އެދުރުކަން ދޫކޮށް ބަދިގެ ހިޔާރުކުރި ފަތީން، ގައުމު ހިނިތުން ކުރުވުމުގައި!

ބޭރުގެ މުބާރާތް ތަކުގައި ފަތީން އަންނަނީ ކާމިޔާބީތަށް ހޯދަމުން -- ފޮޓޯ ގޫގުލް

ށ. ފޯކައިދުއަށް އުފަން އަހްމަދު ފަތީން އަކީ، ކުރިން "ކައްކާއެއް" ނޫނެވެ. ކުރިން އޭނާގެ ފަންނަކީވެސް ކެއްކުމެއް ނޫނެވެ. އަދި ކެއްކުމަށް މާބޮޑު ޝައުގުވެރިކަމެއް ވެސް އޭނާގެ ނުހުރެއެވެ. ފަތީނަކީ ކުރިން ސްކޫލްގައި ކިޔަވައިދޭން އުޅުނު މުދައްރިސެކެވެ. ފަތީންގެ ކެއްކުމުގެ ހަޔާތް ފެށިގެން އައީ ކިޔަވައިދިނުމުގެ ދާއިރާ ދޫކޮށްލައި، ރިސޯޓެއްގެ އިންޓާންޝިޕަށް ދިޔަ ހިސާބުންނެވެ. ނަމަވެސް ކެއްކުމާމެދު މާ ބޮޑު ޝައުގުވެރިކަމެއް ނެތި އެ ދާއިރާއަށް ނިކުތް ފަތީން އަކީ މިހާރު، ދުނިޔޭގެ ފެންވަރުގެ ޝެފުންނާ ވާދަކޮށް ބޮޑެތި ކާމިޔާބިތަކެއް ހޯދަމުންދާ، ދިވެހީން ފަޚުރުވެރިވާ ފަދަ ދިވެހި ދަރިއެކެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ފަތީނަކީ ރާއްޖޭގައި ބާއްވަމުން އަންނަ ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާ ޝެފެކެވެ.

ފަތީން ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ ހޯދި ކާމިޔާބިގެ ޓްރޮފީ އަދި ސެޓްފިކެޓް ބައްލަވައި ގަންނަނީ -- ފޮޓޯ ގޫގުލް

ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގެ އިތުރުން މި އަހަރު ހޮންކޮންގައި ބޭއްވި ކަލިނަރީ ޗެލެންޖްގައި ފަތީން ވަނީ ރިހި މެޑަލް ހޯދައި ރާއްޖޭގެ ނަން ފަވާލައިފައެވެ.

ފަތީނަކީ ދުނިޔޭގެ ފެންވަރުގެ އެކި މުބާރާތް ތަކުގައި، ބޭރުގެ މަޝްހޫރު ޝެފުން ވެސް ފަހަތަށް ޖައްސާލާ ފަދަ ކުޅަދާނަ މޮޅު ޝެފެކެވެ.

ދުބާއީގައި ބާއްވާ ކޯނޯ ދަ މާސްޓާ އޮފް ސީޒަނިންގައި ފަތީން ބައިވެރިވާނެ!

ހޮސްޕިޓާލިޓީގެ ދާއިރާއާއި، ހާއްސަކޮށް ކާބޯތަކެތީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީން ކުރުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ބެސްޓްބައި މޯލްޑްވްސް އަކީ އެ ކުންފުނީގެ ފަރާތުން ޓްރެއިނިންގ ޕްރޮގްރާމްތަށް ހިންގާ، ދުނިޔޭގެ އެކި ހިސާބުތަކަށް ޝެފުން ފޮނުވައިގެން ތަމްރީން ދެމުން އަންނަ ކުންފުންޏެކެވެ.

ބެސްޓްބައި މޯލްޑްވިސްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ، ބެސްޓްބައި މޯލްޑިވްސްގެ މަގްސަދަކީ ދުނިޔޭގެ ތަޖުރިބާކާރު މީހުންގެ ފަރާތުން ރާއްޖޭގެ ކާބޯތަކެތީގެ ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީން ކޮށްދިނުން ކަމުގައެވެ.

ޔުނިލިވާގެ އުފެއްދުންތަށް ރާއްޖެ އެތެރެކުރާ ބެސްޓްބައި މޯލްޑިވްސްގެ ފަރާތުން މި ވަނީ ފަތީންއަށް މިފަހަރު ވެސް ރަނގަޅު ފުރުސަތެއް ހޯދައިދީފައެވެ. ދުބާއީގައި ޔުނިލިވާއިން އޯގަނައިޒް ކޮށްގެން ކޯނޯ ބްރޭންޑުން މެދު އިރުމަތީ ގައުމުތަކަށް ހުޅުވާލި "ކޯނޯ ދަ މާސްޓާ އޮފް ސީޒަނިން،"ގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ފަތީންއަށް ލިބިފައެވެ.

އެ މުބާރާތަށް މީހުން ހޮވުމަށްޓަކައި ކޮންމެ ގައުމަކުންވެސް ކޯނޯ ބްރޭންޑްގެ ޕްރޮޑަކްޓްސްތައް ބޭނުންކޮށްގެން ޑިޝް އުފެއްދުމަށް ހުޅުވާލިއެވެ. އަދި ކޮންމެ ގައުމަކުންވެސް އެންމެ މޮޅު 10 ޑިޝް ހޮވައި، އޭގެތެރެއިން އެންމެ ގިނައިން ވޯޓް ލިބޭ ޑިޝް ތައްޔާރުކުރިފަރާތަށް އެ މުބާރާތުގައި ބައިވެރިވެވޭ އިރު، ފަތީން ތައްޔާރުކުރި "ޓްރިއޯ އޮފް މީޓްސް" ވެގެން ދިޔައީ މުޅި ސަރަހައްދުގެ ވެސް އެންމެ ގިނަ މީހުންނަށް ކަމުދިޔަ ޑިޝް އަށެވެ.

ފަތީން އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޝެފް -- ފޮޓޯ ގޫގުލް

"ރާއްޖޭގެ ނަމުގައި ބޭރުގެ ފަރާތްތަށްވެސް އެ ޗެލެންޖްގައި ބައިވެރިވި. ނަމަވެސް ރާއްޖެއިން އެންމެ ގިނަ ވޯޓް ލިބުނީ އަދި މި މުޅި ސަރަހައްދުންވެސް އެންމެ ގިނަ ވޯޓް ލިބުނު ޑިޝް އަކަށް އަޅުގަނޑުގެ ޑިޝް ހޮވުން އެއީ ވަރަށް ބޮޑު އުފަލެއް،" ފަތީން ބުންޏެވެ.

މި މުބާރާތް ވެގެންދާނީ މުޅިން އާ ތަޖުރިބާ އަކަށް

ކޯނޯ ދަ މާސްޓާ އޮފް ސީޒަނިން އަކީ ހަމައެކަނި މުބާރާތެއް ނޫނެވެ. އެއީ ފަތީންގެ ކެއްކުމުގެ ހަޔާތަށް ލިބިގެންދާނޭ ވަރަށްބޮޑު ތަޖުރިބާއެއް ކަމަށް ފަތީން ފާހަގަ ކުރެއެވެ. ހަތް ދުވަހުގެ ކެއްކުމުގެ ކްލާސްތަކެއް އޮންނަ އެ މުބާރާތުގައި ކެއްކުމުގެ ދާއިރާގައި ކުރިން ނޭނގޭ އެތަށް ކަމެއް ދަސްވެގެންދާނެކަމަށް ފަތީން ބުނެއެވެ.

" ކްލާސްތައް ނިންމުމަށްފަހުގައި އޮންނަ ޗެލެންޖަކީ މިހާތަނަށް އަޅުގަނޑު ކުރިމަތިލާ އެންމެ ބޮޑު އެންމެ އުނދަގޫ ޗެލެންޖަށް ވެގެން ދާނެ. ދުނިޔޭގެ ފެންވަރުގެ މޮޅެތި ޝެފުން ވާދަކުރާ މި މުބާރާތުގައި ޖަޖުންނަކީވެސް މިދާއިރާގައި ތަޖުރިބާކާރު މޮޅެތި ޝެފުން،" ފަތީން ބުންޏެވެ.

ފަތީން މުބާރާތެއްގައި ބައިވެރިވި އެހެން ޝެފުންނާއެކު -- ފޮޓޯ/ ގޫގުލް

އެ މުބާރާތުގައި ކޮންމެ ޝެފެއް ކައްކަން ޖެހޭނީ މުބާރާތް ބާއްވާ ފަރާތުން ދައްކާލާ "މިސްޓްރީ ބޮކްސް" ތެރޭގައި ހުންނަ ތަކެތި ބޭނުންކޮށްގެނެވެ. ޗެލެންޖް ފެށުމާ ހަމައަށްވެސް އެ ފޮތިގަނޑުތެރޭގައި ވަނީ ކޮން އެއްޗެއްކަމެއް އެއްވެސް ބައިވެރިޔަކަށް ނޭނގޭނެއެވެ. އެ މުބާރާތް ކާމިޔާބުވާނީ އެތަކެތި ބޭނުންކޮށްގެން އެންމެ މީރު އަދި އެންމެ ރީތި ޑިޝް ތައްޔާރު ކުރާ ފަރާތެވެ.

