ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް، ގަވާއިދު އިސްލާހު ކުރަން މަޖިލީހަށް

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ ފަސްވަނަ އަވަށް، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ މޭޔަރު ކެމްޕެއިންގެ ތެރެއިން ވިލިމާލޭގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެކަނިކުފާނު މޭޔަރަކަށް ހުންނެވިއިރު ކުރަން މަސައްކަތް ކުރެއްވި މުހިންމު ގިނަ ކަންކަން ނުކުރެވި ހުރިކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ގަވާއިދަށް އިސްލާހު ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަކީ ސަރުކާރާއި މަޖިލީހާ ގުޅިގެން ކުރެވެން އޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ، ޕްލޭނިން މިނިސްޓްރީގެ ގަވާއިދު ބަދަލުކުރެވޭނީ އެ މިނިސްޓްރީން ގަވާއިދު އިސްލާހުކުރުމަށް ފަހު، މަޖިލީހުގެ އާއްމު ނުވަތަ ކަމާބެހޭ ގަވާއިދު ކޮމިޓީއަށް ފޮނުވައިގެން، ކަމާ ގުޅޭ ގާނޫނަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ވިލިމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިލިމާލޭގެ ގެތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަށް ގަވާއިދު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ މޫސާ ނަދީމް

"މިދިޔަ ފަސް އަހަރު ދިޔައީ، އަޅުގަނޑު މޭޔަރަަކަށް ހޮވިގެން ދިޔަ ދެ އަހަރާއި ބައިގައި އަޅުގަނޑުމެން ތަކުރާރުކޮށް މަސައްކަތް ކުރީ އެ ކަން ވޭތޯ. މިހާރު އަޅުގަނޑުމެން ވާނީ އެކަން އިސްލާހުކުރުމަށް ޓަކައި މީގެ ކުރީގައި ޕްލޭނިން މިނިސްޓްރީއާ ހަމައިން ހިފެހެއްޓުނު ހިފެހެއްޓުން ދެން ނުހިފަހައްޓައި، މަޖިލީހުން އިސްލާހުކޮށްދޭން އެދިފައިވާނީ،" ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ މިހާރު އޮންނަނީ ހަ ބުރިއަށެވެ.

ނަމަވެސް، ރައީސް މޭޔަރަކަށް ހުންނެވި އިރު، ސިޓީ ކައުންސިލުން 2021ގައި ފާސްކުރި އެކްޝަން ޕްލޭންގައި، ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުމަށް މަސައްކަތްކުރަން ހިމަނާފައިވެއެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅޭ ގެތައް ވެސް، 10 ބުރިއަށް އުސްކުރުމުގެ ހުއްދަ މިދިޔަ އަހަރު އާބަންކޯއިން ވަނީ ދީފައެވެ.

comment ކޮމެންޓް