ޔުނާން ހަމަ ރަނގަޅަށް އައްޒަގެ ހިތާ ކުޅެލައިފި!

ނަހޫގެ "ބޮސް"ގެ މަންޒަރެއް: މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން -- ފޭސްބުކް ފޮޓޯ

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ހުނަރުވެރި އަންހެން އެއް ފިލްމީ ތަރިއަކީ މަރިޔަމް އައްޒަ ކަމާ މެދު ބެލުންތެރީން ޝައްކެއް ނުކުރާނެއެވެ. އެއީ ފިރިހެން ތަރީންގެ ތެރޭގައި އެންމެ މަގުބޫލް ތަރިއަކީ އަދިވެސް ހަމަ ޔޫސުފް ޝަފީއު (ޔޫއްޕެ) ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފަދައިންނެވެ. އެހެން ނަމަވެސް މިފަހަރު އެންމެ މޮޅު ބަޠަލާގެ ހިތާ ކުޅެލީ ޔޫއްޕެއެއް ނޫނެވެ. މުޅިން އަލަށް މި ދާއިރާގައި ފިޔަޖަހަންފެށި، އުންމީދީ ބަޠަލް މުހައްމަދު ޔުނާންއެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ 31ގައި -- ފޭސްބުކް ފޮޓޯ

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ލީޑު ރޯލުން ފެންނަނީ، އައްޒައާއި ޔުނާނެވެ. މި ފިލްމުގައި ތަޖްރިބާކާރު އެތަކެއް ފަންނާނުންނެއް ހަރަކާތްތެރިވާއިރު، އެންމެންގެ ލޯތަށްވެސް ހުއްޓެނީ ހަމަ އެންމެ ތަރިއަކާ ދިމާއަށެވެ. އެހެންކަމުން އައްޒަގެ ހިތްވެސް އެދިމާއަށް އެނބުރުމަކީ މައްސަލައެއް ނޫނެވެ.

އަޅުގަނޑު ބުނާނީ، ޔުނާންއަކީ ވަރަށް މޮޅު ކުއްޖެކޭ. ބޮސްގެ ކާސްޓުން މިހާރު ޔުނާން ރޭޓްކޮށްފި، އެންމެ މޮޅުކަމަށް. ދެން މި ފިލްމު ބަލާފައި ބެލުންތެރީން ޔުނާން ރޭޓްކުރާނީ އަޅުގަނޑު ބުނާނީ ހަމަ ޔޫއްޕެއާ ޖެހިގެން ހަމަ ޔޫއްޕެއާ އެއް ލެވެލެއްގަ،އައްޒަ

އައްޒަގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އޭނާއާ އެކު މަސައްކަތްކުރި އެއްވެސް ބަޠަލަކަށް ތައުރީފު ނުކުރާ ވަރަށް އައްޒަ މިވަނީ ޔުނާނަށް ތައުރީފްކޮށްފައެވެ. އައްޒަ ބުނީ، އޭނާގެ ފިލްމީ ހަޔާތުގައި ލިބުނު ވަރަށް ޚާއްސަ މި ފުރުސަތުގައި ޔުނާންގެ ސަބަބުން ފިލްމުގެ ބައެއް މަންޒަރުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ގެންލެން މަޖްބޫރުވި ކަމަށެވެ.

"ބޮސް"ގައި ޔުނާންގެ ފަރާތުން ފެނިގެންދާ އެކްޓިންއާ ގުޅޭގޮތުން ސުވާލުކުރުމުން އައްޒަބުނީ ހަމަ "އެކްސްޓްރީމް" ކަމަށެވެ.

"އަޅުގަނޑު ބުނާނީ، ޔުނާންއަކީ ވަރަށް މޮޅު ކުއްޖެކޭ. ބޮސްގެ ކާސްޓުން މިހާރު ޔުނާން ރޭޓްކޮށްފި، އެންމެ މޮޅުކަމަށް. ދެން މި ފިލްމު ބަލާފައި ބެލުންތެރީން ޔުނާން ރޭޓްކުރާނީ އަޅުގަނޑު ބުނާނީ ހަމަ ޔޫއްޕެއާ ޖެހިގެން ހަމަ ޔޫއްޕެއާ އެއް ލެވެލެއްގަ ރޭޓްކުރާހާވެސް ޔުނާން މޮޅޭ ހަމަ ވަރަށް މޮޅޭ،" ޔުނާންގެ ހުނަރަށް ވަރަށް ބޮޑަށް ތައުރީފްކުރަމުން އައްޒަ ބުންޏެވެ.

"އެއްބައި ސީންތަކުގައި ހަމަ ޔުނާންއާ ހެދި އެ ސީންތެރެއަށް ވަދެވިގެން ހަމަ ވަރަށް ބޮޑަށް ކުޅޭ ހިތުން ކުޅެފަ ހުންނާނެ، އޭގަ ޔުނާންގެ މަސައްކަތް ވަރަށް ބޮޑަށް ފެނިގެން ދާނެ."

