ޔޫރަޕާއި އޭޝިއާއާ ދެމެދު ފައިބާ އޮޕްޓިކް ލިންކެއް އަޅަނީ

ޔޫރަޕާއި އޭޝިއާއާ ދެމެދު ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން އިސްރާއިލުން ނިންމައިފިއެވެ.

މެޑިޓެރޭނިއަން އާއި ރަތް ކަނޑުގެ ދެމެދުގައި 254 ކިލޯމީޓަރު (158 މޭލު)ގެ ފައިބާ އޮޕްޓިކް ކޭބަލެއް އިސްރާއީލުން އެޅުމަށް ނިންމާފައިވާއިރު، މި ކޭބަލް އެޅުމުން ޔޫރަޕާއި ގަލްފާއި އޭޝިއާގެ ގައުމުތަކާ ދެމެދު މެދުކެނޑުމެއް ނެތް ކޭބަލެއް އޮންނާނެ ކަމަށް އިސްރާއީލްގެ ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެ ކޭބަލް އަޅާނީ އެގައުމުގެ ސަރުކާރު ހިއްސާވާ ހަކަތަ އުފައްދާ ޖަމާއަތެއް ކަމަށްވާ އީއޭޕީސީއިންނެވެ. އެއީ އިސްރާއީލްގެ މެޑިޓެރޭނިއަން ބަނދަރުން ރަތް ކަނޑުގެ ބަނދަރަށް އެ ގުރޫޕުން އަޅާފައިވާ ތެޔޮ ޕައިޕްލައިނެއް އަޅާފައިވާ ގޮތާ އެއްގޮތަށެވެ.

އީއޭޕީސީގެ ޗީފް އެގްޒެކެޓިވް އިޓްޒިކް ލެވީ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އިސްރާއީލަކީ ގަލްފުގެ ގައުމުތަކާއި އޭޝިއާ އާއި ޔޫރަޕާ ގުޅުވައިދޭ މުވާސަލާތީ އެއްގަމު ބްރިޖެއްގެ ގޮތުގައި އޮންނާނެއެވެ.

މި ކޭބަލް ގުޅުވާފައި އޮންނާނީ އިސްރާއީލުގެ އައްސޭރިފަށަށް ވާސިލްވާ ސަބްސީ ކޭބަލްތަކާއެވެ. އަދި އިސްރާއީލުގައި ލައިސަންސް ލިބިފައިވާ ކޮންމެ ޓެލެކޮމް ކުންފުންޏަކަށް ވެސް މި ކޭބަލްގެ ޚިދުމަތް، 25 އަހަރަށް ބޭނުންކުރެވޭ ގޮތަށް ކުއްޔަށް ދޫކުރާނެއެވެ.

އީއޭޕީސީއިން ތެޔޮ ޕައިޕްލައިން އަޅާފައި ވަނީ، ސުއޭސް ކެނަލްގެ ބަދަލުގައި ބޭނުންކުރެވޭނެ ޕައިޕްލައިނެއްގެ ގޮތުގައެވެ.

ތިމާވެށީގެ ޖަމިއްޔާތަކުން ޒަމާނުއްސުރެ މިއީ ނުރައްކަލެއް ކަމަށް ސިފަކޮށް ކުންފުނީގެ ސޭފްޓީ ރެކޯޑާ މެދު ސުވާލު އުފައްދައެވެ. އެގޮތުން، 2014 ވަނަ އަހަރު ޕައިޕްލައިނެއް ފަޅައިގެން ދިއުމުގެ ސަބަބުން ފަސް މިލިއަން ލީޓަރުގެ ތެޔޮ، ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ބޭރުވެފައިވެއެވެ.

އިސްރާއިލްގެ ފިނޭންސް މިނިސްޓްރީން ބުނީ ޕައިޕްލައިން ރޫޓުގައި ފައިބާ ކޭބަލް އެޅުމުން ސަބަބުން އެ ސަރަހައްދަށް އަންނަ ބަދަލުތައް މޮނިޓާކޮށް ތެޔޮ ލީކުވެދާނެ ގޮތް ވެސް ދެނެގަނެވޭނެ ކަމަށެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން އެޅެންހުރި ހުރިހާ ފިޔަަވަޅެއް އޭރުން އެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް