އޯގާތެރިކަމުގެ ނަމޫނާ ދެއްކީތީ ދިވެހިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު

ރާހިން ސްޓޭޓުން ފުރައިގެން އަންނަ ރޮހިންޔާ މީހުންނަށް އެންމެ ފުރަތަމަ އެހީތެރިވެދޭ ޝެއިހެއް ކަމަށްވާ ޔޫސުފް އަލް އަޒްހަރީ-- ސަން ފޮޓޯ/ މުހައްމަދު ސަމާހު

(ކޮކްސް ބާޒާރު، ބަންގުލަދޭޝް)- ބަނގުލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އެ މީހުންގެ ގަބޫލު ކުރުންތަކާއި ގަވާއިދުތަކާއި ވައްޓަފާޅި ގުޅިފައި ވަނީ އިސްލާމީ އަގީދާގެ މައްޗަށެވެ. އާބާދީގައި 163 މިލިއަން މީހުން ދިރިއުޅޭ މި ގައުމުގެ 90 ޕަސެންޓަކީ މުސްލިމުންނެވެ.

އެހީ ބޭނުންވާ މީހުން އިންތިހާއަށް އިތުރުވެ، ރޮހިންގާ ރެފިއުޖީން ބަންގުލަދޭޝްގެ އިރުމަތީ ކޮކްސް ބާޒާރަށް ޖަމާވެ، "ބަރާވަމުންދާއިރު" މި ގައުމުގެ މުސްލިމުންގެ ފަރާތުން ފެންނަނީ އާދަޔާ ހިލާފު ނަމޫނާއެކެވެ. އެންމެ ފުރަތަމަ އެހީގެ އަތް ދިއްކޮށްލީ މި ގައުމުގެ އާންމުންނެވެ. ބަނގުލަދޭޝްގެ އެކި ސަރަހައްދުތަކުން ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމުން އެހީތެރިކަން އަދިވެސް އެ ދަނީ ލިބެމުންނެވެ. ނަމަވެސް ރެފިއުޖީންގެ އާބާދީއާ އެއްވަރަށް ހިދުމަތްތައް ނުދެވި، ރެފިއުޖީންނަށް ނުރައްކަލާ ވެސް އެބަ ކުރިމަތިވެ އެވެ.

ދިވެހިންނަށް ޝުކުރުވެރިވަން. ދިވެހިންނަށް ރައްކާތެރިކަން ލިބުމަށް ދުއާ ކުރާނަން. އެ ކުރާ މަސައްކަތުގައި ބަރަކާތްލެއްވުމަށް އެދި ވެސް ދުއާ ކުރާނަން، ބަންގުލަދޭޝްގެ ޝެއިހު

މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅިގެން ރޮހިންގާ މީހުން އުޅެމުންދާ ހާލު ދެނެގަތުމަށް އަޅުގަނޑުމެން މި ކުރާ ދަތުރުގައި އިއްޔެ ދިމާވީ އެފަދަ ބަޔަކާއެވެ. ރޮހިންގާ މީހުންނަށް އެންމެ ފުރަތަމަ އެހީގެ އަތް ދިއްކުރަނީ މި މީހުންނެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ހަމައެކަނި މުސްލިމުންނަށް އަނިޔާ ލިބޭތީކީ ނޫން. ރޮހިންގާ މީހުންގެ ތެރޭގައި ހިންދޫ ދީނުގެ މީހުން ވެސް ހިމެނޭ. އަދި އެހެން ދީންތަކުގެ މީހުން ވެސް ހިމެނޭ. އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ އިންސާނިއްޔަތަށް ޓަކައި،" ރޮހިންގާ މީހުންނަށް އެހީތެރިވުމަށް ކޮކްސް ބާޒާރު ސަރަހައްދަށް އައި، ބަނގުލަދޭޝްގެ މަޝްހޫރު ގާރީއެއް ކަމަށްވާ ޝެއިހް އަހުމަދު ބިން ޔޫސުފް އަލް އަޒްހަރީ ވިދާޅުވި އެވެ.

