"ރޮހިންޖާ" މުސްލިމުންގެ ރިހުން، އުރުދުޣާންގެ ހިތްޕުޅުގައި

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ ----

އެބައެއްގެ ދާއިމީ ވަޒަނަކީ ކޮބައިކަމާމެދު ސުވާލު އުފެދި، ވަޒަންވެރިވެފައިވާ ޤައުމުގެ ރައްޔިތުކަމުގެ ޙައިސިއްޔަތު ގެއްލިފައިތިބި މިޔަންމާގެ ރަކީން ސްޓޭޓުގައި ދިރިއުޅޭ، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ ވޭނީ ރިހުން، އެންމެ ގަދައީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ހިތްޕުޅުގައެވެ.

މިޔަންމާގެ ރަކީން ސްޓޭޓުގައި ދިރިއުޅެމުން އަންނަ "ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާމެދު، ޚާއްސަ ގޮތެއްގައި މިދިޔަ އޮކްޓޫބަރު މަހުންފެށިގެން މިޔަންމާގެ އަސްކަރިއްޔާއިންނާއި ބުދުދީނުގެ ދަރިކޮޅުގެ މީހުންނާއި ކްރިސްޓިއަނުން، ހިންގަމުންގެންދާ ޤަތުލްޢާންމުގެ ބިރުވެރިކަމާ، ލާއިންސާނީ އަނިޔާވެރި ކަމަށް ކެތް ނުވެގެން، ރޮޖިންޖާގެ ގާތްގަނޑަކަށް ދެލައްކަ އެއްހާ މުސްލިމުން، ބޯޑަރު ހުރަސްކޮށް، ބަންގްލަދޭޝަށް މިހާރުވަނީ އެތެރެވެފައެވެ.

މިޔަންމާ ސިފައިންގެ ރަޙުމްކުޑަ އަނިޔާގައި ވޭތުވެދިޔަ ވިއްސަކަށް ދުވަހުގެ ތެރޭގައިވެސް، މުސްލިމުންގެ ހާހެއްހާ މީހުން މަރައި، އެތައް ސަތޭކަ ބައެއްގެ ގެދޮރުގައި ހުޅުޖަހައި، ޙާލުގައި ޖައްސާފައި ވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ދުނިޔޭގެ އެތަކެއް މިލިއަން މުސްލިމުންނެއްގެ ލޮލުންވަނީ ކަރުނަ ހިލި، އެ ކަރުނައިގެ ތެރެއިން، އިންތިހާއީ ރުޅިވެރިކަން އުފެދިފައެވެ. އިންޑޮނީޝިއާ ފަދަ ގައުމުތަކުގެ ރައްޔިތުން މަގުތަކަށް ނިކުމެ، މިކަމާ އަޑުއުފުލަން ފަށައިފިއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން، ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ: ރޮހިންޔާ މުސްލިމުންގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހާ ހަމަޔަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި ---

ޚާއްސަ ގޮތެއްގައި ބަންގްލަދޭޝަށް ޙިޖުރަކުރި މުސްލިމުންނާ އދ. ގެ ފަރާތުން އިންޓަރވިއުކޮށް އެކުލަވާލި ރިޕޯޓުން، މިދެންނެވި ފޮޓޯތަކުން ފެންނާންހުރި ކަންކަމަކީ، ޙަޤީގަތްކަން ވަނީ އިތުރަށް ހާމަވެފައެވެ. އެކަމަށް އިތުރު ހެލި ލިބިގެންދިޔައީ މީގެ ދެދުވަސް ކުރިން އެ ސިޓީއަށް ޒިޔާރަތްކުރި ބީބީސީގެ ސައުތް އޭޝިއާ ކަރެސްޕޮނޑެންޓު ޖޮނަތަން ހެޑް، އަމިއްލަ ލޮލުންދުއް މަންޒަރު، ޙިއްސާ ކުރުމުންނެވެ. އޭނާވަނީ ބުޑިސްޓު އެކްޓިވިސްޓުން ގެތަށް ރޯކުރަމުންދިޔަ މަންޒަރު ލޮލުން ދެކެފައެވެ. އެފަދަ ބައެއް މީހުންނާ އޭނާ އިންޓަރވިއު ކުރުމުން އަލިފާން ޖަހާކަމަށާއި ފުލުހުންގެ އެހީތެރިކަން އެމީހުންނަށް ލިބެމުންދާކަމަށް އެއްބަސްވެފައި ވެއެވެ.

އދ.ން އެކުލަވާލި ރިޕޯޓުން ހާމަވަނީ އެތައްހާސް އަންހެނުންގެ ޢިއްފަތްތެރިކަން ނަގާލި ގޮތުގެ ވާހަކައެވެ. އެތައް ސަތޭކަ ބަޔަކު މަރައިފި ކަމުގެ ވާހަކައެވެ. އެތައް ބައެއްގެ ގެދޮރުގައި ހުޅުޖަހާ އަންދާލުމުން މަގުމަތިވި މުސްލިމުންގެ ވާހަކައެވެ. ބަންގްލަދޭޝަށް އެތެރެވުމަށް ކޯރު ހުރަސްކުރުމުގައި ގެނބިގެން މަރުވި އެތައް ކުޑަކުދިންނާ، ބޮޑެތިމީހުންގެ ވާހަކައެވެ. ރޭޕްކުރުމަށްފަހު، އިހާނެތި ގޮތް ގޮތަށް މަރާފައިވާ އަންހެނުންގެ ވާހަކަތަކެވެ. މިނޫންވެސް އަނިޔާވެރި އެތައް ވާހަކަ ތަކެކެވެ.

ކޮންމެއަކަސް، ރޮހިންޖާ މުސްލިމުންނާމެދު ހިންގަމުންގެންދާ ލާއިންސާނީ ޢަމަލު ތަކުގެ ވާހަކަ އާއި އޭގެ ކަންބޮޑުވުން އޮތްވަރާއި، މައްސަލައިގެ ނާޒުކުކަން، އދ. ގެ ސެކެއްޓެރީ ޖެނެރަލް މިހާރުވަނީ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފައެވެ. އެހެނެއްކަމަކު، ސަލާމަތީ މަޖިލީހުން އަދި މި މައްސަލާގައި "ކަހާތަން ހިރުވާވެސް" ނުލައެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ، ތަފާތު މަންޒަރެކެވެ. މިޔަންމާގެ ކަނޑާއި އައްސޭރިފަށާއި ބަނދަރުން އެ ބައެއްގެ އަމިއްލަ ބޭނުންތަކަށް ފުރުސަތަކަށް އެދިއެދިތިބި ބާރުތަކުން، މިކަމުގައި ހަމަހިމޭނުން ތިބޭތަނެވެ.

ކޮންމެއަކަސް މިދެންނެވި ހަމަހިމޭން ކަމުގެ ތެރެއިން، މިއަދު ފާޅުކަން ބޮޑު ގޮތެއްގައި އިވޭ އަޑަކީ، ތުރުކީގެ ރައީސްގެ އަޑުފުޅެވެ. މައްސަލައިގެ ކަންބޮޑުވުން އުރުދުޣާން ހާމަކުރައްވާ އަޑެވެ. އެއަށްފަހު، ފެންނަނީ ތުރުކީގެ ހެލިކޮޕްޓަރު ތަކުގައި، ރޮހިންޖާގެ ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް، ކާނާ އާއި ބޭހާއި، ކުއްލި ޙާލަތުގެ ސާމާނު ބާލަމުންދާ މަންޒަރެވެ. މީގެ ހައެއްކަ މަސްކުރިން މެލޭޝިއާއިން ފޮނުވި މިފަދަ ޝިޕްމަންޓެއްވެސް ވަނީ ހަމަ އެ ސަރަޙައްދަށް ބަހައިފައެވެ. މިހާރު މިފެންނަނީ ވެސް އެފަދަ މަންޒަރެކެވެ. މިހާރު މިފެންނަނީ ތުރުކީގެ " ޓާކިޝް ކޯޕަރޭޝަން އެންޑް ކޯޑިނޭޓިން އެޖެންސީ (ޓިރާ)ގެ ބެލުމުގެ ދަށުން އެތަކެތި ބަހަމުން ގެންދާތީއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ ---

