ރަސްފަންނުގައި މާދަމާ ހަވީރު ވަރަށް ޚާއްސަ ކުޑަކުދީންގެ ހަވީރެއް ބާއްވާ ވާހަކަ ވަރަށް ފޯރިއާއެކު އެބަ ދެކެވެއެވެ. "ކިޑްސް ފިއެސްޓާ 2017"ގެ ނަމުގައި މާދަމާ ބާއްވާ ކުޑަކުދީންގެ ހަވީރަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްސަ ހަވީރެކެވެ.
ހަގީގަތުގައި ވެސް މިއީ ހަމަ ތަފާތު ހަވީރަކަށް ވެދާނެބާވައެވެ. މި ސުވާލުގެ ޖަވާބު ހޯދައިލަން އެމްއާރްޑީސީގެ މައި މަރުކަޒަށް ޒިޔާރަތްކޮށްލީމެވެ. އަދި އެތަނުގެ މުވައްޒަފުން އެ ތައްޔާރީތައް ވަމުންދާގޮތް ބަލައިލެވޭތޯ މަސައްކަތް ކުރީމެވެ.

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
އެމްއާރްޑީސީގެ މައި އޮފީސް އިމާރާތް ހުންނަ ގޯތިތެރެއަށް ވަދެގެން ދިޔައިރު، އެތަނުގެ މުވައްޒަފުން ނިކަން ފޯރީގައި މަސައްކަތްކުރަމުންދާ މަންޒަރު ފެނުނެވެ. ނަމަވެސް އެއީ މަގުހެދުމުގެ މަސައްކަތެއް ނޫނެވެ. އަދި ގާއެޅުމުގެ މަސައްކަތްކެއްވެސް ނޫނެވެ. އެހެން ނަމަވެސް، ޕްލައިވުޑް ފިލާތަކާއި، ދަގަނޑު ހޮޅިތަކާއި ބޯ ފުޅިމަދު ޝީޓުތައް އެކި ގޮތްގޮތަށް، ތަފާތު ބައްޓަމަށް ބުރިކޮށް ކޮށަމުން ދިޔައެވެ.
އެތަނުން ވާހަކަ ދައްކާލާނޭ މީހަކު ހޯދަމުން ދަނިކޮށް، އެމްއާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު ފާތިމަތު މުސްޠަފާ އާ ދިމާވިއެވެ. އަދި މިކަމުގެ މައުލޫމާތު އޮޅުންފިލުވާލަން ފާތުންއާ ކުޑަކޮށް ސުވާލުކޮށްލީމެވެ.

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނުގައި ބާއްވާ އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"ގެ ދައުވަތު ކާޑު-- ސަން ފޮޓޯ: އެމްއާރްޑީސީ
"މިއީ ވަރަށް ބޮޑު ސިއްރެއް. ސަޕްރައިޒެއް. މިއީ ޑިޕާޓްމަންޓު ތަކުގެ މެދުގައި ކުރިއަށްދާ ވަރަށް ވާދަވެރި ހަރަކާތަކަށް ވެފަ މިވަނީ. އަޅުގަނޑުވެސް މިއުޅެނީ މި ބޭފުޅުން ތައްޔާރުކުރާ ތަކެތި ނުފެނިގެން. އެއްވެސް އެއްޗެއް ފުރިހަމަކޮށްފަ ހުއްޓައެއް އަދި ނުފެނޭ. އެކަމަކު ވަރަށް ފޯރީގައި މަސައްކަތް ކުރިއަށް ދަނީ،" ފާތުން ކިޔައިދެއްވިއެވެ.
"ކުރިން މިގޮތަށް ކުރާ މަސައްކަތްތައް އެންމެނަށް ވެސް އެނގޭނެ. އެކަމަކު މިފަހަރު ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންގެ މެދުގައި އޮތް ސިއްރަކަށް ވެފަ މިވަނީ. ދެން ހަމަ ޔަގީނުންވެސް މާދަމާ ހަވީރު ރަސްފަންނުން ފެނިގެން ދާނެ މި ތައްޔާރުކުރާ ތަކެތި."

އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"އާ ގުޅޭ ގޮތުން އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓުގެ މުވައްޒަފަކު މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
ދެން ހިތަށް އެރީ މި މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެމްއާރްޑިސީގެ ބައެއް ޑިޕާޓްމަންޓު ތަކުގެ މުވައްޒަފުން ގާތު އަހައި، ކަމެއް އޮޅުންފިލާތޯ ބެލުމަށެވެ. އެހެންވެ ފާތުންއާއެކު ޑިޕާޓްމަންޓުތަކަށް ވެސް ވަދެލީމެވެ.
"ހުރިހާ ޑިޕާޓްމަންޓް ތަކުންވެސް މަސައްކަތް ކުރަމުން މިގެންދަނީ ވަރަށް ކޮމްޕެޓިޓިވްކޮށް. ކުރިން ކަމެއް ވެއްޖިއްޔާ ޕަބްލިކް ގްރޫޕްގަ (ވައިބަރ) އިނދޭ ހަމަ. މިހާރު ހަމަ އެއްވެސް އަޕްޑޭޓެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ބައެއް މީހުން ވަރަށް ފޮރުވައިގެންވެސް އެބަ ގެންގުޅޭ،" އެމްއާރްޑީސީން މާދަމާ ރަސްފަންނުގައި ބާއްވާ ކުޑަކުދީންގެ ހަވީރާ ގުޅޭގޮތުން އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓުގެ މުވައްޒަފަކު ބުންޏެވެ.
"ކޮންމެ ޑިޕާޓްމަންޓަކުން ވެސް އިންނާނެ ސްޓޯލެއް ހަދާފައި. ދެން އޭގެ ތެރޭގަ ކުޑަކުދީންނާ ގުޅޭ އެކިކަހަލަ ކުޅިވަރުތައް ހުންނާނެ. ކުޅިވަރުތަކުގަ ބައިވެރިވީމަ ކުދީންނަށް ގިފްޓް ލިބޭނެ."

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
އެޗްއާރް ޑިޕާޓްމަންޓުންވެސް މާކަ ބޮޑު މައުލޫމާތެއް ނުލިބުނެވެ. ނަމަވެސް ކުޑަކުދީންގެ ހަވީރަށް، ތަފާތު ތީމްތަކަށް އެމްއާރްޑީސީން ތައްޔާރުކުރާ ސްޓޯލްތަކުގައި، ކުޑަކުދީންގެ މެދުގައި މަގުބޫލު ކާޓޫން ކެރެކްޓަރ ތަކާއި އަދި އެނޫންވެސް އެ ކުދީންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ ތަފާތު ކަންތައްތަކެއް ފެނިގެން ދާނޭކަން މުވައްޒަފުންގެ ވާހަކަތަކުން ޔަގީން ކުރެވުނެވެ. ދެން ދިޔައީ ޕްރޮޖެކްޓްސް ޑިޕާޓްމަންޓާ ދިމާއަށެވެ. އެތަނުން ދިމާވި މުވައްޒަފަކާވެސް ވާހަކަ ދައްކާލީމެވެ.
"މިއީ އަޅުގަނޑުމެންގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މެދުގައި ކުރިއަށްދާ ވަރުގަދަ ޗެލެންޖެއް،" މުވައްޒަފުންގެ މެދުގައި އޮތް ފޯރި ސިފަކޮށްދެމުން ލޮޖިސްޓިކް އޮފިސަރ މުޙައްމަދު އަބްދުލް ހާދީ ކިޔައިނެވެ.
"މީގަ ބޭނުންވަނީ އެއްބަޔަކު އަނެއްބަޔަކަށް ހުނަރު ދައްކާލުން. ދެން ހަމަ ހުރިހާ ސްޓާފުން ބައިވެރިވާ މިހަރަކާތުގައި އެ މުވައްޒަފުންގެ ހުނަރު ރައްޔިތުންނަށް ދައްކާލުން."

އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"އާ ގުޅޭ ގޮތުން އެ ކުންފުނީގެ ލޮޖިސްޓިކް އޮފިސަރ މުޙައްމަދު އަބްދުލް ހާދީ މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
ކޮންމެ މުވައްޒަފަކުވެސް ބަލަނީ ވީހާވެސް ދުރުދުރުން ވާހަކަދައްކާށެވެ. އެއް ޑިޕާޓްމަންޓަކުން ހަދާ ސްޓޯލްތަކުގެ މައުލޫމާތު އަނެއް ޑިޕާޓްމަންޓަކަށް ސިއްރުކުރުމަށެވެ. ވާދަވެރި މާހައުލެއްގައި އުފައްދާ ތަކެތީގެ ތެރޭން ރައްޔިތުންގެ ޝައުގުވެރިކަން އެންމެ ބޮޑަށް ދަމައިގަންނާނީ ތިމަންނަމެންގެ ސްޓޯލަށް ހެދުމަށެވެ.
އަހަރީދުވަހުގެ މުނާސަބާގައި ބާއްވާ ކިޑްސް ފިއެސްޓާއަށް ތައްޔާރުވުމަށް އެމްއާރްޑީސީން ވަނީ އިންތިޒާމް ކޮމިޓީއެއްވެސް އެކުލަވައިލައިފައެވެ. ކޮމެޓީން ދަނީ މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށް ރަނގަޅަށް މޮނިޓަރކުރަމުންނެވެ. އެހެން ނަމަވެސް، ރަސްފަންނުގައި މާދަމާ ބާއްވާ ކުޑަކުދީންގެ ހަވީރުގައި ހުންނަ ސްޓޯލްތަކުގެ މާކަބޮޑު ތަފްސީލެއް އެ ކޮމިޓީންވެސް ހާމައެއް ނުކުރިއެވެ. ބޭނުމަކީ، ހުރިހާ ކުޑަކުދީންނަށްވެސް "ސަޕްރައިޒެއް" ދިނުމަށެވެ.
"މި އިވެންޓްގައި ގާތްގަނޑަކަށް 10 ސްޓޯލް ހުންނާނެ. ކޮންމެ ސްޓޯލަކީވެސް އެއް ސްޓޯލަށްވުރެ އަނެއް ސްޓޯލެއް ތަފާތުވާނެ. ކޮންމެ ސްޓޯލަކީ އެއް ޑިޕާޓްމަންޓް ރިޕްރެޒެންޓް ކޮށްދޭ ސްޓޯލެއް. ކުޑަކޮށް ޗެލެންޖިންވެސް ވާނެ، ހަމަ ތަފާތުވެސް ވާނެ،" ސްޓިއަރިން ކޮމިޓީގައި ހަރަކާތްތެރިވާ، ޕްރޮކިއުމަންޓް އޮފިސަރ ނަބީހް އަފީފް ވިދާޅުވިއެވެ.
"އެއް ސްޓޯލެއްގަ ހުންނަ ކުޅިވަރުތަކެއް ނޫން އަނެއް ސްޓޯލްގައި ހުންނާނީ. ދެން އާންމުކޮށް ބާއްވާ ކުޑަކުދީންގެ ހަވީރުތަކުގެ ހުންނަ ކުޅިވަރުތަކަށްވުރެ ތަފާތު ކުޅިވަރުތައް ހުންނާނެ މި ސްޓޯލްތަކުގަ."

