ޒުވާނުން ބާރުވެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އިންޓަނޭޝަނަލް ޔޫތް ކޮމިޓީ (އައިވައިސީ) އިން ދޭ "ގުލޯބަލް ޔޫތް އެވޯޑް" އަދި ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓުގެ އެންމެ މޮޅު އެމްބެސަޑަރުގެ އެވޯޑް "ރަފީ" ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ އާއިޝަތު ރަފިއްޔާއަށް ލިބިއްޖެއެވެ.
ގްލޯބަލް ޔޫތު އެވޯޑަކީ އައިވައިސީން ޒުވާނުންނަށް ދެމުން ގެންދާ އެންމެ ޝަރަފްވެރި އެވޯޑެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން ގެންދާ އެ އެވޯޑް މިހާތަނަށް 10 ޒުވާނަކަށް ދީފައިވާއިރު، މިއީ ގްލޯބަލް ޔޫތް އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެ އެވޯޑް ދެނީ އެކި ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައު އުފެއްދުންތެރި ހިޔާލުތައް ބޭނުންކޮށް، އެކަންތައްތައް ހާސިލްކުރުމަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހިންގައި އަންނަން އޮތް ޖީލުތަކަށް އެމީހުންގެ ބޭނުންތައް ފުއްދުމުގެ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ޒުވާނުންނަށެވެ.
ރަފިއްޔާއަށް އެ ދެ އެވޯޑް ހަވާލު ކޮށްފައިވަނީ އިންޑިއާގެ ބުބަނޭޝްވަރު ސިޓީގައި މިދިޔަ އާދީއްތަ ދުވަހުން އިއްޔެގެ ނިޔަލަށް ބޭއްވި ސައުތު އޭޝިއަން ޔޫތް ސަމިޓު ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރަފިއްޔާއަށް ގްލޯބަލް ޔޫތް އެވޯޑް ލިބޭނެކަން އައިވައިސީ ކުރިން އިއުލާން ކުރި ނަމަވެސް އެންމެ މޮޅު އެމްބެސަޑަރުގެ އެވޯޑް އިއުލާންކުރީ ރޭގެ ރަސްމިއްޔާތުގައެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ދިން އެވޯޑް ތަކުގެ ތެރެއިން ސަމިޓުގައި ބައިވެރިވި ރާއްޖޭގެ ވަފުދަށް ވަނީ ހުރިހާ ގޮތަކުން އެންމެ މޮޅު ގައުމުގެ އެވޯޑް ވެސް ލިބިފައެވެ.
އަންހެނުންނާއި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރަފިއްޔާއަކީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހޯއްދަވާފައިވާ ނަމޫނާ ކަނބަލެކެވެ.
އެގޮތުން އީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދީންނަށް ޔުނިވާސިޓީ އޮފް ކެބްރިޖުން ހިންގާ "ލީޑިން ޗޭންޖް" ކޯހުގެ މެންޓޯ ޕެނަލްއަށް ރަފިއްޔާ ދެ ފުރަތަމަ ހޮވިފައިވާއިރު އެ ޝަރަފް ލިބުނު ހަމައެކަނި ދިވެއްސަކީ ވެސް އެއީއެވެ.
އޭގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ އޮނޮރަރީ ޕްރެސިޑެންޓްކަން ރަފިއްޔާއަށް ލިބިފައިވާއިރު، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސަކީ ވެސް ރަފިއްޔާއެވެ.
އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދޭ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް"ގައި ރަފިއްޔާއަށް ވަނީ ކެރިއާ އެޗީވްމަންޓް މޯލްޑިވްސް އިން ގޯލްޑް އެވޯޑް ލިބިފައެވެ.