މިދެންނެވި އެހީގެ ތަކެތި އެމީހުންނާ ހަމައަށް ފޯރުކޮށްދެވުނީވެސް، މިޔަންމާގެ ލީޑަރު އަން ސަން ސޫކީއަށް، ތުރުކީގެ ރައީސް އުރުދުޣާނު ފޯނުން ގުޅުއްވައި، އެ ހުއްދަ ތުރުކީއަށް ހޯއްދަވައި ދެއްވީތީ އެވެ. އެއްލައްކަ އާއިލާއަށް ފޯރުކޮށްދޭ އެހީގެ ފުރަތަމަ ޝިޕްމަންޓު ބަހައި ނިމޭއިރު، 10 ހާސްޓަނުގެ ދެވަނަ ޝިޕްމަންޓަކަށް، ތުރުކީ ދަނީ ތައްޔާރު ވަމުންނެވެ. މި ތަކެއްޗަކީ ބަންގްލަދޭޝްގައި ތިބި ރޮހިންޖާ މުސްލިމް ރެފިއުޖީންނާ ހަމައަށްވެސް، ފޯރުކޮށްދޭނެ ތަކެތިކަން ތުރުކީން ވަނީ ބުނެފައެވެ.

އިއްޔެރޭ މެންދަމެއްހާއިރު، ފެނުނު އަނެއް މަންޒަރަކީވެސް، އެހާމެ ފަޚުރުވެރި މަންޒަރެކެވެ. އެއީ ބަންގްލަދޭޝްގައި ތިބި ދެލައްކައެއްހާ ރޮހިންޖާ މުސްލިމުންނާ ބައްދަލުވުމަށް، ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނީ އުރުދުޣާން، 40 މީހުންގެ ވަފްދަކާ އެކު، ބަންގްލަދޭޝަށް ވަޑައިގެންނެވި ތަނެވެ. އޭގެ އިރުކޮޅެއްގެ ފަހުން ތުރުކީގެ ޚާރިޖީވަޒީރު، އެހެން ފްލައިޓެއްގައި ބަންގްލަދޭޝަށް ވަޑައިގަތެވެ. އެމަނިކުފާނު، އިއްޔެ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާއާ ބައްދަލު ކުރައްވައި، މި ޚުތޫރަތްތެރި މައްސަލައާމެދު، މަޝްވަރާ ކުރެއްވިއެވެ. އަދި ތުރުކީން ވެދެވެން އޮތް އެހީތަކުގެ ކަންކަން ޙިއްސާވެސް ކުރެއްވިއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އިހަށްދުވަހު ރޮހިންޖާ ރެފިއުޖީ މުސްލިމުންގެ ގާތަށް ވަޑައިގަތީ ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިންއެފެއަރޒް އެމް.ޑީ ޝާހް އިޔާރު އާލަމް، އާ އެކުގައެވެ. އަރިހުގައި ތުރުކީގެ ވަފްދުވެސް ބައވެރިވިއެވެ. މިމަންޒަރު ފެނުމުން އެކަމަނާއަށް ކީރިތި ކުރެއްވުނު ވާހަކައަކީ، މީޑިއާގެ ސުރުޚީތަކަށް ވެގެން ދިޔައެވެ.

އިސްލާމީ އުއްމަތުގައި މިއަދު އެބޭފުޅެއްގެ މަޤުބޫލުކަން ފިޔަޖަހަމުންދާ ރައީސް އުރުގުޣާނަކީ، ހަމައެކަނި ތުރުކީގެ ރައީސް އެކަންޏެއް ނޫނެވެ. މި މައްސަލައިގައި ތެދުވެ ވަޑައިގެންނެވި އިރު، އެމަނިކުފާނަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް ( އޯ.އައި.ސީ)ގެ ރައީސްވެސް މެއެވެ. އެހެން ކަމުން މިހާތަނަށް އެމަނިކުފާނު ވަނީ، އިސްލާމީ ހުރިހާ ޤައުމު ތަކެއްގެ ވެރިންނާ ފޯނުން ގުޅުއްވައި މި މައްސަލަ ޙިއްސާ ކުރައްވައި، މި މައްސަލަ އާއިގެން އަޑު އުފުއްލެވުމަށް އެދިވަޑައިގެންފަ އެވެ. މިކަން ޚުދު އެމަނިކުފާނު ވަނީ، ތުރުކީ މީޑިއާ އާއި ޙިއްސާ ކުރައްވާފައެވެ.

ބުޑިސްޓުންގެ ބޮޑު އަޣްލަބިއްޔަތެއްގެ އަނިޔާވެރިކަމުގައި، ސިހިސިހި، އަދި ފިހިފިހި ތިބި، ރޮހިންޖާ ދަރިކޮޅަކީ، ވިކިޕީޑިއާ ބުނާ ގޮތުންނަމަ، ޤަދީމީ ޒަމާނުގައި އިންޑިއާގެ ތެރޭގައި އޮތް ކަމަށް ތާޜީޚީ ހެކިތައް ފެންނާން އޮތް "އަރަކަނީޒް އިންޑިއަންސް" ނަމަކަށް ކިއާ ދަރިކޮޅަކަށް ނިސްބަތްވާ ބައެކެވެ. ނަސްލުގެ ގޮތުން ބަލާނަމަ، އެއީ "އާރިއަން"އެވެ. މި އޮތް ހާ ތައްދުވަހު، އެމީހުން މިޔަންމާގައި ދިރިއުޅުނެއް ކަމަކު، 1982 ގައި ފާސްވެފައި އޮތް މިޔަންމާގެ ސިޓިޒަންޝިޕް ޤާނޫނުގެ ދަށުން، އެމީހުންނަށް އެޤައުމުގެ ރައްޔިތުންނަށް ވެވޭކަށް ނެތެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން، ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ: ރޮހިންޔާ މުސްލިމުންގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހާ ހަމަޔަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި ---

އެ ޤާނޫނުގައި ބުނެފައި ވަނީ 1823ގެ ފަހުން، މިޔަންމާއަށް އެތެރެވެފައިވާ "ބްރިޓިޝް އިންޑިއަން މުހާޖިދުން"ނަކީ، އެޤައުމުގެ ރައްޔިތުކަން ޙައްޤުވާ ބައެއް ނޫނެވެ. އެމީހުން މިޔަންމާގައި ދިރިއުޅެމުން ގެންދަނީވެސް ގަވާޢިދާ ޚިލާފަށެވެ. އެހެންކަމުން އެފަދަ ބަޔަކަށް އެގައުމުގައި ސިޔާސީ ޙަރަކާތްތައް ހިންގުމާއި، ރަސްމީ ނިޒާމުގެ ތެރެއިން ތަޢުލީމް ހާސިލް ކުރުމާއި، ސިވިލްސަރވިސް ވަޒީފާ އަދާކުރުމަކީވެސް، މަނާ ކަންކަމެވެ. މިކަންކަން މިހެން އޮވެމެ، 1978ން ފެށިގެން އެމީހުންނަށް މިޔަންމާގެ ސިފައިންގެ ދަތިތަކާ، އުނދަގޫތަކާ، އަނިޔާތަކާ، ކުރިމަތިލާން ޖެހުމީވެސް ޢާންމު ކަމެކެވެ.

ތާރީޚުން ފެންނާން އޮތް ތަނަށް ބަލާއިރު، ރޮހިންޖާ ދަރިކޮޅަކީ، އެއް ބައްރެއްގެ ގޮތުގައި އިންޑިއާ އޮތް ޒަމާން ތަކުގެ ތެރެއިން، ކޮންމެވެސް ދުވަސްވަރެއްގައި، އިންޑިއާގެ މައިބިމުން ބަރުމާގެ ބިމަށް ހިޖުރަކުރި ދަރިކޮޅެކެވެ. އެޒަމާނަކީ ހިންދުއިޒަމާ އިސްލާމްދީން، އިންޑިއަން ސަބްކޮންޓިނެންޓަށް ފެތުރިގެން ދިޔަ ދުވަސްވަރެވެ. އިސްލާމުން ވަޒަންވެރި ވަމުން އައީ ތާރީޚީ "ބެންގޯލް ރީޖަން"ގައެވެ. ބޮޑު އިންޑިއާ ޤައުމު ތަކަކަށް ބެހިގެންދިޔަ ދިއުމުގައި، މިހާރު ބެންގޯލް ރީޖަންވަނީ ދެބައިވެފައެވެ. އެއްބަޔަކީ" ބަންގްލަދޭޝް ކަމަށްވެ، އަނެއްބަޔަކީ، "އިންޑިއަން ސްޓޭޓް އޮފް ވެސްޓް ބެންގޯލް" އަށްވަނީ ވެފައެވެ.

