އެއްގޮތަކަށް ވެސް ކުލި ނުދައްކައިގެން ފްލެޓް ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގި ދެ އެޕާޓްމަންޓުން، އެ އެންގުމާ ގުޅިގެން މިހާރު ކުލި ދައްކަން ފަށައިފިއެވެ.
މިކަން ހާމަކުރައްވައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "ސަން" އަށް ވިދާޅުވީ، ހުސްކުރަން އެންގި ދެ އެޕާޓްމަންޓަކީ ތަނާ ހަވާލުވި ފަހުން އެއްވެސް ވަރަކަށް ކުލި ދައްކާފައި ނުވާ ދެ ތަން ކަމަށެވެ. އަދި އެ ތަންތަން ހުސްކުރުމަށް އެންގުމާ ގުޅިގެން، ކުއްޔަށް ދައްކަންޖެހޭ ފައިސާ އެ ފަރާތްތަކުން މިހާރު ދައްކަން ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަމްދާން ވިދާޅުވީ، ކުލި ނުދައްކައިގެން ނޯޓިސް ދީފައިވާ އެހެން އެޕާޓްމަންޓުތަކުން ވެސް ފައިސާ ދެއްކުމަށް ކަންކަން ހަމަޖައްސަންވީ ގޮތުގެ މައުލޫމާތު ހޯދުމަށް އެދި ކުންފުންޏަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
ކުލި ނުދައްކާ ދެ އެޕާޓްމަންޓެއް ހުސްކުރަން އެންގި މައްސަލައާ ގުޅިގެން އެފްޑީސީން މީގެ ހަތަރު ދުވަސް ކުރިން އާންމުކުރި ބަޔާނެއްގައި ބުނީ، މި ފިޔަވަޅު އަޅާފައިވަނީ 4،000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ. އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ވަނީ ފޮނުވާފައެވެ.
ނަމަވެސް އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް އަދި ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކުރަން އެފްޑީސީން އެންގިއެވެ. އަދި އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް ކަނޑާލިއެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން "އަމާން" ޓަވަރުތަކުގެ މަޝްރޫޢުގައި "އަމާން ދޯދި" އަދި "އަމާން އުދަރެސް" ހިމެނޭހެން ޖުމްލަ 32 ޓަވަރުގައި 4,000 ފްލެޓް ހިމެނެއެވެ. ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމަކީ މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.