އެމްއާރްޑީސީގެ "ކިޑްސް ފިއެސްޓާ 2017"އާ ގުޅޭ ގޮތުން އެ ކުންފުނީގެ ޕްރޮކިއުމަންޓް އޮފިސަރ ނަބީހް އަފީފް (ކ) އާއި ޕްރޮޖެކްޓް އޮފިސަރު ސައްދާމް ހުސައިން (ވ) މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
މުވައްޒަފުންގެ ވާހަކަތަކުން ދޭހަވީ ހަމަ މިއީ ވަރަށް ފޯރިގަދަ ހަރަކާތަކަށް ވާނޭކަމެވެ. އެގޮތުން، ރަސްފަންނުގެ މޫދަށް ވާގޮތަށް ހުންނަ ޕެވިލިއަންއިން ފެށިގެން ވެސްޓްޕާކާ ހަމައަށް އޮންނަ ސަރަހައްދު އެއްކޮށް މި ފިއެސްޓާގެ ސްޓޯލްތަކަށް ބޭނުންކުރާނޭކަމަށް އެމްއާރްޑީސީން މައުލޫމާތުދެއެވެ.
މާދަމާ ހަވީރު 4:00ގައި ފަށާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހަމަ ކޮންމެ ކުއްޖަކަށްވެސް ހުޅުވާލާފައެވެ. އެގޮތުން އެތަނުގައި ހުންނަ އެންމެ ސްޓޯލެއް ފިޔަވައި އެހެން ހުރިހާ ސްޓޯލްތަކަކީ، ހިލޭ ވަދެވޭ، އަދި ކުޅިވަރުތަކުގައިވެސް ބައިވެރިވެ އިނާމުތައް ހޯދޭނޭ ސްޓޯލްތަކެވެ. މި ފިއެސްޓާ ނިންމާލާނީ މާދަމާ ހަވީރު 6:00ގައެވެ.
އަޅުގަނޑުމެން ބަހައްޓާނަން ކުޑަ ފުޑްސްޓޯލެއް. އެއީ މިފްކޯއިން ސްޕޮންސަކޮށްގެން ބަހައްޓާ ސްޓޯލެއް. އެތާނގައި ހުންނާނީ މިފްކޯގެ އުފެއްދުންތައް. އެތަނުން ކާއެއްޗެހި ވިއްކާފައި ލިބޭ ލާރި އަޅުގަނޑުމެން ހަދިޔާކުރުމަށް ހަމަޖެހިފައި ވަނީ ކުޑަކުދީންގެ ހިޔާއަށް. އެހެންވެ މި ފުޑް ސްޓޯލް ހާއްސަވެގެން ދަނީވެސް،" ނަބީހް ވިދާޅުވިއެވެ.

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
އެއްފަހަރާ ގިނަ ކުޑަކުދީންތަކެއް ޖަމާވާނޭކަމަށް ބަލައި، އެމްއާރްޑީސީން ވަނީ، އެތަނުގެ ސާފުތާހިރު ކަމާއި ސަލާމަތީ ކަންކަމަށްވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ކުޑަކުދީންގެ ހަވީރު ފެށިގެން ނިމެންދެން، އެތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް އެ ކުންފުނީގެ ހާއްސަ ޓީމެއް ހަރަކާތްތެރި ވާނެއެވެ.
"އަޅުގަނޑުމެންގެ ހުރިހާ ސްޓޯލްތަކެއްގަ ވެސް އެކި އުމުރުފުރައިގެ ބައިވަރު ކުޑަކުދީން ބައިވެރި ވާތީ، ސެކިއުރިޓީ ކަންތަކާއި ހެލްތު އެންޑް ސޭފްޓީ ކަންތަކަށް އަޅުގަނޑުމެން ވާނީ ކުރިޔާލާ ވަރަށް ބޮޑަށް ތައްޔާރުވެފަ. އެގޮތުން ސެކިއުރިޓީގެ ވަރުގަދަ ޓީމެއް، އެމްއާރްޑީސީގެ ސްޓާފުން މުޅިން ވެސް އުޅޭނީ. އަޅުގަނޑުމެންގެ އިރުޝާދުގެ ދަށުން ސެކިއުރިޓީކަންކަން ވަރަށް ބޮޑަށް ބަލަހައްޓަމުން ދާނެ، އިވެންޓް ނިމެންދެންވެސް،" ޕްރޮޖެކްޓް އޮފިސަރު ސައްދާމް ހުސައިން ވިދާޅުވިއެވެ.

