ދިވެހި ޒުވާނުންނަށް ބައިނަލްއަގްވާމީ ޒުވާނުންގެ ކޮމެޓީގެ ތައުރީފު!

ރާއްޖޭގެ ދިދައާއެކު ސޭސްގައި ބައިވެރިވާ ދިވެހި ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---

(ބުބަނޭޝްވަރު، އިންޑިއާ) - ދިވެހިންނަކީ ކަންކަމުގައި ބައިވެރިވެ އަބަދުވެސް ހަރަކާތްތެރިކޮށް އުޅޭ ބައެއްކަން ފާހަގަކޮށް ބައިނަލްއަގްވާމީ ޒުވާނުންގެ ކޮމެޓީ (އައިވައިސީ)ން ދިވެހި ޒުވާނުންނަށް ތައުރީފު ކޮށްފިއެވެ.

އައިވައިސީ އާއި އިންޑިއާ، އަދި އެގައުމުގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާ ސަރުކާރު ގުޅިގެން އޮޑިޝާގެ ބުބަނޭޝްވަރު ސިޓީގައި މިއަދު ފަށަން ތައްޔާރުވެފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގައި ދިވެހި ޒުވާނުންގެ ވަފުދެއް ވެސް ބައިވެރިވެއެވެ.

ރާއްޖޭގެ ދިދައާއެކު ސޭސްގައި ބައިވެރިވާ ދިވެހި ބައިވެރިންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---

ސަމިޓުގައި 60 އަށްވުރެ ގިނަ ގައުމުން 300 ގާތްކުރާ އަދަދަކަށް ބައިވެރިން ބައިވެރިވާއިރު ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއެކު ޖުމްލަ 34 ބައިވެރިން ހިމެނޭ ދިވެހި ވަފުދަކީ ސަމިޓް ބާއްވާ އިންޑިއާއަށްފަހު އެންމެ ގިނަ އަދަދެއްގެ ބައިވެރިން ހިމެނޭ ވަފުދެވެ.

ޔޫތު ސަމިޓް، ސަމިޓަކަށް ހެދުމަށް ރާއްޖެއިން އަދާކޮށްފައިވާ ދައުރަށް ޝުކުރު އަދާކޮށް 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އައިވައިސީގެ ރައީސް ޖަޔަންތަ ޕުތްރާ ވިދާޅުވީ، ސަމިޓުގައި ބައިވެރިވުމަށް ރާއްޖޭގެ ބޮޑު ވަފުދެއް އައުމުން އުފާ ކުރާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އެންމެން އެކަތިގަނޑަކަށް ހެދުމަށް ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ދިވެހި ޒުވާނުން އައުމުން ވަރަށް އުފާވޭ. އަހަރެމެން ވަރަށް ލޯބިވޭ ދިވެހިންދެކެ. ދިވެހިންނަކީ ބައިވެރިވުމުގައި ވެސް ހަރަކާތްތެރި އަދި އެންމެން އެކަތިގަނޑަކަށް ހެދުމަށް ދިވެހި ޒުވާނުންގެ ޝައުގުވެރިކަން ފެނިގެންދިޔަ،" ޖަޔަންތަ ވިދާޅުވިއެވެ.

އައިވައިސީގެ ރައީސް ޖަޔަންތަ ޕުތްރާ 'ސަން' އަށް އިންޓަވިއު ދެއްވަނީ --- ސަމް ފޮޓޯ

ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ ޒުވާނުންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރަފީ ޖަމިއްޔާގެ ފައުންޑިން ރައީސާ އާއިޝަތު ރަފިއްޔާ އެވެ.

އޭގެ އިތުރުން ރަފީ ޖަމިއްޔާގެ އަދި އައިވައިސީގެ އޮފިޝަލުން ހިމެނޭއިރު ރާއްޖޭގެ މަޝްހޫރު ފަންނާނުންނާއި ނޫސްވެރިން ވެސް ވަފުދުފައި ހިމެނެއެވެ.

ދިވެހި ޓީމުގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން ވިދާލި މުހައްމަދު މުއައްޒިން އަދި އޭނާ ހިމެނޭ މެޓަލް މިއުޒިކަށް ހާއްސަ ބޭންޑު، "ހަބޭސް ގްރެވިޓީ"ގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި ސަމާ މޫސާ (ސަމްކޮ) ހިމެނެއެވެ.

ސޭސްގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޖަޔަންތަ ވިދާޅުވީ، ޔޫތް ސަމިޓުގައި ސާކު ގައުމުތަކުގެ އަށް މިނިސްޓަރުން ބައިވެވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ސަމިޓުގައި ކުރިން ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮތް ޕާކިސްތާނުގެ ވަފުދަށް އިންޑިއާއަށް ވަނުމަށް ބޭނުންވާ ޕޮލިޓިކަލް ކްލިއަރެންސް ނުލިބިގެން މިއަހަރުގެ ސަމިޓުގައި ބައިވެރިނުވާ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ގައުމުތަކަށް ވަކިވަކިން އޮތް ނަމަވެސް ޒުވާނުންގެ ސަމިޓަކީ ހުރިހާ ގައުމެއްގެ ޒުވާން ލީޑަރުން އެއްތަނަކަށް ގެނެސް، އެމީހުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް މަޝްވަރާ ކުރެވޭނެ ޕުލެޓްފޯމެއް ކަމަށެވެ.

މިއަހަރުގެ ސައުތު އޭޝިއަން ޔޫތު ސަމިޓުގެ ލޯކަލް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް