ޓުވިޓާގައި ހިޔާލު ފާޅު ކުރުމަށް އިންޑިއާ އިން ހުރަސް އެޅުން ކުށްވެރިކޮށްފި

ކަތަމަންޑޫގައި ބޭއްވި ބައްދަލުވުމުގައި ކަޝްމީރުގައި އިންޑިއާ އިން މީޑިއާ ކޮންޓްރޯލް ކުރާ މައްސަލަ ޖާނަލިސްޓަކު ހުށަހަޅަނީ --

އިންޑިއާއިން ކަޝްމީރުގައި ޓުވިޓާގައި ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ސައުތު އޭޝިއާ މީޑިއާ ސޮލިޑާރިޓީ ނެޓްވޯކް (ސެމްސަން) އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން އެކަން ކުށްވެރިކޮށް ގަރާރެއް ނެރެފި އެވެ.

މިމަހުގެ 8 އިން 10 އަކަށް ސެމްސަން އާއި އައިއެފްޖޭ އިން ނޭޕާލްގައި ބޭއްވި ބައްދަލުވުމެއްގައި ނެރުނު އެ ގަރާރުގައި ވަނީ ކަޝްމީރުގައި އިންޑިއާ ސަރުކާރުން ބައެއް ކަހަލަ ޓުވީޓުތައް ކުރުން ހުއްޓުވައި، އެފަދަ ޓުވީޓްތައް ކުރުމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އަދި ކޯޓު އަމުރަކާ ނުލައި، ހަމައެކަނި ސަރުކާރުގެ އެދުމުގެ މައްޗަށް ބިނާކޮށް ޓުވިޓާއިން އެފަދައިން އަމަލު ކުރުމުން އެނގިގެންދަނީ އެކުންފުނިން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ވުރެ ބޮޑަށް، މާލީ ފައިދާއަށް އިސްކަންދޭކަން ކަމަށް ގަރާރުގައިވެ އެވެ.

މީގެ އިތުރުން، އައިއެފްޖޭ އާއި ސެމްސަން އިން ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ޓުވިޓާގެ 115 އެކައުންޓް ބްލޮކް ކުރުމަށް އެންގުމުން އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެމިނިސްޓްރީން އެ އެކައުންޓްތައް ބްލޮކް ކުރަން އަންގާފައި ވަނީ އެ އެކައުންޓްތައް ހިންގަނީ ގަވާއިދާ ހިލާފަށް ކަން ޔަގީން ނުކޮށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެބައްދަލުވުމުގެ ބައިވެރިން ވަނީ ހިޔާލު ފާޅު ކުރުމާ ބެހޭ ކަންތައްތައް ނިންމުމުގައި އަމަލު ކުރަން ޖެހޭ ގަވާއިދުތަކަށް ޓުވިޓާއިން އަމަލު ކުރުމަށް ގޮވާލާފަ އެވެ. އަދި ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ހަމައެކަނި ޝަރުއީ އިދާރާތަކުންދޭ އަމުރުތަކަށް އަމަލު ކުރުމަށް ޓުވިޓާއަށް ގޮވާލި އެވެ.

comment ކޮމެންޓް