ރެއާލްގައި އިތުރު ފަސް އަހަރު މަޑުކުރުމަށް އިސްކޯ އެއްބަސްވެއްޖެ

ޗެމްޕިއަންސް ލީގުގައި ރޭ ދެކޮޅަށް ކުޅުނު މެޗުގައި އަޕޮއެލްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ރެއާލްގެ އިސްކޯ މަސައްކަތްކުރަނީ: އޭނާ ވަނީ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައި --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑްގައި އިތުރު ފަސް އަހަރު މަޑުކުރުމަށް އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު އިސްކޯ އެއްބަސްވެއްޖެއެވެ.

ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުން ދެން އޭނާގެ އެއްބަސްވުން ނިމުމަކަށް އަންނާނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

އިސްކޯގެ އެއްބަސްވުން އާކުރުމާއެކު އޭނާއަށް ކޮންމެ ސީޒަނެއްގައި ހަ މިލިއަން ޔޫރޯ ލިބިގެންދާއިރު، އެހެން ކްލަބަކުން އިސްކޯ ހޯދުމަށް ބޭނުންނަމަ 700 މިލިއަން ޔޫރޯގެ ރިލީޒް ފީއެއް ދައްކަން ޖެހޭނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ކުރިން އިސްކޯއާއެކު ރެއާލުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަން ކައިރި ވެފައިވުމުގެ ސަބަބުން ބޮޑެތި ކްލަބުތަކަކުން އޭނާގެ ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެ ކްލަބުތަކުގެ ތެރޭގައި ރެއާލްގެ ވާދަވެރިޔާ ބާސެލޯނާއާއި ޖަރުމަންގެ ބަޔާން މިއުނިކް ފާހަގަކޮށްލެވެއެވެ.

މިދިޔަ ސީޒަނުގައި އިސްކޯގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން މިސީޒަނުގައި ކޯޗު ޒައިނުއްދީން ޒިދާންގެ ރޭވުންތަކުގައި އިސްކޯ ހިމެނެއެވެ. އިސްކޯ ވަނީ މިސީޒަނުގެ ސްޕެނިޝް ލަލީގާގައި ރެއާލް ކުޅުނު ތިން މެޗުގައާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސައިޕްރަސްގެ އަޕޮއެލް ނިކޯސިއާއާ ދެކޮޅަށް 3-0 ލަނޑުގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ވެސް ކުޅެފައެވެ.

އޭގެ އިތުރުން މިހާރު އިސްކޯ އަކީ ސްޕެއިން ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އެންމެ ފަހުން އިޓަލީ އަދި ލީޗްޓެންސްޓެއިންއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ވެސް އިސްކޯ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ އެ ދެ މެޗުން ޖުމްލަ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އުމުރުން 25 އަހަރުގެ އިސްކޯ، 2013 ވަނަ އަހަރު މަލާގާއިން ރެއާލްއާ ގުޅުނު ފަހުން ހަތަރު އަހަރު ދުވަސް ތެރޭގައި އެ ކްލަބާއެކު މުހިންމު ދިހަ މުބާރާތެއް ކާމިޔާބު ކޮށްފައިވެއެވެ.

comment ކޮމެންޓް