ޓީމުގެ ޑިފެންސް އާ މެދު ކަންބޮޑުވޭ: ކްލޮޕް

ލިވަޕޫލުގެ ކޯޗު ޖޫގެން ކްލޮޕް---

ލީގު ކަޕްގައި ލެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ލިވަޕޫލުން ޑިފެންސް ކުރި ގޮތާމެދު ކަންބޮޑުވާ ކަމަށާއި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔޫގެން ކްލޮޕް ބުނެފިއެވެ.

ލީގު ކަޕުގައި ލެސްޓާ އަތުން 0-2 އިން ބަލިވެ ލިވަޕޫލް މުބާރާތުން ކެޓުމާ ގުޅިގެން މީޑިއާތަކުން ދަނީ އެ ޓީމުގެ ޑިފެންސް އަށާއި ކްލޮޕްގެ ޓެކްޓިކްސް އަށް ފާޑު ކިޔަމުންނެވެ.

މެޗުގައި 70 އިންސައްތަ ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅެފައި ވަނީ ލިވަޕޫލްއެވެ. އަދި ގިނަ ހަމަލާތަކެއް އުފައްދައި ލެސްޓާގެ ގޯލަށް ނުރައްކާ ކުރީ ވެސް ލިވަޕޫލުއެވެ. އެގޮތުން އެ ޓީމުން ޖުމްލަ 21 ހަމަލާ އުފައްދާފައިވާއިރު، ލެސްޓާ އަށް ލިވަޕޫލު ގޯލަށް ފޮނުވާލެފައި ވަނީ އެންމެ އަށް ޝޮޓެވެ.

ލިވަޕޫލަށް މި ސީޒަނުގައި ކުޅުނު ނުވަ މެޗުން ކްލީން ޝީޓެއް ހެދިފައި ވަނީ އެންމެ ދެ މެޗުގައެވެ. އަދި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ހޯދިފައެއް ނުވެއެވެ.

ރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ ފުރަތަމަ ހާފު ރަނގަޅަށް ކުޅުނު ކަމަށާއި ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ މެޗުން ބަލިވާން ދިމާވި ސަބަބެއް ކަމަށެވެ.

"މިގޮތަށް ޑިފެންސް ކޮށްގެން މޮޅެއް ނުވެވޭނެ. އަހަރެން ވަރުބަލި ވެއްޖެ މިގޮތަށް ގޯލު ވަދެ ވަދެ. އަހަރެންނަށް މިހެން ބުނެވިދާނެ 1000 ފަހަރު ވެސް. ރަނގަޅަށް ކުޅެ ނަތީޖާއެއް ނުނެރެވުމަކީ ދެރައެއް." ކްލޮޕް ބުންޏެވެ.

ރޭގެ މެޗުން ބަލިވި ލީގު ކަޕުން ލިވަޕޫލް ކެޓިއިރު އެންމެފަހުން އެޓީމު ކުޅުނު ހަތަރު މެޗުންވެސް ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ. ލިވަޕޫލްއަށް އެންމެފަހުން މޮޅެއް ހޯދުނީ މިދިޔަ މަހު ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

comment ކޮމެންޓް