އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ކުންފުނިތަކުން މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުތައް ތަހުގީގު ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ގޮވާލައިފިއެވެ.
އަދާނީ ގުރޫޕުގައި ހިމެނޭ ކުންފުނިތަކަށް ލިބޭ އާމްދަނީއާ ބެހޭ ގޮތުން އޮޅުވާލާފައިވާ ކަމަށް ބުނެ މިދިޔަ މަހު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ހިންޑެންބާގުން ވަނީ ރިޕޯޓެއް ނެރެފައެވެ.
އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީން އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި ގޮވާލާފައި ވަނީ އަދާނީ ގްރޫޕްގެ މައްސަލަ ޖޮއިންޓް ޕާލިމެންޓްރީ ކޮމިޓީއަކުން ނުވަތަ ސުޕްރީމް ކޯޓުން ކަނޑައަޅާ ޕެނަލްއަކުން ބެލުމަށެވެ.
"މި މައްސަލައިގެ ތަހުގީގާ ބެހޭ މައުލޫމާތު ދުވަހުން ދުވަހަށް ހިއްސާ ކުރަން ވެސް ވާނެ،" އިދިކޮޅު ލީޑަރު މަލިކަރުޖުން ޚަރްގޭ ވިދާޅުވިއެވެ.
މި މައްސަލާގައި އަދާނީ ގްރޫޕަށް ލިބިފައިވާ ގެއްލުން ވަނީ 100 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި އަދާނީގެ އަމިއްލަ މިލްކިއްޔާތުން ވެސް ބޮޑު ބައެއް ގެއްލި، އޭނާއަށް ވަނީ އޭޝިއާގެ މުއްސަނދި މީހާގެ ލަގަބާއި ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މީހާގެ ލަގަބު ގެއްލިފައެވެ.
ފޯބްސްގެ މުއްސަނދިންގެ ލިސްޓުގައި މިހާރު އަދާނީގެ ނަން އޮތީ، 64.2 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު 16 ވަނައިގައެވެ. އޭނާއަށް 48 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
މާލީ މުއާމަލާތްތައް ކުރުމުގައި ކުށްކުރުމުގެ މައްސަލަތައް ދިރާސާކޮށް އިންވެސްޓް ކުރާ ކުންފުންޏެއް ކަމަށްވާ ހިންޑެންބާގް ރިސާޗްއިން މިދިޔަ މަހުގެ 24ގައި ޝާއިއުކުރި ރިޕޯޓުގައި ވަނީ، އަދާނީ ދަނީ ތާރީޚީ ބޮޑު އޮޅުވާލުމެއް އޮޅުވާލަމުން ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން އަދާނީގެ ދަރަނި އިތުރުވަމުން ދިޔަ ނަމަވެސް، އޭނާ ވަނީ އޭނާގެ ކުންފުނިތަކުގެ އާމްދަނީ އާއި ހިއްސާގެ އަގުތައް އޭގެ އަސްލު އަދަދުތަކަށް ވުރެ އިތުރު ކަމަށް ދެއްކުމަށް ގަވާއިދާ ޚިލާފަށް އަމަލުކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ އަދާނީ އެންޓަޕްރައިޒަސްގެ 2.5 ބިލިއަން ޑޮލަރުގެ ހިއްސާ މިދިޔަ ހަފުތާގައި ވިއްކަން އިއުލާންކޮށްފައި ވަނިކޮށެވެ.
އެހެންނަމަވެސް ބުދަ ދުވަހު އަދާނީ އެންޓަޕްރައިސަސް އިން ވަނީ ހިއްސާ ވިއްކައިގެން ލިބުނު 2.5 ބިލިއަން ޑޮލަރު އިންވެސްޓަރުންނަށް އަނބުރާ ދޭނެ ކަމަށް ބުނެފައެވެ. އަދި އެ ނިންމުމުގެ ސަބަބުން މިހާރު އެ ކުންފުނިން ކުރާ މަސައްކަތްތަކަށާއި ކުރިއަށް އޮތް ޕްލޭންތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އަދާނީ ވަނީ ވިދާޅުވެފައިވެއެވެ.
އެ މައްސަލަ ބަލަން ތައްޔާރުވަމުންދާއިރު، ބޭންކުތަކުން ވެސް އަންނަނީ އަދާނީ ގްރޫޕާ ދުރުވަމުންނެވެ.
އަދާނީ ގްރޫޕްގެ ޖުމްލަ ދަރަނި 2.2 ޓްރިލިއަން ރުޕީސް (26.86 ބިލިއަން ޑޮލަރު) އަށް އަރައެވެ.
މި މައްސަލާގައި ހިންޑެންބާގުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އިންޑިއާގެ ކުރިއެރުން އަދާނީ ގުރޫޕުން ހުއްޓުވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ކުންފުނިތަކުން ދަނީ ގައުމު ލޫޓުވަމުން ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް އަދާނީ ގްރޫޕުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެެވެ.