ރާއްޖޭގެ ފުޓްސަލް ޓީމު ކުޅުނު ތިންވަނަ މެޗުން ވެސް ބަލިވެއްޖެ

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު: އެ ގޭމްސްގައި ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައި --- ފޮޓޯ/ އެފްއޭއެމް

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ކުޅުނު ތިން ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ތުރުކުމެނިސްތާނުގައި ކުރިއަށްދާ އެ ގޭމްސްގެ ފުޓްސަލް އިވެންޓުގެ 'ގްރޫޕް ބީ'ގައި އިއްޔެ އުޒްބަކިސްތާނާ ވާދަކޮށް، ރާއްޖެ ބަލިވެފައި ވަނީ 9-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނަސީމެވެ. އުޒްބަކިސްތާނުން ޖެހި ނުވަ ލަނޑުގެ ތެރެއިން ސްވިރިދޯވްއާއި ނިޝޮނޯވޯ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުމަވްލިޔަނޯވްއާއި ޗޮރިއޭވްއާއި ފްޚްރިދިނޯވްއާއި ހަމްރޮއޭވް އަދި އަދިލޯވް އެވެ.

އެ ގްރޫޕްގައި ރާއްޖެ އިން ކުރިން ކުޅުން ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ރާއްޖެ ބަލިވި އިރު، ރާއްޖޭގެ ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުން ބަލިވީ 6-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ މިއަދު ނުކުންނަން ޖެހޭނީ ޗައިނާއާ ދެކޮޅަށެވެ. އެ ގްރޫޕްގެ އެއްވަނާގައި އޮތް އުޒްބަކިސްތާނާއި ދެވަނާގައި އޮތް އަފްޣާނިސްތާން އަދި ތިންވަނާގައި އޮތް ޔޫއޭއީއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޗައިނާއާއި ރާއްޖެއަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ރާއްޖެ ކުޅުނު ތިން މެޗުން ބަލިވެފައިވުމުން ކުއާޓާއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

comment ކޮމެންޓް