ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ޒުވާނުންގެ ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި

ރަހުނަކާ ނުލައި، 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާ، ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.

ގައުމީ ބެންކު، ބީއެމްއެލްއިން ބުނީ، މިއީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންއެއް ކަމަށެވެ.

މި ފައިނޭންސިން ޚާއްސަކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

އެ ބެންކުން ބުނީ، މި ފެސިލިޓީގެ ދަށުން، އެއްވެސް ޚަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިގޮތުން، އަހަރަކަށް ހަތް ޕަސެންޓުގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މީގެއިތުރުން، މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި ފައިނޭންސިން އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފައެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ. މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ވެސް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިފަދަ ފައިނޭންސިންގ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިންގ މެދުވެރިކޮށް ހޯދައި ދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް." ބަދުރުއްދީން ވިދާޅުވިއެވެ.

ޔޫތު އޮންޓްރަޕްރިނިއަޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް