އަނަސްގެ މަރު: ދައުވާ އުފުލި އެންމެން ސަލާމަތްވި ހުކުމް އިސްތިއުނާފުކޮށްފި

އަނިޔާވެރި ގޮތަކަށް މަރައިލި އަނަސް: އޭނާގެ މަރުގެ މައްސަލަ އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ވަނި ނިންމާފައި --

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017 ގެ ރެއެވެ.

ސައިކަލުތަކެއްގައި އައި ބަޔަކު އަނަސްއަށް ހަމަލާދޭ ވީޑިއޯ ވެސް މީސްމީޑިއާގައި އާންމުވިއިރު އެ މައްސަލައިގައި ފެބްރުއަރީ މަހު 25 ގައި ދަށު ކޯޓުން ކުރި ހުކުމުގައި ވަނީ އެކަށިގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، އެ މައްސަލައިގައި ތުހުމަތުވާ އެންމެން ވަނީ މިނިވަންކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 'ސަން' އަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލަ އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

https://sun.mv/189952

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

ދަށު ކޯޓުގެ ހުކުމާ ގުޅިގެން ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމުގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ތުހުމަތު ކުރިއެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި، އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައިހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމުތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް