އައިވައިސީ އިން އިސްނަގައިގެން އިންޑިއާ އަދި އެގައުމުގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާ ސަރުކާރު ގުޅިގެން ބޭއްވި ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ ކާމިޔާބީއަށްފަހު ދެވަނަ ސަމިޓް ސްރީ ލަންކާގައި ބާއްވަން ނިންމައިފިއެވެ.
ސޭސްގެ ދެވަނަ ސަމިޓް ލަންކާގައި ބާއްވާނެކަން އިއުލާންކުރީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާގެ ވެރިރަށް ބުބަނޭޝްވަރުގައި ބޭއްވި ސޭސް ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އަދި ރަސްމިއްޔާތުގައި އައިވައިސީގެ ދިދަ ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ.
ދެވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓް ލަންކާގައި ބާއްވަން ނިންމިއިރު، އެ ސަމިޓް ބާއްވަން ރާއްޖެއިން ވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. ރާއްޖެއާއި ލަންކާގެ އިތުރުން ދެން އެ ސަމިޓް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރީ ބަނގުލަދޭޝް އަދި ނޭޕާލުންނެވެ.
އައިވައިސީގެ ސެކްރެޓޭރިއެޓް އެޑްމިން ޖަޔަންތަ ކުމާރު ވިދާޅުވާ ގޮތުގައި، އަންނަ އަހަރުގެ ސޭސް އޮންނާނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ކަށަވަރުކޮށް ވަކި ތާރީޚެއް ބުނަން އެނގޭނީ ފަހުން ކަމަށް އޭނާ ވިދާޅުވެފައެވެ.
މިއަހަރުގެ ސަމިޓުގައި ވެސް 60 އަށްވުރެ ގިނަ ގައުމުން 400 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއިރު، ސާކް ގައުމުތަކުގެ އަށް ޔޫތް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް އިންޑިއާއަށް ވަނުމަށް ބޭނުންވާ ޕޮލިޓިކަލް ކްލިއަރެންސް ނުލިބިގެން މިއަހަރުގެ ސަމިޓްގައި ޕާކިސްތާނުގެ ވަފުދަކަށް ބައިވެރިއެއް ނުވެވުނެވެ.
މިއަހަރުގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް އިސް ބޭފުޅުންގެ ތެރޭގައި ބަނގުލަދޭޝް އަދި ބޫޓާންގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ އިތުރުން 16 އަހަރު ވަންދެން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރި އިންޑިއާ ސިވިލް ރައިޓްސް އަދި ޕޮލިޓިކަލް އެކްޓިވިސްޓް އިރޮމް ޝަރްމިލާ ނުވަތަ އަޔަން ލޭޑީ ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން މޮރިޝަސް އަދި މަލާވީން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި މެލޭޝިއާގެ އޭޝިއަން ޔޫތު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާއި ޔުނެސްކޯގެ ޗީފް ނޭޝަނަލް ޕްރޮގްރާމް ސްޕެޝަލިސްޓް އަދި ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައިވެ އެވެ.
ސަމިޓުގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ވެސް ހިމެނޭ ގޮތަށް ޖުމްލަ 34 ބައިވެރިންގެ ވަފުދެއް ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖެއަކީ ސަމިޓް ބޭއްވި އިންޑިއާއަށްފަހު އެންމެ ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވި ގައުމެވެ.