ފާރިސް އަށް ކުރި ދައުވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި

އަހުމަދު ފާރިސް މައުމޫން ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލި ދައުވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ މިއަދު "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ފާރިސްގެ މައްޗަށް ކުރިން އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ރިޝްވަތު ހުށަހެޅުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ފާރިސް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓުގެ ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި މަޖިލިސް މެމްބަރުނަންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.

ފާރިސް ދިރިއުޅުއްވާ މއ. ސުނޯރޯސްގެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، އެގޭގެ ސީސީޓީވީ ފްޓޭޖްގެ ރެކޯޑިން ވެސް ގެންގޮސްފަ އެވެ.

ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު، ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް