަ ދިމާވާ ކަމަށް ޗޯދުރީ ވިދާޅުވި އެވެ.
"[ކޮކްސް ބާޒާރުގެ ވަޒަންވެރިނަކީ] އެ މީހުންނާ އެންމެ ކައިރީގައި އުޅޭ މީހުން. އެ މީހުންނަށް ކިޔައި އުޅެނީ ރޮހިންގާ. ޖީލުތަކަށް ދެމިގެންމިދަނީ ރޮހިންގާގެ ނަމުން ކިޔައި އުޅޭތާ،" ޗިޓަގޮންއަށް އުފަން، ނަމަވެސް ކޮކްސް ބާޒާރުގައި މިހާރު ދިރިއުޅޭ ޗޯދުރީ ބުންޏެވެ.
ހަގީގަތަށް ފީނައި ބެލުމުން، ވީ ގޮތް ސާފުވެއްޖެ އެވެ. އަޅުގަނޑުމެންނަށް އެ ބަސް ބޭނުންކުރުމުގައި ދައްޗެއް ނެތެވެ. ގާފުގެ އަޑު ފަސޭހަކަމާއެކު ފާޅުކުރެވޭ ގޮތަށް ރޮހިންގާ ކިޔޭނެ އެވެ. ރޮހިންޖާ ކިޔަންޖެހޭ ސަބަބެއް ނެތެވެ. އެ ނަން ނިސްބަތްވާ އަދި ރައްދުވާ އަދި ވަޒަންވެރިން އެ ބުނަނީ އެ މީހުންގެ ނަމަކީ ރޮހިންގާ ކަމަށެވެ.
ބައެއް ހަޟާރަތްތަކުގެ މީހުންނަށް އެކި އަޑުތައް ނެރެން އުނދަގޫ ވިޔަސް ދިވެހި ބަސް، ބޭނުންކުރާ ދިވެހިންނަށް އެ ހާލަތެއް މެދުވެރިއެއްނުވެ އެވެ. ތަޖުވީދުގެ އަޑުތަކަށް، ފެތޭ ގޮތަށް ބަސްތައް ބުނުމުގައި ދިވެހިންނަކީ ދޫ ފަސޭހަ ބައެކެވެ. އެނބުރި ދާންވީ ހަގީގަތަށެވެ.