އިމާރާތްތަކުގެ ދެ ފަންގިފިލާ ޕާކިންއަށް ދޭން ޖެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި އަލަށް ހަދާ ބޮޑެތި އިމާރާތްތަކުގައި އުޅަނދުތައް ޕާކު ކުރުމަށް ދެ ފަންގިފިލާ ހާއްސަ ކުރަން ޖެހޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދަށް އިސްލާހު ގެނެސް އަމަލު ކުރަން ފަށައިފި އެވެ.

މިއަދު ގެޒެޓްކޮށްފައިވާ މާލޭ ޕްލޭނިން ގަވާއިދުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ 5،000 އަކަފޫޓުގެ ބިމެއްގައި، އެ ބިމުގެ ޖާގައާ އެއްވަރަށް 100 ފޫޓަށް އުސްކޮށް އިމާރާތް ކުރާ ނަމަ، އެ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަ ކުރަންޖެހޭނީ ޕާކު ކުރާ އުޅަނދުތަކަށެވެ.

ސަރުކާރުން އިމާރާތް ކުރާ އިމާރާތްތަކުން ހަތަރު ފަންގިފިލާ ނުވަތަ އެއާ އެއްވަރުގެ އޭރިޔާއެއް އާންމު ޕާކިންއަށް ހާސްކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

ސުކޫލުތަކާއި އެމްއެންޑީއެފް އަދި ފުލުހުންގެ އިމާރާތްތަކުން 5000 އަކަފޫޓަށް ވުރެ ބޮޑު ސަރަހެއްދެއް ނަމަ އެ އިމާރާތެއް ބޭނުންކުރާ ފާރަތްތަކަށް އެކަށީގެންވާ އޭރިއާއެއް ޕާކިންގް އަށް ކަނޑައަޅަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

އެގޮތަށް ގަވާއިދު އިސްލާހު ކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމެވެ.

comment ކޮމެންޓް