ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ: އެޗްޑީސީ އެމްޑީ ޒުހައިރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފުލެޓުތަކެއް: ފުލެޓުތަކަށް ކުލި ދައްކަނީ 50 ޕަސެންޓު މީހުން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފުލެޓުތަކަށް 50 ޕަސެންޓު މީހުން ކުލި ނުދައްކާ ކަމަށް އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ 'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒުހައިރު ވިދާޅުވީ، އެ ކޯޕަރޭޝަނުން ހުޅުމާލޭގައި ހުރި 12،000އަށް ވުރެ ގިނަ ފުލެޓު ބަލަހައްޓާ ކަމަށެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި، ކުލި ދައްކަނީ 50 ޕަސެންޓު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެއީ ކިހާ އަދަދެއްގެ ކުއްޔެއް ކަމާއި ކިހާ މީހުންނެއް ކަމެއް ޒުހައިރު ހާމައެއް ނުކުރައްވައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު---

މިދިޔަ އަހަރުގެ މެއި މަހުގެ 27ގައި އެޗްޑީސީން 'ސަން'އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511އެވެ.

ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށާއި ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

https://sun.mv/206557

އެއާއެކު، އެ އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފްލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮވެއެވެ.

ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.

އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ވެސް ކޮށްދެއްވައިފައެވެ.

އެޗްޑީސީއިން ތަރައްގީކުރާ ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލުކުރަން ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ ތަނެކެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ނިންމުމަށްފަހު، އެ ތަނުގައި ފުރަތަމަ ފްލެޓް ތަރައްގީކުރެއްވިއެވެ. އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގިއެވެ.

އެންމެ ބޮޑު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއެވެ.

comment ކޮމެންޓް