ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މިއަދު އާއްމުކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން، މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އަދި ދޭއްގެ ފްލެޓްތަކަށް ޝަރުތުުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކޮށްފައެވެ.
ހައުސިން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރި އެ ލިސްޓުގައިވާ ގޮތުން ކެޓަގަރީ އެކެއް އަދި ދޭކުން 661 މީހުންނަށް ފްލެޓް ލިބޭއިރު އެ އެންމެންގެ ވެސް އާއްމުކޮށްފައި ވަނީ ފޯމް ނަންބަރު އެކަންޏެވެ.
އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އާއްމުކުރުން ލަސްވި ސަބަބާމެދު ސުވާލު އުފައްދާ އެއީ ވަކި ބަޔަކަށް ދޭން ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.
މިނިސްޓަރު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަކަށް ދެ ފްލެޓެއް ނުދޭނެ ކަމަށާއި އާއްމުކުރި ލިސްޓުގައި ފޯމް ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންގެ އަދި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ހައުސިން މިނިސްޓްރީން އާއްމުކުރި ފެލެޓް ލިބޭ މީހުންގެ ލިސްޓުގައި ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބެ އެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ. އަދި ގިނަ ދުވަހު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުން ހިމެނޭ ކެޓަގަރީ ދޭކުން 161 މީހަކަށް ފްލެޓް ލިބެ އެވެ.
އެ ލިސްޓާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ނޫނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހުޅުވާލާފައެވެ.
ހައުސިން މިިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ، ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް އެދި މުޅި ޖުމުލަ 15،650 މީހަކު ފޯމު ހުށަހެޅި ކަމަށެވެ.
އެގޮތުން ކެޓަގަރީ އެކެއްގެ ފުލެޓަށް އެދި 7384 މީހަކު ވަނީ ފޯމު ހުށަހެޅި އެވެ. އަދި ކެޓަގަރީ ދޭކުން 8241 މީހުން ފުލެޓަށް އެދި ފޯމު ހުށަހަޅާފަވާ އިރު ކެޓަގަރީ ތިނަކަށް ފޯމު ހުށަހަޅާފައި ވަނީ ތިން އާއިލާއަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އަމިއްލަ ބިން އޮތް ނަމަވެސް ބިމުގެ ދަތިކަން ހުރި ފަރާތްތަށް ހިމެނޭ ތިން ވަނަ ކެޓަގަރީ އިން ވެސް 330 ފްލެޓް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.