އަމިއްލަ އިސްނެގުމަށް ރޮހިންގާ މީހުންނަށް ބޭސްފަރުވާ ދިނުމުގައި ހަރަކާތްތެރިވާ މީހުން-- ސަން ފޮޓޯ/ ޙުސައިން ޙަސަން

ސަންގެ ނޫސްވެރިންނަށް އޭނާއާ ދިމާވީ ބަނގުލަދޭޝާ މިއަންމާގެ ބޯޑަރު ގުޅޭ ކޮކްސް ބާޒާރުގެ ކޯރެއްގެ މެދުތެރޭގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ، ދަހިންޕަރުންނެވެ.

ރޮހިންގާ މީހުންނަށް އެހީވުމަށް ދިވެހިން ކުރަމުންދާ މަސައްކަތުގެ ވާހަކަ ކިޔައިދިނުމުން، އޭނާ ވަނީ ހާއްސަ މެސެޖެއް ދިވެހިންނަށް ރައްދުކޮށްދީފަ އެވެ.

އަޅުގަނޑުމެން އެންމެންނަކީ މުސްލިމު އުންމަތެއް ކަން ފާހަގަކޮށް، ކީރިތި ގުރުއާނާއި ރަސޫލާ މުހައްމަދު ސައްލަﷲ عليه السلام ހަދީސްތަކަށް އިޝާރާތްކޮށް، ޝެއިހް އަހުމަދު ބިން ޔޫސުފް އަޒުހަރީ ވިދާޅުވީ ރޮހިންގާ މީހުންނަށް އެހީވުމަށް ދިވެހިން މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ދިވެހިންނަށް ޝުކުރުވެރިވަން. ދިވެހިންނަށް ރައްކާތެރިކަން ލިބުމަށް ދުއާކުރާނަން. އެ ކުރާ މަސައްކަތުގައި ބަރަކާތްލެއްވުމަށް އެދި ވެސް ދުއާ ކުރާނަން،" އަޒްހަރީ ވިދާޅުވި އެވެ.

މިއަންމާގެ ރާހިން ސްޓޭޓުގައި ހިންގާ ގަތުލުއާންމުގައި އަނިޔާ ލިބިފައިވާ މީހުން ބަންގުލަދޭޝަށް އައުމުން، އެ މީހުން ރެފިއުޖީ ކޭމްޕާ ހިސާބަށް ދެވެންދެން އެކި ސަރަހައްދުތަކުގައި ފަރުވާދޭ ކުދިކުދި މޮބައިލް ތަންތަން ވެސް އެބަހުއްޓެވެ.

މިއަންމާއިން ފުރައިގެން، އެންމެ އަވަހަށް ދެވޭ ބަނގުލަދޭޝްގެ ކުޑަ ރަށެއް ކަމަށްވާ ދަހިންޕަރުން އަންނަ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އުމުރުން 45 އަހަރުގެ ކަޒިޔާބުސަރުގެ ވެސް ވާހަކަ އިބުރަތަކަށް ފުދެ އެވެ.

އޭނާ ބުނީ ރޮހިންގާ މީހުންނަށް ބޭސް ފަރުވާ ދިނުމުގެ އޭނާ މަސައްކަތް ކުރަނީ އާންމު ފަރުދުން ގުޅިގެން، ގްރޫޕުތަކެއްގެ ގޮތުގައި ކަމަށެވެ. އެ ގޮތުން އެކި ސަރަހައްދުތަކުގައި އެ މީހުންގެ 25 ވަރަކަށް ގްރޫޕު ހަރަކާތްތެރިވާނެ ކަމަށެވެ.

އަމިއްލަ އިސްނެގުމަށް ރޮހިންގާ މީހުންނަށް އެހީތެރިވާ އެ މީހުންނަކީ މުސްލިމުންނެވެ. މުސްލިމުންގެ ގޮތުގައި ތިބެ އެ ދައްކަނީ އުންމަތަށް ނަމޫނާއެވެ. މުސްލިމު އުންމަތުގެ އެހެން ފަރުދުން ވެސް ވަކިވަކި ހައިސިއްޔަތުން މިފަދަ ބޮޑު އިންސާނީ ކާރިސާތަކުގައި ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދޭން ތެދުވުމަކީ ބަލިކަށިވެފައިވާ ގުޅުންތައް ވަރުގަދަކޮށްދޭން ހުޅުވޭނެ ދޮރަކަށްވާނެ އެވެ.

comment ކޮމެންޓް