މެޗު ނުކުޅޭކަށް ނުނިންމަން، ފަހު ހާފުގައި އެރި ރެފްރީއާއެކު ނުކުޅޭނަމޭ ބުނީ: ސޮބާ

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާ: ހަމަޖެހިލައިގެން މެޗެއް ކުޅެވޭނީ ރެފްރީންގެ މައްސަލަތައް ހައްލުކޮށްގެން ކަމަށް އޭނާ ބުނޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ޕްރިމިއާ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނުކުޅެން ގްރީނުން ނިންމާފައި ނުވާނެ ކަމަށާއި އެ ކްލަބުން ނިންމީ އެ މެޗުގައި ބަދަލު ރެފްރީއެއްގެ ގޮތުގައި އެރި ރެފްރީ މުހައްމަދު ނިއުޝާދު ލައިގެން މެޗު ކުރިއަށް ނުގެންދަން ކަމަށް ގްރީންގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

"ސަން ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ސޮބާ މިއަދު ބުނީ މެޗު ނުކުޅޭނަމޭ އެއްވެސް ފަހަރަކު ބުނެފައި ނުވާނެ ކަމަށާއި އެކަމަކު ބަދަލު ރެފްރީއެއްގެ ގޮތުގައި ދަނޑަށް އެރި ނިއުޝާދު ލައިގެން މެޗު ކުރިއަށް ނުގެންދަން ނިންމި ކަމަށެވެ.

އޭގެ ކުރިން މާލޭ ލީގުގައި ވެސް ރެފްރީންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔައިރު ސޮބާ ވަނީ ރެފްރީންނަށް ގޯސް ހެދިދާނެ ކަމަށް ބުނެ ރެފްރީން ދިފާއުކޮށްފައެވެ. ނަމަވެސް ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ސަބަބުން ހިނގާ ދިޔަ ގޯސްތަކުގެ ސަބަބުން ގްރީނުން ދެން ނިއުޝާދު އަރުވައިގެން ކުޅެން ބޭނުން ނުވީ ކަމަށް ސޮބާ ވަނީ ބުނެފައެވެ.

"ނިއު މެޗުގައި ވެސް އަދި ޓީސީ މެޗުގައިވެސް ރެފްރީގެ ފަރާތުން ފެނިގެންދިޔައީ ހަމަ މިކަހަލަ ކަންތައްތަކެއް. އަބަދަކު ކެތެއް ނުވާނެ އެއްޗެއް ނުބުނެ. ރޭގައި އަހަރަމެން ނިންމީ މެޗު ނުކުޅޭކަށް ނޫން، ފަހުން އެރި ރެފްރީއާ އެއްކޮށް މެޗު ކުރިއަށް ނުގެންދަން،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ، މާޒިޔާއަކީ ގްރީނުން ކުޑަކޮށްވެސް ޖެހިލުންވާ ޓީމެއް ނޫން ކަމަށާއި އެ ޓީމު އަތުން ބަލިވެދާނެތީ މެޗު ހުއްޓާލި ކަމަށް ދުށުމަކީ ކުށް ހީއެއް ކަމަށެވެ. ހަގީގަތަކީ މާދަމާ ނުވަތަ މިއަދު ވިޔަސް އަލުން އެ މެޗު ކުޅެން ބުނިކަމުގައި ވިޔަސް މެޗު ކުޅެން ގްރީން އޮންނާނީ ތައްޔާރަށް ކަމަށާއި އެކަމަކު ރެފްރީންގެ މައްސަލައަށް ހައްލެއް ގެނެސްގެން ނޫނީ ހިތްހަމަޖެހިގެން މެޗެއް ނުކުޅެވޭނެ ކަމަށެވެ.

ރޭގެ މެޗު ފެށިއިރު މެޗުގެ ރެފްރީކަން ކުރަމުންދިޔައީ އާދަމް ފަޒީލެވެ. ނަމަވެސް ދެ ވަނަ ހާފަށް ނުކުތީ އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި ހުރި މުހައްމަދު ނިއުޝާދެވެ. އަދި ދެ ވަނަ ހާފުގައި ރެފްރީ ފަޒީލް ހުރީ ފޯތު އޮފިޝަލެއްގެ ގޮތުގައެވެ. ދެވަނަ ހާފުގައި ނިއުޝާދުގެ ބަދަލުގައި އެސިސްޓަންޓް ރެފްރީގެ ދައުރު އަދާކުރަމުން ދިޔައީ ފުރަތަމަ ހާފުގައި ފޯތު އޮފިޝަލެއްގެ ގޮތުގައި ފެނިގެންދިޔަ ޒަހީރު ހުސައިންއެވެ. ދެވަނަ ހާފުގައި ބަދަލު އައިސްފައިނުވަނީ ހަމައެކަނި އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދުގެ މަގާމަށެވެ.

ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް، ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ގްރީނުން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.

އެ މެޗު ކުރިއަށް ގެންދަން ގްރީނުން ބޭނުންނުވާކަން އެންގުމުން އެ މެޗު އަލުން ކުޅޭނީތޯ ނުވަތަ މެޗުގެ ތިން ޕޮއިންޓު ލިބޭނީ މާޒިޔާއަށްކަން ކަށަވަރުވާނީ އެފްއޭއެމްގެ ނިންމުމަށްފަހުއެވެ. ރޭގެ މެޗު ނިންމާލި އިރު 1-0 ލަނޑުން ކުރީގައި އޮތީ މާޒިޔާއެވެ.

comment ކޮމެންޓް