މުބާރާތެއްގައި ބައިވެރިވެ ލިބުނު މެޑަލް އަދި ސެޓްފިކެޓާއެކު ފަތީން -- ފޮޓޯ/ ގޫގުލް

އެ ޗެލެންޖާ ކުރިމަތިލާން ޖެހުމަކީ ފަތީން ޖެހިލުންވެ ހާސްވާ ކަމެއް ނޫނެވެ. ލިބިފައިވާ ތަޖުރިބާތަކުގެ އެހީގައި ކޮންމެ އެއްޗެއް ދިނަސް އެއިން މީރު ޑިޝްއެއް ތައްޔާރުކޮށްލެވޭނެކަމުގެ ޔަގީންކަން ފަތީނަށް އެބަ އޮތެވެ.

"މި މުބާރާތަށް ތައްޔާރުވާން ވާނެ ވަކި ތައްޔާރީއެއް ނެތް. އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އެ މިސްޓްރީ ބޮކްސްގެ ތެރޭގައި ކޮންމެ އެއްޗެއް އޮތަސް އެއިން ކޮންމެވެސް މީރު ކާއެއްޗެއް ހަދާލެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ފަތީން ބުންޏެވެ.

ފަތީން ދުނިޔޭގެ އެހެން ޝެފުންނާއެކު -- ފޮޓޯ ގޫގުލް

ފަތީން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތުު ގޮތަކަށް ޑިޝް ތައްޔާރުކުރާށެވެ. އޭނާ ތައްޔާރުކުރާ ކާތަކެއްޗަށް އަމިއްލަ ވަންތަކަން ގެނެސް، ތަފާތު، މޮޅުގޮތަކަށް އެ ޑިޝް ޕްރެޒެންޓް ކުރުން އެއީ ފަތީން ބޭނުންވާ ގޮތެވެ.

ފަތީން ތަޖްރިބާ ހޯދަނީ ނަމަކަށް ނޫން، ޚިދުމަތްވެސް ކުރަން!

ކޯނޯ ދަ މާސްޓާ އޮފް ސީސަނިން ނިންމުމަށްފަހުގައި ލިބިގެންދާ ސެޓްފިކެޓަކީ ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓެއްކަމަށް ފަތީން ބުންޏެވެ. އެ ސެޓްފިކެޓް ލިބުމުން އަމިއްލައަށް ޓްރެއިނިން ޕްރޮގްރާމްތަށް ހިންގޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އެހެން ކަމުން ފަތީންގެ އަމާޒު ހުރީ އެ ދާއިރާގައި ރާއްޖެއިން މީހުން ތަމްރީން ކުރުމަށެވެ.

މިހާރުވެސް ރާއްޖޭގެ ކެއްކުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެ ދާއިރާގެ ކަންކަމާ ބެހޭގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަތީންގެ އަމާޒަކީ މިފަހަރުގެ މުބާރާތަށްފަހު، ރާއްޖެ އައިސް، އޭނާ ވަޒީފާ އަދާކުރަމުން އަންނަ ބަނޑޮހުގައި ޓްރެއިނިން ޕްރޮގްރާމްތަށް ހިންގުމަށެވެ.

ހޯފެކްސް ގައި ރިހި މެޑަލް ހޯދައިފަވާ ޝެފް އަހުމަދު ފަތީން އާއި ޝެފް އިސްމާއިލް ނަސީރު -- ފޮޓޯ/ ގޫގުލް

ރާއްޖޭގެ ހޮޓެލް ސްކޫލް ދަރިވަރުންނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަތީނަކީ މިހާރު ވެސް އެ ކުދީންނަށް ކެއްކުމާ ބެހޭ އިރުޝާދުތައް ދީ، ތަފާތު ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންދާ، ޚިދުމަތްތެރިއެކެވެ.

ކެއްކުމުގެ ދާއިރާއަށް ނުކުތުމުން ބައެއް ރައްޓަހިންނާއި އެހެނިހެންވެސް މީހުންގެ ފަރާތުން ކުރިމަތިވި މަލާމާތާ ސީދާ ކުރިމަތިލީ، ފަހުން އެ ދާއިރާއަށް ޖެހެމުން އައި ލޯތްބެއްގެ ބޮޑު ކަމުންނެވެ. ފަތީން ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމަކީވެސް ހަލާލު މަސައްކަތެއްނަމަ ހަޑި މަސައްކަތެއް ނޫނެވެ.

މުބާރާތް ތަކުގައި ބައިވެރިވެ ލިބިފައިވާ ޓްރޮފީތަކާއެކު ފަތީން -- ފޮޓޯ/ ގޫގުލް

މިއަދު ދިވެއްސެއްގެ ގޮތުގައި ހުރެ ދުނިޔޭގެ މުބާރާތްތަކުގައި ވާދަ ކޮށް ކާމިޔާބިތަށް ހޯދައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ލިބޭ ޝަރަފެއްކަމުގައި ފަތީން ދެކެއެވެ.

comment ކޮމެންޓް