ހުޅުމާލޭގެ ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާއިރު، ނުލިބޭ ފައިސާގެ އަދަދު އެޗްޑީސީއަށް ހާމަކުރެވެން ނެތް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ މުވައްޒަފުންތަކެއް: ހުޅުމާލެ ފުލެޓުތަކުގެ ކުލިން ނުލިބޭ އަދަދު ދިނުމަށް އެ ކުންފުނިން ވަނީ ދެކޮޅު ހަދާފައި --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ ފުލެޓުތަކުން ނުލިބޭ ކުލީގެ އަދަދު ހާމަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ދެކޮޅު ހަދައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހު 11ގައި 'ސަން'އިން ވަނީ، އެޗްޑީސީން ހުޅުމާލޭގައި ބަލަހައްޓަނީ ކިހާ ފުލެޓެއްތޯ އާއި އެ ފުލެޓުތަކުގެ ތެރެއިން ގަވައިދުން ކުލި ދައްކަނީ ކިހާ މީހުންނެއްތޯ ހިއްސާކޮށްދިނުމަށް އެދިފައެވެ. އަދި، އެ ދުވަހާ ހަމައަށް ފުލެޓުތަކުން ނުލިބި ހުރި ކުލީގެ އަދަދާއި މީހުން ކުލި ނުދައްކާ ސަބަބު ހޯދަން ވެސް ވަނީ ހުށަހަޅައިފައެވެ.

މިއަދު އެޗްޑީސީން ފޮނުވި ޖަވާބުގައި ވަނީ، ހުޅުމާލޭގެ ޖުމުލަ 10،077 ފުލެޓު ބަލަހައްޓާ ކަމަށާއި އޭގެތެރެއިން ގަވައިދުން ކުލި ދައްކަނީ 50 ޕަސެންޓު ފުލެޓުތަކުން ކަމަށެވެ.

ހުޅުމާލޭގެ ފުލެޓުތަކެއް: އެޗްޑީސީން ވަނީ ހުޅުމާލޭގެ ފުލެޓުތަކުގެ ކުލިން ނުލިބޭ އަދަދު ހާމަކުރަން ދެކޮޅު ހަދާފައި ---- ސަން ފައިލް ފޮޓޯ

އެކަމަކު، މި މަހު 11އާ ހަމައަށް ފުލެޓުތަކުގެ ކުލިން ނުލިބި ހުރި އަދަދު ހާމަކުރަން އެ ކޯޕަރޭޝަނުން ވަނީ ދެކޮޅު ހަދާފައެވެ. އެއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެއެވެ.

އެ މާއްދާގައި ބުނަނީ، އެ މައުލޫމާތު ހޯދާފައި ވަނީ ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައިވުމާއެކު، އެ މައުލޫމާތުގައި ވިޔަފާރީގެ ސިއްރެއް ނުވަތަ އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމަށްވުމުން ކަމަށެވެ.

މީގެ އިތުރުން، އާންމުކޮށް ފުލެޓުތަކުން ކުލި ނުދައްކާ ސަބަބަކީ އެ ކޯޕަރޭޝަނުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އެހެން ބުނި ނަމަވެސް، މީގެ ކުރިން ހުޅުމާލޭގައި ބަލަހައްޓާ ފުލެޓުތަކުން ނުދައްކާ ހުރި އަދަދު މިދިޔަ އަހަރުގެ މެއި މަހުގެ 27ގައި 'ސަން'އާ ހިއްސާކޮށްފައިވެއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާއި އިސްވެރިން -- ފޮޓޯ: އެޗްޑީސީ

އޭރު އެޗްޑީސީން ބުނި ގޮތުގައި، އެ ކޯޕަރޭޝަނުން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511އެވެ.

ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށާއި ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

https://sun.mv/206557

އެއާއެކު، އެ އަހަރުގެ 28 ފެބުރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފްލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮވެއެވެ.

ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.

އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދެއްވައިފައެވެ.

comment ކޮމެންޓް