ރޮހިންޖައިންނަކީ، ބަރުމާގެ "ރާކީ ސްޓޭޓް" ގައި ދިރިއުޅޭ އިހުގެ "އަރަކަން" ދަރިކޮޅާ ، ސަޤާފީ އަދި ތާރީޚީ ގުޅުންތަކެއް، އެބައެއްގެ އާދަކާދަތަކާ، ވާހަކަ ދައްކާ ބަހާ، އެބައެއްގެ ތާރީޚުން ފެންނާން އޮތް ބައެކެވެ. މި ގުޅުންތަކުގެ އަސަރު "އިންޑިއަން ސްޓޭޓް އޮފް ވެސްޓް ބެންގޯލް" ގެ މީހުންގެ ކިބައިންވެސް ފެންނާން އެބަ އޮތެވެ.

ތާރީޚީ އެއް ޙަޤީގަތަކީ، 1937 އާއި ހަމައަށް، ބްރިޓިޝް އިންޑިއާގެ ބައެއްގެ ގޮތުގައި ބަރުމާ (މިއަދުގެ މިޔަންމާ) އޮތް އިރު، އިންޑިއާގެ މައިބިމުން ބަރުމާގެ ބިމަށް މީހުން ޙިޖުރަކުރާ މައްސަލައަކީ، އޭރުވެސް އެތަނުގެ އަސްލު ވަޒަންވެރިން އުފައްދަމުން އައި ސުވާލެކެވެ. މި ސުވާލު މިހެން އޮވެމެ، އެ ބަޔަކު ގޮސް ބަރުމާގައި ވަޒަންވެރިވެ، ރަށްވެހިކަމެއް ފަށައިގަތެވެ.

ރޮހިންޖާ ނަސްލު ބަރުމާގެ ބިމުގައި ފަށައިގަތް ރަށްވެހި ކަމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުން ބަރުމާގެ ޤާނޫނު ހަދާ މަޖިލީހަށް ކުރިމަތިލައިގެން އެމީހުންގެ ތެރެއިން އިންތިޚާބުވާން ވެސް ފެށިއެވެ.

މިގޮތުން، 1936، 1939 ގައި އޮތް ބަރުމާގެ ޤާނޫނުހަދާ މަޖިލީހަށް އިންޑިއާއިން ހިޖުރަކުރި އަރަކަން ދަރިކޮޅުގެ ނަސްލަށް ނިސްބަތްވި ޣަނީ މަރކަން، ފަދަ ބޭފުޅުން އިންތިޚާބުވެފައި ވެސް ތިއްބެވެ. 1948 ގައި ބަރުމާއަށް މިނިވަންކަން ލިބިގެން ދިޔައިރު، ރޮހިންޖާ ދަރިކޮޅުގެ ބައެއް މީހުން ބަރުމާގެ ސަރުކާރުންނާއި މަޖިލީހުގެ އިސް ސަފުން ވެސް ފެންނަމުން ދިޔައެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ: ތުރުކީން އަންނަނީ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އަޅައިލައި ސަލާމްތެރިކަން ހޯދައިދިނުމަށް އަޑު އުފުލަމުން ---

މީގެ ތެރޭގައި ހިމެނޭ އެމް. އޭ. ޣައްފާރު ފަދަ ބޭފުޅުން، "ރޮހިންޖާ" އަކީ، ބަރުމާގެ "އެތްނިކް ޖަމާޢަތެއް" ކަމުގައި ބަލައިގަތުމަށް، އެ މަޖިލީހުގައި އަޑު އުފުލަމުން ގެންދިޔައެވެ. 1951 ގައި ބަރުމާގެ ޤާނޫނުހަދާ މަޖިލީހަށް ހޮވުނު ފުރަތަމަ ކަނބަލެއް ކަމަށްވާ ޒުރާ ބޭޤަމް ފަދަ، ފުރަތަމަ އަންހެން ދެ މެންބަރުންނަކީވެސް "ރޮހިންޖާ" ދަރިކޮޅަށް ނިސްބަތްވި ބޭފުޅުންނެވެ.

