މި އަހަރުގެ ވަރަ އެކްސްޕޯގެ ޓައިޓަލް އަދި ޕްލެޓިނަމް ސްޕޮންސަރަކަށް ވުމަށް ހޯމް މިނިސްޓްރީއާއެކު، ސަން ސިޔާމް ރިޒޯޓްސްއިން މިއަދު ސޮއިކޮށްފިއެވެ.
އުމަރު ޒާހިރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި ސަން ސިޔާމް ގުރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޒުލޭޚާ މަނިކުއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނަޒީރު ވަނީ، ޒުވާނުން ބާރުވެރި ކުރުމަށް ބާއްވާ ވަރަ އެކްސްޕޯގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސަން ސިޔާމް ގުރޫޕުން ބައިވެރިވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ކަމުން ސާބިތުކޮށްދެނީ، ޒުވާނުން ބާރުވެރިކޮށް، ވަޒީފާތަކަށް ނެރުމަށް ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙުމަދު ސިޔާމް މުޙައްމަދު ކުރައްވާ މިންނަތް މަސައްކަތްޕުޅު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ވަރަ އެކްސްޕޯގެ ޓައިޓަލް އަދި ޕްލެޓިނަމް ސްޕޮންސަރަކަށް ސަން ސިޔާމް ރިޒޯޓްސް ވުމަށް ސޮއިކުރައްވަނީ -- ސަން ފޮޓޯ/ އަފުވާން ސޮލާހުއޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ދެ ތިން އަހަރު ވަރަ އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަނާއި ހުނަރާއި ރާއްޖޭގައި ހުރި އެންމެ ބޮޑެތި ވަޒީފާ ދޭ ފަރާތްތަކުގެ ހުރި ފުރުސަތުތައް ޒުވާނުންނަށް އެއް ތަނަކުން ދައްކުވައިދިން އެކްސްޕޯއެކެވެ.
"މި އަހަރު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ވޭތުވެދިޔަ އަހަރުގެ ކާމިޔާބަށް ބަލާފައި، މި އަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ 35،000 ޒުވާނުންނަށް މި ދެންނެވި ހުނަރުތައް ތަޖުރިބާ ކުރެވޭނެ ގޮތްތައް ދައްކުވައިދީ، ގާތްގަނޑަކަށް 1،500 އެއްހާ ވަޒީފާ އެ ތަނުން ފަހިކޮށްދިނުން،" ނިޒާރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އުއްމީދަކީ ސަން ސިޔާމް ގުރޫޕާއެކީ، މި އަހަރުގެ އެކްސްޕޯ ފުރިހަމަވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެކްސްޕޯއާ ގުޅުވައި ވާހަކަދައްކަވަމުން ޒުލޭޚާ ވިދާޅުވީ، މި އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރެވުމަކީ ކުންފުންޏަށް ލިބޭ ޝަރަފަކާއި އުފަލެއް ކަމަށެވެ. އެއީ ސިޔާމްގެ އިސްނެންގެވުމާއެކު، ދިވެހި ޒުވާނުން ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ނިންމެވި ނިންމެވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ހުނަރުވެރި ޒުވާނުން ކުރިއަރައި، އިސް ސަފަށް ނިކުތުމަކީ އަޅުގަނޑުމެންގެ ޗެއާމަން އަބަދު ވެސް އެންމެ އިސްކަންދެއްވާ އެއް ކަންތައް. އެހެންވީމަ މި އެކްސްޕޯގެ ޒަރިއްޔާއިން ސަން ސިޔާމް ރިޒޯޓްގެ ގުރޫޕުތަކާއި އެހެން ކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތު ޒުވާނުންނަށް ހަމައަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.
ސަން ސިޔާމް ގުރޫޕުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޒުލޭޚާ މަނިކު މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަފުވާން ސޮލާހުޒުލޭޚާ ކިޔައިދެއްވި ގޮތުގައި، މި އަހަރުގެ އެކްސްޕޯ ހުށަހަޅާނީ ވަރަށް ތަފާތު ކޮންސެޕްޓެއްގައެވެ. އެ ކަމަށްޓަކައި ސަން ސިޔާމް ގުރޫޕު ޓީމު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އުއްމީދަކީ ގިނަ ޒުވާނުން އެކްސްޕޯއަށް ގޮސް، އެކްސްޕޯއިން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށެވެ.
މީގެއިތުރުން އެކްސްޕޯގައި ބައިވެރިވުމުގެ ދެއްވީތީ، ހޯމް މިނިސްޓްރީގެ އިސްވެރިންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އާ ޖީލެއް ބިނާކުރުމަށް ސަން ސިޔާމް ގުރޫޕުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
މި އަހަރުގެ ވަރަ އެކްސްޕޯ ކުރިއަށްދާނީ، އަންނަ މަހު 26އިން 28އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަޙުމަދު ސިޔާމް މުޙައްމަދަކީ، ދިވެހި ޒުވާނުން ބާރުވެރިކޮށް، ފުރުސަތުތައް ފަހިކޮށްދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެކެެވެ.