ފޭސްބުކް ޕޭޖަށް ލައިކް ލިބުނީމަ ރޮހިންގާއަށް އެހީދޭ އުސޫލު ރަނގަޅުބާ؟

ބަންގުލަދޭޝް އާއި މިއަންމާ ގުޅޭ އައްސޭރި ފަށު، ކުތުޕަލަންގައި ކޭމްޕުކޮށްގެން ތިބި ބައެއްގެ ތެރޭގައި ހުރި ތުއްތު ކުއްޖަކު ރޮނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

ފޭސްބުކް ޕޭޖަށް ލައިކެއް ދިނީމަ ދޭ ކޮންމެ ލައިކަކަށް 50 ލާރި ރޮހިންގާއަށް ހަދިޔާ ކުރާ ގޮތަށް ސައިކަލު ވިއްކާ ލިޓަސް އޮޓޯ މޯބައިލްއިން ހަރަކާތެއް ފަށައިގެން އެބަ އުޅެވެ. އެ ކުންފުނިން ބުނާގޮތުން އެއީ ގިނަ ބަޔަކަށް އެހީ ދިނުމުގައި ބައިވެރިވެވޭ ގޮތަށް ލިޓަސްއިން ހިންގާ ހަރަކާތެކެވެ.

ލިޓަސްއިން އެ ޕޯސްޓް އެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި ޕޯސްޓް ކުރި ހިސާބުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔުންތައް އަމާޒުކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މީހަކު އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ އެއީ ލިޓަސްއިން ޖައްސާ މާކެޓިންގް ސްޓަންޓެއް ކަމަށެވެ. އަދި ރޮހިންގާ މީހުންނަށް ދިމާވެފައިވާ ނިކަމެތި ހާލުން ފައިދާ ނެގުމަށް ލިޓަސްއިން މަސައްކަތް ކުރާތީ ހިތާމަ ކުރާ ކަމަށް އެމީހާ ބުނެފައިވެ އެވެ.

އެހެން މީހަކު ބުނެފައިވަނީ އޭނާ އެ ޕޭޖަށް ކުރިން ލައިކެއް ދިނިން ކަމަށާއި ނަމަވެސް ލިޓަސްއިން އެ ފެށި ކަމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަވުމުގެ ސަބަބުން އަންލައިކް ކޮށްފައިވާ ކަމަށެވެ.

" މަގުމައްޗަށް ނުކުމެ ލައިކް ހޯދަން އާދޭސް ނުކުރަނީ ކީއްވެ. އެގޮތް ތިމީހުންނަށް މާ ރަނގަޅުވާނެ" ސުވާދު ޝިހާބް ކިޔާ މީހަކު އެ ޕޯސްޓަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުން އެއީ ދީނާ ވެސް ހިލާފު ކަމެކެވެ.

އަލީ ޝިޔާން ކިޔާ މީހަކު ބުނެފައިވަނީ މީހަކަށް އެއްޗެއްދޭ ނަމަ ދޭންވާނީ ބަދަލަކަށް އެދިގެން ނޫން ކަމަށެވެ. އަދި ބަދަލެއް ލިބުނީމައެއްވެސް ނޫން ކަމަށެވެ. މީހުންނަށް ލިބެމުންދާ އަނިޔާ އެއްވެސް ބައެއްގެ މާކެޓިން ސްޓަންޓަކަށް ހެދުމުން ބަލައި ނުގަނެވޭނެ ކަމަށް މީހުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ލިޓަސްގެ މާކެޓިންގެ ފަރާތުން އާސިފް ރަޝީދު 'ސަން' އަށް ވިދާޅުވީ އެބޭފުޅުން އެމަސައްކަތް ކުރަނީ މާކެޓިން ކަމެއްގެ ގޮތުގައި ނޫން ކަމަށެވެ. ބޭނުމަކީ ރޮހިންގާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު ގިނަ ބަޔަކަށް ފޯރުކޮށްދިނުން ކަމަށް އާސިފް ވިދާޅުވި އެވެ.

ފޭސްބުކް ޕޭޖަށް ލިބޭ ލައިކްއަކީ ވިޔަފާރި އިޝްތިހާރުވުމަށް ފަހިވާ މަގެއް ނޫންތޯ ސުވާލު ކުރުމުން އާސިފް ވިދާޅުވީ "ފޭސްބުކް ޕޭޖަށް ލައިކް ދީގެން ބޮޑު ފައިދާއެއް ލިބޭ ކަމަށް ބުނުމުން ހައިރާންވޭ" ކަމަށެެވެ.

ވިޔަފާރިއަށް ލިބޭ ކުރިއެރުމަކީ ނުވަތަ މާކެޓިންއަކީ ފޭސްބުކް ޕޭޖަށް ލިބޭ ލައިކް ނޫން ކަމަށް އާސިފް ވިދާޅުވި އެވެ.

ފޭސްބުކުން ނޫންގޮތަކަށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމެއް ލިޓަސްއިން ހަމަ ޖައްސާފައެއް ނުވެ އެވެ. ނަމަވެސް ލިޓަސްއިންވެސް ވަކި ޕަސެންޓެއް ލާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ލިބޭ ލައިކަށް ހަދިޔާކުރާ ފައިސާ ލާނީ ލައިކް ދޭ މީހުންގެ ނަމުގައި ކަމަށްވެސް ވިދާޅުވި އެވެ.

ލިޓަސްއިން ގަބޫލުކުރާ ގޮތުން އެއީ މާކެޓިން ސްޓަންޓެއް ނޫނެވެ.

ފޭސްބުކް ޕޭޖަށް ގިނަ ލައިކް ލިބުމަކީ ކުންފުނި އިޝްތިހާރުވާ ކަމެއް ނޫން ކަމަށް ލިޓަސްއިން ބުނި ނަމަވެސް ފޭސްބުކްއަކީ މިހާރު ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ ސޯޝިއަލް މީޑިއާ ވަސީލަތެވެ. ޕޭޖަށް ލައިކްއެއް ލޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިފޯނު ދެނީވެސް ފޭސްބުކް ލައިކްގެ މުހިންމު ކަމުން ކަމަށް ބެލެވެ އެވެ. އެހެންވީމަ ލިޓަސް ޕޭޖަށް އެ ލިބޭ ލައިކަކީ މާކެޓިން ނޫނޭކޭ ބުނެވޭކަށްވެސް ނެތެވެ.

ރޮހިންގާ މީހުންނަށް އެހީވުމަށް މާލެއާއި ކަންކޮޅު ތަކުގައި ފަންޑް ރައިސިންގް ގިނަ ހަރަކާތްތަކެއް ހިންގައިފި އެވެ.

އަދި ރަށްރަށުގެ ކައުންސިލުތަކުން އެިސް ނަގައިގެން ބައެއް ރަށްރަަށުންވެސް މިލިއަނުން ފައިސާގެ އެހީ ހޯދާފައިވެ އެވެ.

ރޮހިންގާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ފައިސާ ހަދިޔާކުރަނީ އެއްވެސް ބަދަލެއް ހޯދުމަށް ނޭދި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް