މޫނުން ފޯނު އަންލޮކް ކުރެވޭ ގޮތަށް އައިފޯން އެކްސް ނެރެފި

އައިފޯން 10 (އައިފޯން އެކްސް): އެ ފޯނަކީ ސްމާޓްފޯނުތަކުގެ މުސްތަގުބަލަކީ އެ ފޯނު ކަމަށް އެޕަލުން ބުނޭ،

އެޕަލްއިން ފުލުފުލުގައި ގެންނަ އިންގިލާބީ ބަދަލަށް މިރޭ ވެސް އަނެއްކާ ބޮޅެއް އިތުރުވީ އެވެ. އެޕަލްއިން މިރޭ ނެރުނު ތިން ފޯނުގެ ތެރެއިން "އައިފޯން އެކްސް"ގައި ތަފާތު އާ ސިފަތަކެއް ހިމަނާފައިވެ އެވެ.

އައިފޯން އެކްސްގައި ހިމެނޭ ހާއްސަ ސިފަތައް

- ފޯނުން އަމިއްލައަށް ސިފަ ދެނެގަނެ، ފޯނު އަންލޮކްކޮށްދޭނެ

އައިފޯން އެކްސްއަކީ އަނދިރީގައި ވެސް މޫނުގެ ބައްޓަން ދެނެގަންނާނެ ފޯނެކެވެ. އެޕަލްއެ ފޯނަށް އައިފޯން 10 އޭ ވެސް ކިޔަ އެވެ. އެ ފޯނުގެ އެންމެ ހާއްސަ ސިފައެއްގެ ގޮތުގައި ވަނީ ފޭސް އައިޑީ ދެނެގަތުމުގެ ބާރެވެ.

- އައިފޯން އެކްސްގައި ހޯމް ބަޓަނެއް ނުހުންނާނެ

ހޯމް ބަޓަނެއް ނުހުންނަ އައިފޯން 10 އަކުން މަލްޓިޕުލް ޓަޗްގެ އެހީގައި ފޯނުގެ ހުރިހާ ކަމެއްވެސް ކުރެވޭނެ އެވެ. އެގޮތުން ވަކި ގޮތަކަށް އިނގިލިން ފިއްތާލުމުން ފޯނުގެ ހޯމަށް ދެވޭނެ ގޮތް ވެސް ވަނީ ހަދާފަ އެވެ.

- އައިފޯން އެކްސްގައި އެނިމޯޖީ ހިމެނޭ

އެނިމޯޖީއަކީ ފޯނު މެދުވެރިކޮށް މީހުންނާ މުއާމަލާތް ކުރުމަށް އެނިމޭޓުކޮށްފައިވާ ތަފާތު އެކިއެކި އިމޯޖީސްތައް ހިމެނޭ އެއްޗެކެވެ. ދައްކާ ވާހަކަތައް ރެކޯޑުކޮށް، އެނިމޭޓްކޮށްފައިވާ އިމޯޖީސްއެއް އެ ފީޗާމެދުވެރިކޮށް އަޑާއެކު އެހެން މީހުންނަށް ފޮނުވޭނެއެވެ.

- ވަޔަލެސް ޗާޖިންއާއެކު ބެޓެރީގެ ބާރު އިތުރު ދެ ގަޑިއިރަށް ހިފަހައްޓާނެ

އެޕަލްގެ އިންވެންޓުގައި ބުނެފައިވާ ގޮތުން އައިފޯން 7 އަަށް ވުރެ ދެ ގަޑިއިރު އިތުރަށް ބެޓެރީގެ ބާރު ހިފަހައްޓާނެ އެވެ. އަދި އައިފޯން 8 އަދި ފައިފޯން 8އެސްގެ ފީޗާގެ ތެރޭގައި ހިމެނޭ ވަޔަލެސް ޗާޖިން ފީޗާ ވެސް މި ފޯނުގައި ހިމަނާފައިވެ އެވެ.

އުންމީދު ކުރިވަރުގެ ސިފަތަކެއް އެޕަލްއިން މިރޭ ދައްކާލި އައިފޯން 8 އަދި އައިފޯން 8އެސްގައި ނެތުމުން، އެކަމުގެ ފާޑުކިޔުން އޮހެމުންދަނިކޮށް އެޕަލްއިން އައިފޯން 10، އައިފޯން އެކްސްގެ ނަމުގައި ތައާރަފްކޮށް، އިންގިލާބީ ބަދަލަކަށް ވަނީ ދޮރު ހުޅުވާލަދީފަ އެވެ.

މޫނަށް އަންނަ ބަދަލުތައް ދެނެގަނެވޭ ގޮތަށް ހަދާފައިވާ ފޭސް އައިޑީއާގެ ސަބަބުން، ސިފަ ބަދަލު ކުރިޔަސް އެ މީހަކީ ކާކުކަން ދެނެގަތުމުގެ ގާބިލުކަން އައިފޯން 10އަށް ިލިބިގެންވެ އެވެ.

މިރޭ ތައާރަފް ކުރި އައިފޯން 10ގެ ފުރިހަމަކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މިރޭ ތައާރަފް ކުރި އައިފޯން 8އަކަށްވުރެ، ގިނައިން ވިކޭނީ އައިފޯން އެކްސް ނުވަތަ އައިފޯން 10 ކަމަށެވެ.

އައިފޯން އެކްސްގެ އަގަކީ 999 ޑޮލަރެވެ. ނޮވެމްބަރު 10 އިން ފެށިގެން އައިފޯން 10 ވިއްކަން ފަށާނެ ކަމަށް އެޕަލްއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް