ޞަޙާބީންގެ މަތިވެރިކަން -12

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން: ސަން ފޮޓޯ/ މުހައްމަދު އަފްރާހް

.

ހާމަނުވަނީސް ދެކެވަޑައިގަތުން

މުސްލިމުން މަދާއިން ފަތަޙަކުރީ، މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު އަލްފާރޫޤު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައެވެ. އޭރު ފާރިސީންގެ ރަސްކަލަކަށް ހުންނެވީ ޔަޒްދުގިރުދެވެ. އޭނާގެ ސިފައިންގެ ވެރިޔަކީ ރުސްތުމެވެ. ސައުދުބިން އަބީ ވައްޤާސު ރަޟިޔަﷲ ޢަންހުގެ ވެރިކަމުގެ ދަށުގައި ފާރިސްކަރައިގައި ޖިހާދުކުރި އިސްލާމީ ލަޝްކަރުގެ ޢަދަދު ވިއްސަކަށް ހާހަށްވުރެ ތަންކޮޅެއް ގިނައެވެ. އަނެއްކޮޅުން ރުސްތުމުގެ ލަޝްކަރުގެ އަދަދަކީ ގާތްގަނޑަކަށް އެއްލައްކައެވެ. ކަން މިހެން ހުރުމާއެކުވެސް މުސްލިމުންގެ ފުތޫޙާތުގެ ޚަބަރުތަކާމެދު އީރާނުގެ ވެރީން ތިއްބެވީ ބިރުފުޅުންނެވެ. ސަފީރުން ފޮނުއްވައިދެއްވުން އެދިވަޑައިގެން އެބޭފުޅުން ސައުދު ބިން އަބީ ވައްޤާސު ރަޟިޔަﷲ ޢަންހުގެ އަރިހަށް ޚަބަރު ފޮނުއްވަމުންގެންދެވިއެވެ.

އެގޮތުން ސަޙާބީންގެ އެތައް ވަފުދުތަކެއް މަދާއިނަށް ވަޑައިގަތެވެ. ރުސްތުމާއި ޔަޒްދުގިރުދާ ވާހަކަ ދެއްކެވިއެވެ. އެބޭކަލުން ސާބިތު ކޮށްދެއްވައިފައިވަނީ މުސްލިމުންގެ އިންތިހާ ދަރަޖައިގެ ބިރުކުޑަކަމެވެ. މިސާލެއްގެ ގޮތުން ރުބުޢީ ބިން ޢާމިރު އީރާނުގެ ދަރުބާރަށް ވަޑައިގެން އަސްމަތީގައި ތަޚްތާ ހަމަޔަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ލޮންސިކޮޅު ދޫލަޔަށް ޖައްސަވައި އެލޮންސިކޮޅުގައި އަސް ބޭންނެވިއެވެ. އެކަލޭގެފާނު އީރާނުގެ ވެރީންނާ ވަރަށް ބިރުފުޅު ކުޑަކޮށް ވާހަކަ ދެއްކެވިއެވެ. އެވާހަކަފުޅުތަކުގެ ތަފުޞީލު ތާރީޙް ފޮތްތަކުން ފިލާން އެބަހުއްޓެވެ.

މިގޮތުން ދެފަރާތުން ދެކެވެމުންދިޔަ ވާހަކަތަކުގެ ސިލްސިލާގެ އެންމެފަހު މަރްޙަލާގައި ދިމާވި ޙާދިޡާއެކެވެ. މުސްލިމުންގެ ވަފުދުގެ ވާހަކަ އަޑުއައްސަވައިފައި އީރާނުގެ ޝަހެންޝާހް ޔަޒްދުގިރުދު ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެންނެވިއެވެ. އޭނާ ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. "ސަފީރުން ޤަތުލު ނުކުރުމަކީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ނުވާނަމަ އަހަރެން ތިޔަބައިމީހުން ޤަތުލު ކުރީމުހެވެ. ތިޔަބައިމީހުންނަށް ދޭނެ އެއްވެސް އެއްޗެއް އަހަރެންގެ އަތަކު ނެތެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަރުދާރު ސައުދު ބިން އަބީ ވައްޤާސް ގެ ގާތަށް ދާށެވެ. އޭނާގާތު ބުނާށެވެ. އަހަރެން ވަރަށްބޮޑު ލަޝްކަރަކާއެކު ތިޔަބައިމީހުންގެ ގާތަށް ރުސްތުމް އެބަ ފޮނުވަމެވެ. އޭނާ ޤާދިސިއްޔާގެ ޚަންދަޤުގައި ތިޔަބައިމީހުން ވަޅުލައްވާނެއެވެ."

