ޕީޕީއެމްގެ ފަހަތުން ނުދުވެ މައުމޫން އިތުރު ޕާޓީއެއް ހެދުމަށް ނުސީދާކޮށް ރީކޯ މޫސަ ގޮވާލައްވައިފި

ރީކޯ މޫސާ މަނިކު: އޭނާ ވަނީ ރައީސް މައުމޫން ޕީޕީއެމް ފަހަތުން ނުދުވައި އެހެން ޕާޓީއެއް ހެއްދެވުމަށް ނުސީދާކޮށް ގަޮވާލައްވާފައި -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްފައިވާ އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޕީޕީއެމްގެ ފަހަތުން ނުދުވެ އިތުރު ޕާޓީއެއް ހައްދަވައިގެން ކުރިއަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ނުސީދާކޮށް ގޮވާލައްވައިފިއެވެ.

އެމްޑީޕީން ވަކިކުރެއްވުމުން ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑިއިގެން މަސަތަކް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވީ "ޕީޕީއެމްގެ ފަހަތުން ގިނަ ދުވަސްތަކެއްވެ މައްސަލަތައް ކުރިމަތިވެފައިވާ އިންޖީނެއް އެޅި އުޅަދެއް އަންނަ ކަމަށް" ކަމަށެވެ.

މޫސަ ވިދާޅުވީ "ޕީޕީއެމްގެ ފަހަތުން އަންނަންތިބި އިންޖީނުތަކުގެ ބުރަފަތެއް ވެސް ނެތް" ކަމަށެވެ.

"މިހާރު ޕީޕީއެމް ފަހަތުން އަންނަން ތިބި އިންޖީނުތަކުގެ ހާލަތު ހުރި ގޮތަކީ އެ އެއްޗެހީގެ ބުރަފައްޗެއް ނެތް. އެއްވެސް އެއްޗެއްގެ ސާފުޓެއް މަސަތްކަތް ކުރަނީކީ އެއް ނޫން. އެހެންވީމަ ސިޔާސީ ވާހަކަ ދައްކަވަން ނޫޅުއްވައި އިތުރު ޕާޓީއެއް އެބޭފުޅުން އުފައްދަވާ. އަވަހަށް އުފައްދަވާ،" ރީކޯ މޫސަ ގޮވާލެއްވިއެވެ.

ރީކޯ މޫސަ އެހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށެވެ. އަދި ރައީސް މައުމޫން ޕީޕީއެމުން ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ޕާޓީގެ ނަމުގައި ވާހަކަ ދެއްކޭނެ ކަމަށް ވެސް އެމަނިކުފާނު އަންނަނީ ވަކާލާތު ކުރައްވަމުންނެވެ.

ރައީސް މައުމޫނުގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ރީކޯ މޫސަ މިރޭގެ ޖަލްސާގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް އަނިޔާވެރިއެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

މޫސަ ވިދާޅުވީ ރައީސް ނަޝީދު ވެސް ގެންދަވަނީ އަނިޔާވެރިކަމަށް ތާއީދުކުރައްވަމުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި މޫސަ ދެއްކެވީ އެމްޑީޕީން ކޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން ގެންދާ ސެޕްޓެމްބަރ 19 މި އަހަރު ފާހަގަ ނުކުރުމުންނެވެ. އެމްޑީޕީން އެ ދުވަސް ފާހަގަކުރަނީ ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ބަޑިޖަހާ މަރާލި އީވާން ނަސީމްގެ ހަދާނުގައެވެ.

"މިއަދަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އެތައް ރައްޔިތަކަށް އަނިޔާތަކެއް ދިން ދުވަހެއް. އެ އަނިޔާތަކުގެ ހުރިހާ ޒިންމާއެއްވެސް ނަގަން ޖެހޭނީ މިއަދު ރައީސް ނަޝީދު. އަޅުގަނޑު މި ދަންނަވަނީ ރައީސް ނަޝީދަކީ ކަނޑައެޅިގެން އަނިޔާވެރިއަކަށްވީތީވެ މިއަދު އެމްޑީޕީއަށް އެ ދުވަސް ފާހަގަކޮށްލަން ނުކެރުނީ،" މޫސަ ވިދާޅުވިއެވެ.

comment ކޮމެންޓް