އަދި 1960 ގައި މި ދަރިކޮޅުން އިންތިޚާބުވި ސުލްތާން މަޙުމޫދު، "ރޮހިންޖާ" ސަރަޙަށްދަކީ، ރޮހިންޖާ މީހުން ދިރިއުޅޭ ވަކި ސްޓޭޓަކަށް ހަދަން ޕްރޮޕޯޒަލެއް އެ މަޖިލީހަށް ހުށަހެޅިއެވެ.

ބައިމަދު މިއާބާދީ އާމެދު، ނަސްލީ ތަފާތު ކުރުން ފެށުނީ ޤާނޫނީ ޙުކޫމާތެއްގެ ދަށުން ހިންގަމުން އައި ސަރުކާރު ވެއްޓުނު ހިސާބުންނެވެ. 1962ގައި ބަރުމާއަށް ގެނައި އިންޤިލާބަށް ފަހުގައެވެ. 2 މާރޗް 1962 ގައި އަސްކަރިއްޔާއިން ގެނައި، މި އިންގިލާބު 12 އަހަރު ދުވަހަށް ދެމިގެން ދިޔައީ މާޝައްލޯ ވެރިކަމެއް ޤާއިމްވެ އޮވެގެންނެވެ. 1974 ގެ އައު ގާނޫނުއަސާސީ އަށްފަހު، ރިވޮލިއުޝަނަރީ ކައުންސިލުން ވަނީ އިންތިޚާބީ ސަރުކާރަށް ވެރިކަން ޙަވާލުކޮށްފައެވެ. އެހެނެއްކަމަކު، ރޮހިންޖާ މުސްލިމުން ބިކަކުރުމުގެ ސިލްސިލާ އޭރުވެސް ކުރިޔަށް ދިޔައެވެ.

އެހެން ނަމަވެސް 1988 އާއި ހަމައަށް މި ސަރުކާރުވެސް ހިންގަމުން ދިޔައީ އަސްކަރިއްޔާ އާއި މަދަނީ އެކުވެގެން ހިނގަމުންދިޔަ ވެރިކަމެއްގެ ގޮތުގައެވެ. ރޮހިންޖާ ނަސްލަކީ އެމީހުންގެ ތެރެއިންވާ ބައެއް ނޫންކަމުގެ ވިސްނުމުގައި ތިބެ، އެމީހުން ބޭރުކުރުމުގެ ވިސްނުން، އައީ ވަރުގަދަ ވަމުންނެވެ.

ރޮހިންޖާ މުސްލިމުން، މިޔަންމާއިން ބޭރުކުރުމުގެ ވިސްނުމުގައި އެންމެފަހުން ޤާނޫނަށްވެސް ބަދަލު ގެނައެވެ. ޖެނެރަލް ނީ ވިންގ 1982 ގައި އުފެއްދި ސަރުކާރުން ފާސްކުރި ސިޓިޒަންޝިޕް ގާނޫނަކީ، މި ބާބުގެ ފެށުމެވެ.

އެ ގާނޫނު ބުނާގޮތުގައި، އެގައުމުގެ 8 ވަނަ ދަރިކޮޅެއްގެ ޙައިސިއްޔަތު ގާނޫނު ފާސްވުމާއެކު، ރޮހިންޖާ ދަރިކޮޅަށް ގެއްލެއެވެ. އެއީ 1823 ގެ ފަހުން، އެގައުމަށް ޙިޖުރަކުރި ބްރިޓިޝްއިންޑިއާ ޒަމާނުގެ މުހާޖިރުންނަށް މި ގާނޫނުގެ ދަށުން ރައްޔިތުކަން ނުލިބޭނެކަމަށް ފާސްވުމުންނެވެ. އެހެން ކަމުން މިއަދާހަމައަށް މިޔަންމާއިން ބުނަމުން އެ ދަނީ އެއީ ގަވާޢިދާ ޚިލާފަށް ވަޒަންވެރިވެފައިތިބި ބައެއް ކަމަށެވެ. އެކަމަކު އެދަރިކޮޅު އެތާނގައި ވަޒަންވެރިވީފަހުން މިހާރު ދުނިޔޭގައި އެތިބީ 4 ވަނަ ޖީލުގެ ދަރިކޮޅެވެ. މިޖީލުގެ ދަރިންގެ މުނިކާފައިންވެސް އުޅުނީ، ހަމަ އެ ބިމުގައެވެ.

ބަރުމާގެ ހުޅަނގު ބިތުގައި އެތައް ޒަމާނަކުއްސުރެ ވަޒަންވެރިވެފައިވާ ރޮހިންޖާ މުސްލިމުން ދިރިއުޅޭ ސަހަރަކީ ބަރުމާ އިނގިރޭސިންގެ އަޅުވެތި ކަމުގައި އޮތް ޒަމާނުގެ ކުރިންނާއި އޭގެ ފަހުން މީހުން ވަޒަންވެރިވެފައިވާ ސްޓޭޓެކެވެ. އެހެން ކަމުން އައު ގާނޫނުގެ ފަހުން، ރޮހިންޖާ ދަރިކޮޅާމެދު ދެކެމުން އައީ އެއީ ބަންގްލަދޭޝުން އެތަނަށް، ގަވާއިދާ ޚިލާފަށް ހިޖުރަކޮށްފައިވާ ބައެއްގެ ގޮތުގައެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން، ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނާ ބައްދަލުކުރައްވަނީ: ރޮހިންޔާ މުސްލިމުންގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހާ ހަމަޔަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި ---

ރޮހިންޖާ އެނަމަކީ ކުރިން މުސްލިމުން ވަޒަންވެރިވެފައިވާ އަރަކަންގެ ރަށްވެހިންނަށް މުޚާތަބު ކުރަންފެށި ނަމެކެވެ. "ރޮހިންޖާ" މިނަމަކީ 1950 ގެ ކުރިން ކިޔާއުޅުނު ނަމެއް ނޫނެވެ. އަދި ރޮހިންޖާއޭ ބުނެ މުޚާތަބު ކުރެވެނީވެސް ރަޚީން ސްޓޭޓްގެ އުތުރުގައި ދިރިއުޅޭ މުސްލިމް އާބާދީއަށް އެކަންޏެވެ. އަރަކަންއަކީ ބެންގޯލް ގެ ދުވަސްވަރު އިންޑިއާގެ މައި ބިމުގައި ދިރިއުޅުނު ނުފޫޒުގަދަ ތަނަވަސް ޖަމާޢަތެއްގެ ބައެކެވެ. އިނގިރޭސިންގެ އިސްތިޢުމާރީ ދުވަސްވަރު އަރަކަންގައި ދިރިއުޅުނު މުސްލިމުންގެ އާބާދީއަކީ، އެތާނގައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއެވެ.

ބޭ އޮފް ބެންގޯލްގެ އައްސޭރިފަށުގައި ދިރިއުޅުނު އަރަކަން މުސްލިމުންނަކީ، ކަނޑުމަގުން ކުރާ ވިޔަފާރީގެ މުޢާމަލާތު، ބަރުމާ އާއި ދުނިޔެ، ގުޅައިދިން ބަނދަރުގެ ވަޒަންވެރިންނެވެ. އެއީ ޤަދީމީ ޒަމާނެވެ. މިއީ އިންޑިއާގައި އޮތް މައުރިޔާން ރަސްކަމުގެ ދުވަސްވަރުގެ ކުރިން 8 ވަނަ ގަރުނުގައި މުސްލިމުން ޗައިނާއާއި އިންޑިއާއިން ވިޔަފާރިކޮށް އުޅުނު މަގުގެ ބަނދަރެވެ.

އަނެއްކޮޅުން އެ ސަރަޙަށްދުގެ ދެކުނުގައި އޮތް ސިލްކްރޯޑަކީ، ޗައިނާ އިން އިންޑިއާ އާއި ބަރުމާއަށް ވިޔަފާރިކޮށް އުޅުނު މަގެވެ. އެއީ މަސައްކަތްތެރި ކަމާބެހޭ "ޓޫލްސް" ނުވަތަ ސާމާނު އުފައްދަން ފަށައިގަތް ޓެކްނޮލޮޖީގެ އިންޤިލާބީ ފުރަތަމަ ޒަމާނުގެ ކޮޅުމައްޗެވެ.

