"ހަސީނާ"ގެ ޓީމާ ދެކޮޅަށް މަކަރު ހެދުމާއި އޮޅުވާލުމުގެ މައްސަލައެއް ހުށަހަޅައިފި

ޝްރައްދާ ކަޕޫރު އާއި އޭނާގެ ކުރިއަށް އޮތް ފިލްމު 'ހަސީނާ ޕާކަރު'ގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް މަކަރު ހެދުމާއި އޮޅުވާލުމުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

ފިލްމުގެ ޓީމާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައި ވަނީ ހެދުން މެނުފެކްޗާ ކުރާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ކޯޓަށް ވެއްދި މައްސަލާގައި ބުނެފައި ވަނީ ފިލްމުގެ ޕްރޮމޯޝަންތަކުގައި ޝްރައްދާ އެމީހުންގެ ފެޝަން ލޭބަލް 'އޭޖީޓީއެމް' އިޝްތިހާރު ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.

އަދި އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން އަންނަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށް ފިލްމުގެ ޓީމަށް އަންގާފައި ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެގްރީމަންޓާ ޚިލާފު ވެއްޖެ ނަމަ ކަންތައް ވާނެގޮތް ޝްރައްދާ އާއި ފިލްމު އުފެއްދި ސްވިސް އެންޓަޓައިންމަންޓަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

ނަމަވެސް ގަސްތުގައި އެގްރީމަންޓާ ޚިލާފުވުމުން އެނގެނީ އެ ކުންފުނިން ފިލްމަށް ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރާ ކަމަށާއި ފިލްމުގެ ޓީމުން ވަރަށް ބޮޑަށް މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށެވެ.

'ހަސީނާ' އަކީ އެ ކުންފުނިން ހެދުން ފަރުމާ ކުރި ފުރަތަމަ ފިލްމެވެ. އަދި އެއީ ބޮލީވުޑަށް ނުކުތުމަށް އެމީހުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

އިންޑިއާގެ ޑޯން ދާވޫދް އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާ ޕާކަރުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެ ފިލްމު ޑައިރެކްޓު ކުރަނީ 'ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ' ވެސް ޑައިރެކްޓް ކުރި އަޕޫރްވާ ލާކިއާ އެވެ. އެ ފިލްމުގައި ދައްކުވައިދޭނީ ހަސީނާ ޕާކަރުގެ އުމުރުން 17 އަހަރާއި 55 އަހަރާ ދެމެދު ހިނގާފައިވާ ހާދިސާތަކެވެ.

ފިލްމުގައި ދާވޫދުގެ ރޯލުން ފެނިގެންދާނީ ޝްރައްދާގެ ބޭބެ ސިދާންތު ކަޕޫރެވެ. މިއީ ޝްރައްދާ އާއި ސިދާންތު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޝްރައްދާގެ ފިރިމީހާގެ ރޯލުން ފެނިގެން ދާނީ އަންކުރް ބާޓިއާ އެވެ.

comment ކޮމެންޓް