"ބޮސް"ގެ ޓްރެއިލަރ އަދި ލަވަތަކުގެ އޯޑިއޯ ރިލީޒްކުރުމަށް ބޭއްވި ހަފްލާގެތެރެއިން: -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔުނާންގެ ހުނަރަށް ތައުރީފްކުރަމުން ދަނީ ހަމައެކަނި، އައްޒައެއް ނޫނެވެ. "ބޮސް"ގެ ކާސްޓުންގެ ޓީމުވެސް ޔުނާންގެ ޖާދޫގައި ޖެހި، ކަރުނައެޅިކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

"ނަހޫގެ ސްކްރިޕްޓަކީ ބެލުންތެރީން ޝައްކު ކުރާނޭ އެއްޗެއް ނޫން. އޭގެ އިތުރުން ކާސްޓުން ޑައިލޮގްތައް ކިޔާލާއިރު މިއީ ހަމަ ރިއަލިޓީއޭ ހިތަށް އަރާވަރުކޮށްފަ އެބަހުރި،" ފިލްމުގައި ޔުނާން ފެންނަ މަންޒަރެއް ނަގަމުން ދިޔައިރު ކަރުނަފޮހެން ޓީޝޫފޮއްޓެއް ހުސްވި ހާދިސާއާ ގުޅޭގޮތުން ފިލްމުގެ ޑައިރެކްޓަރ އައިޝަތު ރިޝްމީ ރަމީޒް ބުނެފައިވެއެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއްގައި ޔުނާން އާއި އައްޒަ. -- ފޭސްބުކް ފޮޓޯ: ބޮސް

ނަހޫގެ ފިލްމެއްގައި ހަރަކާތްތެރިވެލުމަށް ނުހަނު އުންމީދުގައި ހުރި ޔުނާން ބުނެފައި ވަނީ، ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފޭތޯ މަސައްކަތް ކޮށްފައި ވާނޭ ކަމަށެވެ.

"ނަހޫގެ ފިލްމަކުން މިވަރުގެ ފުރުސަތެއް އިތުބާރުކޮށްފަ ދިނީތީވެ ހަމަ ޝުކުރު އަދާކޮށްލަން ބޭނުން، ނަހޫއަށާއި ރިޝްމީއަށް،" އޭނާގެ އިހްސާސްތައް ކިޔައިދެމުން ޔުނާން ބުންޏެވެ.

"ކުޑައިރުއްސުރެން ފެށިގެން، އެއީ ޔުނާން ފިލްމުބަލަން ފެށި އިރުއްސުރެން ފެށިގެން ނަހޫގެ ފިލްމުތައް ހަމަ ބަލާހަދަން. ދެން ނަހޫގެ ފިލްމެއް ކުޅެލަން ލިބުމުން ވަރަށް މަސައްކަތްކޮށްފަ ހުންނާނެ އެގޮތަށް ކުޅެލެވޭތޯ."

"ބޮސް"ގެ ބަޠަލާ މަރިޔަމް އައްޒަ (ވ) އާއި ފިލްމުގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒް (ކ) -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔުނާންގެ އިތުރުން މި ފިލްމަކީ އައްޒައަށް ވެސް ވަރަށް ޚާއްސަ ފިލްމެކެވެ. އެއީ ޔުނާންއާއެކު ފަދަ އުންމީދީ ހުނަރުވެރި ފަންނާނަކާއެކު މަސައްކަތް ކުރާން ލިބުމުގެ އިތުރުން އެހެން ސަބަބުތަކަކާވެސް ހުރެއެވެ.

"ދެން މި ފިލްމު ވަރަށް ހާއްސަވެގެން މިދަނީ، އެއްކޮޅުން ކުޑާއްތަ (ރިޝްމީ) ޑައިރެކްޝަން ހަދަނީ، އަނެއްކޮޅުން މި ފިލްމުގައި އައްޒަގެ ބައްޕަގެ ރޯލުން ފެނިގެން ދަނީ ހަމަ އައްޒަގެ އަސްލު ބައްޕަ. އެހެންވެ މިފިލްމު ހަމަ ހުރިހާގޮތަކުން ވެސް ވަރަށް ސްޕެޝަލް،" މިއަހަރުގެ ކުރީ ކޮޅު ރިލީޒްކުރި ނަހޫގެ ބިރުވެރި ފިލްމު 4426ގައިވެސް މޮޅު ހުނަރުތަކެއް ދައްކާލާފައިވާ ކުޅަދާނަ ބަޠަލާ ބުންޏެވެ.

އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ، ނަހޫގެ "ބޮސް"ގެ ޓިކެޓް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ވިއްކަން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް