ޕޫލް ބީގެ ފެށުން ސިފައިންނާއި ސީ ލައިފުން ރަނގަޅުކޮށްފި

މިދިޔަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޕޫލް ''ބީ''ގެ ފެށުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި ސީ ލައިފް ސްޕޯޓްސް ކްލަބުން ރަނގަޅުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި އިއްޔެ ވަން އެންޑް އޮންލީ ރީތި ރަށް އަތުން ސިފައިން މޮޅުވިއިރު، ސީ ލައިފުން ވަނީ ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

ޕޫލް ބީގެ ފުރަތަމަ މެޗުގައި ރީތި ރަށް އަތުން ސިފައިން މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-9، 25-14 އަދި 25-16 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.

ޕޫލް ބީގެ ދެވަނަ މެޗުގައި ސީ ލައިފުން ގުޑީސްގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ސީ ލައިފުން ގެންދިޔައީ 25-14، 25-6 އަދި 25-7 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސީ ލައިފްގެ އަލީ ހުޒާމްއެވެ.

އެ މުބާރާތުގައި އަށް ޓީމު ވާދަކުރެއެވެ. ޕޫލް އޭގައި ހިމެނެނީ މޯލްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބާއި އެސްޕިރޭޝަން އެންޑް އިންސްޕިރޭޝަން ސްޕޯޓްސް ކްލަބު އަދި މަލްސަން ސްޕޯޓްސް ކްލަބެވެ. ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި ސީ ލައިފް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތި ރަށް އަދި ގުޑީސް ސްޕޯޓްސް ކްލަބެވެ.

އެ މުބާރާތުގެ ޕޫލް ސީގައި ވާދަކުރާނީ ޕޫލް އޭގެ އެއްވަނަ އަދި ދެވަނަ ޓީމާއި ޕޫލް ބީގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ޕޫލް ސީގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމު ވާދަކުރާއިރު، ފައިނަލަށް ދަތުރުކުރާނީ ޕޫލް ސީގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

comment ކޮމެންޓް