އެއްމެދު އިމާރާތް ރެޖިސްޓްރީކޮށް އެތަންތަން ބެލެހެއްޓުމަށް ޚާއްޞަ 'ސްޓްރާޓާ ޕޯޓަލް' ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ޕޯޓަލް ރަސްމީކޮށް ހުޅުވައިދެއްވީ ކުރީގެ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު އިބްރާހިމް ރަފީގެވެ.
އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖްކުރުމަށް ޕޯޓަލްއެއް ހުޅުވުމަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާ މަގުޗާޓުގައި ހިމަނާފައިވާ މަސައްކަތެކެވެ.

މި ޕޯޓަލް ރަސްމީކޮށް ހުޅުވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުމާއި އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް ރަޖިސްޓަރީކޮށް ސަރުކާރުން ރެގިއުލޭޓްކުރުމަށް މަގުފަހިވާނެނެވެ.
މީގެއިތުރުން، މިއީ ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ގަނެވިއްކުމާއި ހިންގައި ބެލެހެއްޓުމާ ގުޅޭ ކަންކަން މަގުފަހި ކުރުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިގޮތުން، ކުރިމަގުގައި މި ޕޯޓަލް ވާނީ ސަރުކާރުގެ އިދާރާތަކާއި އެނޫންވެސް ގުޅުންހުރި ހުރިހާ އިދާރާތަކާ ގުޅުވާލާފައިވާ، އެކަމާގުޅުންހުރި ހުއްދަތައް ދޫކުރާ ޕޯޓަލްއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއްމެދު އިމާރާތަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކު ކުރެވޭ ގޮތަށް ހަދާފައި ވުމެވެ. އަދި، އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓުތަކެއްގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެ ތަންތަން ހިންގައި ބެލެހެއްޓުމެވެ.