ޖާޒީ އެއްލާލުމަކީ އިހުތިރާމް ނުކުރާކަމުގެ ނިޝާނެއް ނޫން ކަމަށް ބަޔާން މިއުނިކްގެ ފްރާންސް މިޑްފީލްޑަރު ފްރޭންކް ރިބަރީ ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު އެންޑާލެހްޓްއާ ދެކޮޅަށް ކުޅެ 3-0 ލަނޑުން ބަޔާން މިއުނިކް މޮޅުވި މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް، ރިބަރީ ދަނޑުން ބޭލުމުން އޭނާ ވަނީ ބެންޗާ ދިމާލަށް ޖާޒީ އެއްލާލައިފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރުވީ ތޯމަސް މުލާއެވެ.
އެ މެޗުގައި ރިބަރީގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން ޖަރުމަން ފުޓްބޯޅަ ލެޖެންޑް ލޮތާ މަތައުސް ވެސް ވަނީ ފާޑު ކިޔައިފައެވެ. ރިބަރީއަށް އަމާޒުވާ ފާޑު ކިޔުންތަކަށް ރިބަރީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްދު ދީފައެވެ. ރިބަރީ ބުނި ގޮތުގައި، އެއީ ފުޓްބޯޅައަށް ހުންނަ ލޯތްބެއްގެ ސަބަބުން އޭނާ ކުރި ކަމެކެވެ.
"އަހަރެންނަކީ އަބަދުވެސް ފުޓްބޯޅައިގައި އެންމެ ތެދުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އަހަރެން އަބަދު ވެސް ސަޕޯޓަރުންނާއި ކްލަބަށް އިހުތިރާމް ކުރަން. އަހަރެންގެ ޖާޒީ އެއްލާލުމުގައި އިހުތިރާމް ނުކުރާކަން ނުވަތަ އެހެން ކަމެއް ވެސް ދައްކުވައިދޭ ކަމެއް ނޫން،" އޭނާ ލިޔެފައިވެއެވެ.
ރިބަރީ ބުނީ، ފާއިތުވެދިޔަ ދިހަ އަހަރު ވެސް އޭނާ ލައިގެން އުޅުނީ އެއް ޖާޒީއެއް ކަމަށާއި ބައެއް މީހުންނަށް ކްލަބުގެ މުހިންމުކަން ނޭނގޭނެ ކަމަށެވެ. އަދި ދަނޑުމަތީގައި ހުރެއްޖެނަމަ، ޓީމުގެ ދިފާއުގައި ކޮންމެ ކަމެއް ކުރުމަށް ވެސް ތައްޔާރަށް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.