މިހެން ވިދާޅުވުމަށްފަހު ޔަޒްދުގިރުދު މުސްލިމުންގެ ވަފުދާ ސުވާލު ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ އެންމެ ޢިއްޒަތްތެރިއަކީ ކާކުހެއްޔެވެ؟ އަހަރެން އެމީހެއްގެ ބޮލަށް ވެލިޓުކުރިޔެއް ލައިފައި މިތަނުން ބޭރު ކުރުމަށްޓަކައެވެ. އެއްވެސް ބޭކަލަކު އެސުވާލަށް ޖަވާބެއް ނުދެއްވައި މަޑުކުރެއްވިއެވެ. އެވަގުތު މުސްލިމުންގެ ވަފުދުގެ ޢާންމު މެންބަރެއް ކަމުގައިވާ ޢާޞިމު ބިން ޢުމަރު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާލުވިއެވެ. ރަސްގެފާނު ތިޔަ ހޯއްދަވާ މީހަކީ އަޅުގަނޑެވެ. އަޅުގަނޑުގެ ބޯމަތީގައި ވެލިޓުކުރި ބަހައްޓަވައިދެއްވާށެވެ. ޢާޞިމް އެވިދާޅުވީ ތެދުފުޅެއްތޯ ޔަޒްދުގިރުދު، މުސްލިމުންގެ ވަފުދާ ސުވާލުކުރެއްވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. "އާދޭހެވެ. އޭނާއަކީ އަޅުގަނޑުމެންގެ ޢިއްޒަތްތެރިޔެކެވެ."

އެއަށްފަހު ޔަޒްދުގިރުދު ވެލިޓުކުރިޔެއް ގެނުއްވައި ޢާޞިމުގެ އިސްތަށިފުޅުމަތީގައި ބެހެއްޓެވުމަށްފަހު މުސްލިމުންގެ ވަފުދު ދަރުބާރުން ނެރޭން އަމުރު ކުރެއްވިއެވެ. ޢާޞިމް ބިން ޢުމަރު ވެލިޓުކުރި ހިއްޕަވައިގެން ގަނޑުވަރުން ނުކުމެވަޑައިގެން އެކަލޭގެފާނުގެ އަސްކޮޅުމައްޗަށް އެޓުކުރި ލައްވައިގެން ވަރަށް ހަލުވިކޮށް ދަތުރު ކުރައްވައިފައި ސައުދުބިން އަބީ ވައްޤާސު ރަޟިޔަﷲ ޢަންހު ހުންނެވި ތަނަށް ވަޑައިގެންނެވިއެވެ. ސަޢުދުގެފާނުގެ ކުރިފުޅުމަތީގައި ވެލިޓުކުރިއެއް ބެހެއްޓެވުމަށްފަހު ހާދިޡާގެ ތަފުސީލް ވިދާޅުވެދެއްވިއެވެ.

މިވާހަކަ ރިވާކުރެއްވި ފަރާތުން ވިދާޅުވެފައިވެއެވެ. އެހިނދު ސައުދު ބިން އަބީ ވައްޤާސު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ދެއްވަމެވެ. މާތްﷲ ގަންދެއްވަމެވެ. މާތްﷲ އަޅުގަނޑުމެންނަށް އެބައިމީހުންގެ ވެރިކަމުގެ ތަޅުދަނޑިފަތި ދެއްވައިފިއެވެ. ވެލިޓުކުރިން އެބައިމީހުން ފާލުބެލީއެވެ. އެބައިމީހުންގެ ޤައުމު އަޅުގަނޑުމެންނަށް މިލްކުވާނެއެވެ. އީރާނުގައި ޖިހާދު ކުރެއްވި ޞަޙާބީން އެދުވަހަށްފަހު ވަޑައިގަތީ މަތިވެރިކަމާއި، ޝަރަފުވެރިކަމާއި ދަރަޖަ އުފުލުމުގައި ކުރިޔަށެވެ. އީރާނީން ދިޔައީ ދެރަވަމުން، ނިކަމަތިވަމުން ނާކާމިޔާބުގެ ތެރަޔަށް ވެއްޓެމުންނެވެ.

މުސްލިމުންގެ ވަފުދު ގަނޑުވަރުން ބޭރުކުރެއްވުމަށްފަހު ޔަޒުދުގިރުދު އެވާހަކަ ރުސްތުމަށް ވިދާޅުވެދެއްވިއެވެ. ވެލިޓުކުރިޔެއް ބޮލަށްލައިގެން ދަރުބާރުން ނުކުތީ މުސްލިމުންގެ މޮޔަކަމުން ކަމުގައި ވިދާޅުވިއެވެ. ރުސްތުމް ޖަވާބުދެއްވިއެވެ. "ނޫނެކެވެ. އޭނާއަކީ މޮޔައެއް ނޫނެވެ. ޒަރްދަޝްތު ގަންދެއްވަމެވެ. އެބައިމީހުން އެދިޔައީ އަޅުގަނޑުމެންގެ ކަރައިގެ ތަޅުދަނޑިތައް ހިފައިގެންނެވެ." ރުސްތުމް އެހެން ވިދާޅުވެފައި ބޭރަށް ނިކުމެވަޑައިގެން އެވެލިޓުކުރި އަތުލެވޭތޯ އަސްވާރުންގެ ބަޔަކު ފޮނުއްވިއެވެ.

ވިސްނައި ފިކުރު ކުރުމުގެ ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ތިމާ އުޅޭ ވެށީގެ މައްސަލަތަކުގެ ތެރޭގައި ހައްޔަރުވެހުރެ ވިސްނުމެވެ. ދެވަނަ ގޮތަކީ ތިމާގެ ވެއްޓަށްވުރެ ތަނަވަސް ދާއިރާއަކަށް ފިކުރު ފޯރުވައިގެން ވިސްނުމެވެ. އެއްގޮތަކީ ނަފްރަތާއި ލޯބިފަދަ ޖަޒުބާތުތަކުގެ އަސަރު ފޯރާވަރަށްވުރެ މަތިވެރި ގޮތެއްގައި ހުރެ ގޮތެއް ވިސްނުމެވެ. އަނެއްގޮތަކީ ރުޅިއާއި ނަފްރަތުގެ ކަނުވިސްނުމުގައި ގޮތެއް ނިންމުމެވެ. ޢާންމު ގޮތެއްގައި މީހުން ވިސްނަނީ ވެށީގެ މައްސަލަތަކުގެ ތެރޭގައި ބަނދެވިފައި ތިބެގެންނެވެ. އެބައިމީހުންގެ ޚިޔާލު ވަކިގޮތަކަށް ނިންމައިލަނީ އުފެދޭ ކުއްލި ޖަޒުބާތުގެ ނުފޫޒުގެ ތެރޭގައެވެ. ނަމަވެސް މާތް ޞާހާބީންގެ މަޤާމު މިއަށްވުރެ މާ މަތިވެރިއެވެ. އެބޭކަލުން މަސްއަލަތަކުގައި ގޮތްތައް ކަނޑައަޅުއްވަނީ ވެށީގައި ކަންތައް ހުންނަގޮތާއި ޖަޒުބާތު ހިލުވައިލާ ސަބަބުތަކުގެ ދާއިރާއަށްވުރެ ދުރަށް ވިސްނުންފުޅު ފޯރުއްވަވައިގެން އަމިއްލަފުޅަށް ކަނޑައަޅުއްވާ ކަނޑައެޅުއްވުން ތަކެއްގެ ގޮތުގައެވެ.

ޞަހާބީންގެ މިދެންނެވި ސިފަވަނީ އެބޭކަލުންގެ ބާރު އިންތިހާޔަށް ގަދަކޮށްފައެވެ. އެބޭކަލުންނަށް ވެލިޓުކުރިޔެއް އެރުވުމުން އެވެލި ޤަބޫލުކުރެއްވީ ފަތަޙައިގެ ތަޅުދަނޑީގެ ގޮތުގައެވެ. އެހެންމީހުން އަގު ވައްޓައިލުން ކަމުގައި ދެކޭ ހާދިޘާތަކުން އެބޭކަލުން ޢިއްޒަތުގެ މަފްހޫމް ނެރުއްވައެވެ. އެހެންމީހުން ރުންކުރުވާކަހަލަ ތަޖުރިބާތަކުން އެބޭކަލުން ހާޞިލު ކުރައްވީ ޔަޤީންކަމުގެ މޭވާއެވެ.

ޞަހާބީންނަކީ އުނދަގުލުގެ ތެރެއިން ފަސޭހަކަމުގެ ސިއްރު ހޯއްދަވައިގެންނެވި އާދަޔާ ޚިލާފު ބޭކަލުންނެވެ. އެބޭކަލުންނަކީ ނާކާމިޔާބީގެ ތެރެއިން ކާމިޔާބީ ޙާޞިލު ކުރެއްވި ބޭކަލުންނެވެ. އެބޭކަލުންނަކީ ދެރަފުޅުވާ ކަހަލަ ހާދިޘާތައް ފަތަޙައިގެ ހާދިޘާތަކަށް ބަދަލުކުރެއްވި ބޭކަލުންނެވެ. އެބޭކަލުންނަކީ މާޔޫސްކަމުގެ އަނދިރީގެ ތެރެއިން އުންމީދުގެ އަލިކަން ދެކެވަޑައިގެންނެވި ބޭކަލުންނެވެ. މީހަކު އެބޭކަލުންގެ އިސްތަށިފުޅުގައި ވެލި ޓުކުރިޔެއް ބެހެއްޓުމުން އެބޭކަލުން ވިސްނައި ވަޑައިގެންނެވީ ޚުދު އެބައިމީހުން އަމިއްލަޔަށް އެބައިމީހުންގެ ޤައުމު އެބޭކަލުންނާ ޙަވާލުކުރީ ކަމުގައެވެ.

comment ކޮމެންޓް