ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށްވާ ފުޓްސަލްއަށް ބޭނުންވާ އިންޑޯ އެރީނާ ހުޅުމާލޭގައި އެޅުމަށް ނިންމާފައިވަނީ, މަތިމައްޗަށް ފުޓްސަލް ދަނޑު އޮންނަ އިމާރާތެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އިއުލާނުކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް އެކި މަރުހަލާތަކުގައި މަސައްކަތް ފެށުން ވަނީ ލަސްވެފައެވެ. ބިން ހަވާލުކުރުމަށް 2024 ވަނަ އަހަރު ސޮއިކުރި ނަމަވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ.
އިމާރާތް އެޅުމަށް ބިން ހަވާލުކުރެވިފައިވާއިރު، އެ ތަނުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ދަނޑަކާއި ތަމްރީނުތަކަށް ބޭނުންކުރާނެ ދަނޑުތައް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުޓްސަލް އިންޑޯ ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ގްރައުންޑް ފްލޯގެ އިތުރުން ދެ ފްލޯ ހިމެނޭ ގޮތަށެވެ. މީގެ ތެރެއިން ގްރައުންޑް ފްލޯ ޚާއްސަކުރާނީ ބައިނަލްއަގުވާމީ ފީފާ މިންގަނޑުތަކަށް ފެތޭ މުބާރާތްތަކުގެ މެޗުތަކަށެވެ. އަދި މަތީ ދެ ފްލޯގައި ތަމްރީނުތަކަށް ޚާއްސަ ހަތަރު ޕިޗު ގާއިމުކުރާނެ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
މީގެއިތުރުން، ކުޅުންތެރިންގެ ކްލާސްރޫމްތަކާއި، ފަސްޓްއެއިޑް ރޫމް، ލޭންގުއޭޖް/ޓެކްނިކަލް ރޫމްތަކުގެ އިތުރުން ކެފެޓީރިއާއެއް ވެސް މި ކޮމްޕްލެކްސްގައި ހިމެނެއެވެ.
ރައީސް ވަނީ، ފުޓްސަލް ކޮމްޕްލެކްސްއާ އެއްގޮތަށް ނެޓުބޯޅަ ކުޅުމަށް ބޭނުންވާ ޕިޗުތައް ހިމެނޭ ނެޓްބޯލް ކޮމްޕްލެކްސްއެއްގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހަމަޖައްސައި، ފައިސާ ދޫކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ލަސްވެގެން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް މަސައްކަތް ނިންމައިލެވި، އެ ތަންތަން ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.