ނަޝީދުގެ ދައުވަތު ވާދަވެރިންނަށް: އެކުގައި ފަށަންވީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ނަޝީދު ކާމިޔާބުކުރެއްވުމުގެ އުފަލުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުالله

އެކުގައި ފަށަންވީ މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތްޕުޅު ކަމަށް ވިދާޅުވެ، ހުރިހާ ވާދަވެރިންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތުދެއްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވުމުގެ އުފަލުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނަށާއި އެމްޑީޕީއަށް މި ދިވެހިރާއްޖެ ދޫކޮށްލެވޭކަށް ނެތް ކަމަށެވެ. މި ގައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ތަނަވަސްކަމާއި، މިނިވަންކަމަށް އެމްޑީޕީން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރެއްވުމަށް އަބަދުވެސް "ނުރައްކަލުގެ ތެރެއަށް ހުށަހެޅޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީން ފަހަތަކަށް ނުޖެހޭނެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރަށް ވަރަށް ސާފުކޮށް އެނގެންވީ ކަމަކީ މި އިންތިޚާބުގެ ތެރޭގައި އެމްޑީޕީއަށް ތާއީދުކުރި ވަރަށް ގިނަ މީހުންނަށް ބޭއިންސާފުން ކަންތައްތައް ކޮށްފައި ހުރިކަން ކަމަށެވެ. އެގޮތުން ބައެއް ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ބޭއިންސާފުން ކަންތައްތައް ކުރައްވާފައި އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ސަރުކާރަށް ގޮވާލަން ބޭނުން ތިބޭފުޅުން އެކަންތައް މާދަމާ ރަނގަޅުކުރައްވާށޭ. ނޫންނަމަ އަޅުގަނޑުމެން ނުކުންނާނަމޭ. އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާނަން. ސަރުކާރުން ބޭއިންސާފުން އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަޅުގަނޑުމެން ތިބޭނީ ބަލަބަލާ. އަޅުގަނޑުމެން ތިބޭނީ ހަރަކާތަށް އަންނަން ތައްޔާރަށް! ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި މިރެއަކީ ކަމެއްގެ ފެށުމެވެ. އަދި އެކަމަކީ އެމްޑީޕީން ހިތުއަޅައިގެން ތިބި ފަދައިން "މި ދިވެހިރާއްޖެ ސަލާމަތްކުރުން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް ކާމިޔާބުވާން އޮތީ އެމްޑީޕީގެ އާއްމު މެންބަރުންނާއި، އެންމެހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ނަޝީދު ކާމިޔާބުކުރެއްވުމުގެ އުފަލުގައި މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ޝާތިއު އަބްދުالله

ނަޝީދު ވަނީ އެ މަސައްކަތުގައި ވާދަވެރިން ވެސް ބައިވެރިވުމަށް ދައުވަތު އަރުވައިފައެވެ.

އަޅުގަނޑު ހުރިހާ ވާދަވެރިންނަށް ވެސް ގޮވައިލަން ވަޑައިގަންނަވާށޭ! ވަޑައިގެން އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް ވެސް އަޅުގަނޑުމެން މިރެއިން ފެށިގެން ކުރިއަށްގެންދާންވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު

ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ.

މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ މީކާއީލަށް ތާއީދުކުރައްވައިގެންނެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ވާދަވެރި ފަރާތްތަކަކަށް ވަރަށް މުހިންމު ދައުވަތެއް އަރުވާފައެވެ. އެމަނިކުފާނު ގޮވާލައްވާފައިވަނީ މިހާރު ވެރިކަމުގައި އޮތް ސަރުކާރު ބަދަލުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން، އެއްބައިވަންތަކަމާއެކު އަމަލީ މަސައްކަތް ފެށުމަށެވެ. މިއީ ސިޔާސީ ގޮތުން ތަފާތު ޚިޔާލުތައް ގެންގުޅޭ ފަރާތްތައް އެއްގަލަކަށް އަރައި، ގައުމުގެ ހިންގުން ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ފާހަގަކުރައްވައެވެ. މި ހަރަކާތް ފެށުމާ ގުޅޭގޮތުން އަޅާނެ އިތުރު ފިޔަވަޅުތަކާއި ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަވެގެންދާނެކަން ވެސް ވަނީ އަންގަވާފައެވެ.

  • ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނެންގެވުން.
  • ސިޔާސީ ހުރިހާ ވާދަވެރިން އެއްގަލަކަށް އެރުމަށް ދައުވަތު އެރުވުން.
  • ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި އެންމެން ގުޅިގެން ހަރަކާތްތެރިވުމަށް ބާރުއެޅުން.
  • މި ހަރަކާތާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރާނެކަން އެންގުން.
comment ކޮމެންޓް