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: ޖަޒްލާން މުޙައްމަދު
"ދެން އެތަނަށް އަންނަ ކުދީންގެ ހުނަރުތައް ދައްކާލުމަށް ސްޓޭޖެއް ވެސް އިންނާނެ. އެތަނުގައި ހަމަ މަދަހައާއި އެނޫންވެސް އެކުދީންގެ ތަފާތު ހުނަރުތައް ދައްކާލެވޭނެ."
އެމްއާރްޑީސީގެ މި ބޮޑު ހަރަކާތަށް މުވައްޒަފުން ފޯރިއާއެކު ކުރާ މަސައްކަތް ކުރިއަށް ދަނީ ހަމަ އެކަނި ހެޑް އޮފީހުގައެއް ނޫނެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ޒިޔާރަތްކޮށްލުމުން ވެސް ފެނުނީ، ރޯޑް ކޯޕަރޭޝަންގެ މުވައްޒަފުން އަވަދި ނެތި ކަމަކަށް ތައްޔާރުވަމުންދާ މަންޒަރެވެ.
"އަޅުގަނޑުމެން މި ތަނުގަ ކުރިއަށް މިދަނީ، ސްޓޯލްތަކުގެ ޓެންޓުތަކާއި، އެތަނުގައި ބަހައްޓާ ބޮޑު ސްޓޭޖް ހެދުންފަދަ މަސައްކަތްތައް. މި ހުރިހާ ތަކެއްޗެއްވެސް މިހަދަނީ، ފަހުންވެސް އެކި ހަރަކާތްތަކަށް ބޭނުންކުރެވޭނޭ ގޮތަށް،" ސިނާއީ ސަރަހައްދުން ދިމާވި އެމްއާރްޑީސީގެ މުވައްޒަފަކު ބުންޏެވެ.

އެމްއާރްޑީސީ "ކިޑްސް ފިއެސްޓާ 2017"އަށް މުވައްޒަފުން ތައްޔާރުވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މި ހަރަކާތްތަކުގެ އިތުރުން، މާދަމާ ހަވީރު 4:00 އިން 6:00އަށް ކުރިއަށްދާ ކިޑްސް ފިއެސްޓާގައި ބައިވެރިވާ ފަރާތްތަކަށް، އެމްއާރްޑީސީގެ ވެހިކަލްތައް ދުއްވާލުމާއި އެ ތަކެއްޗާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ ނަގާފައިވާ ކުންފުނީގެ މުވައްޒަފުން މިދަނީ ބޮޑު ހަރަކާތަކަށް ތައްޔާރުވަމުންނެވެ. އެ މުވައްޒަފުން ބޭނުންވަނީ ކުންފުނީގެ ހަތްވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މުޅިން ތަފާތުކޮށް ކުރިއަށް ގެންދާށެވެ. އެއީ ރައްޔިތުންނާ ވީހާވެސް ގާތުންނެވެ. ކުރިއަށް އޮތް ޖީލުގައި ގައުމުގެ މުސްތަގުބަލު ކަމަށްވާ ލޯބިލޯބި ކުޑަކުދީންނާ އެކުއެވެ.
އެމްއާރްޑީސީގެ ހުރިހާ މުވައްޒަފުންވެސް އެދެނީ، ވީހާވެސް ގިނަ ބަޔަކު، މި ހަރަކާތުގައި ބައިވެރި ވުމަށެވެ. ބެލެނިވެރީން ގާތުން އެދެނީ، ހުރިހާ ކުދީން ގޮވައިގެން އެމްއާރްޑީސީގެ މުވައްޒަފުންނާއެކު އާއިލީ ހަވީރެއް ހަދާލުމަށެވެ. ދައުވަތު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.