ތާރީޚު ބުނާ ގޮތުންނަމަ، 9ވަނަ ގަރުނުއްސުރެން ފެށިގެން ބޭ އޮފް ބެންގޯލްގެ ބަނދަރަށް ނިމޭ ކަނޑު ދަތުރުވެރިންގެ މަގަކީ މުސްލިމުންގެ ވިޔަފާރިވެރިން ދަތުރުކޮށް އުޅުނު މަގެވެ. އެ މަގުގެ ބަނދަރަށް ވެފައި އޮތީ، އަރަކަންގެ މުސްލިމުންގެ ސަހަރެވެ. ރޮހިންޖާ އެ ދަރިކޮޅަކަށް ނިސްބަތްވާ އަރަކަންގެ ތާރީޚު އެތަނުގައި ފެށެނީ 9 ވަނަ ގަރުނާ ހަމައިންނެވެ. އެއީ ބޭ އޮފް ބެންގޯލްގެ އައްސޭރިފަށުގެ ވާދީ އާއި ހަމައިން ކަމަށް ބުނެވެއެވެ.

ބެންގޯލަކީ، ކުރިން ދިއްލީ ރަސްކަމުގެ ބާރުގެ ދަށުގައި އޮތް ސަހަރެކެވެ. ނަމަވެސް އޭގެ ފަހުން އެއީ އިސްލާމީ ރަސްމަތި ފުށްތަކަކުން، އެތައް ރަސްކަލުންނެއް، ރަސްކަންކުރި ބިމެވެ. މުސްލިމުންގެ ރަސްކަލެއްގެ ބާރަށް އެތަން ދިޔައީ 1338 ސީ، ގައެވެ. އަދި އެއީ މުސްލިމުންގެ އިލްޔާސް ޝާހީގެ ރަސްކަމުގެ މައި ސަހަރަށް ބަދަލުވިއެވެ. ކުރީންވެސް ދެންނެވި ފަދައިން މިއަދު އެ ބިމުގެ އެއްބަޔަކީ ބަންގްލަދޭޝްއެވެ. އަނެއް ފަޅިއަކީ އިންޑިއާގެ އިރުމަތީ ފަޅިއެވެ. 1575 މޫގަލް އެމްޕެރަރ ގެ ރަސްކަން ނިމެންދެން، ރޮހިންޖާ މުސްލިމުން، އެ ސަހަރަކަށް ނިސްބަތްވާ ބެންގޯލަކީ، އެމީހުންގެ ކާބަފައިންގެ ރަސް ބިމެވެ. އަދި އީސްޓް އިންޑިއާ އާއި، މިޔަންމާ އާއި، ނޯތު އިންޑިއާގެ ބޮޑުބައެއް އެ ރަސްކަމުގެ ބާރުގެ ދަށުގައި އޮތެވެ. އެ ޒަމާން ތަކުގައި ޕާރޝިއަނުންގެ އެތައް ފޮތްތަކެއް ލިޔެވިފައި ހުރީވެސް ބެންގޯލް ބަހުންނެވެ. އެއީ ރޮހިންޖާ މުސްލިމުންގެ މައި ސަހަރު "އަރްކަން" މީހުން ފަރިތަ ބަހެކެވެ.

ތާރީޚީ މި ވާހަކަތަކާ، ޙާދިސާތަކާ، ހިނގައި ގޮސްފައިވި ކަންކަމުން އެނގިގެން ދަނީ ކޮން އެއްޗެއް ހެއްޔެވެ؟ ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން، މުސްލިމުންގެ މައިނޯރިޓީ އެއް، އެ ވަޒަނުން ނެރެލަން ކުރެވޭ މަސައްކަތާ، އެކަންކަމުގެ މާސްޓަރ ޕްލޭން ނޫން އެއްޗެއް މިކަމުން ފެނޭ ހެއްޔެވެ؟

އެ ބަޔަކަށް ޤައުމެއްގެ ރައްޔިތުން ލިބިދޭނެ، އަމިއްލަ ވަޒަނެއް ނެތި، އަސާސީ އަދި އިންސާނީ ޙައްޤުތައް ގެއްލިފައިވި، މިލިއަނަކަށްވުރެ ބޮޑު އާބާދީއެއް، ދުނިޔޭގެ ވާދީއެއްގެ ތެރެއަށް ގެއްލިފައި ތިބިކަން ނޫން ސާފު ހެއްކެއް، މިކަމުން އެބަ ލިބޭ ހެއްޔެވެ!

އެމީހުންގެ ޙައްޤުގައި އަޑު އުފުލާން އޮތް ތަނަކީ އދ. ނޫން ދެން ކޮން ތަނެއް ހެއްޔެވެ؟ މިޔަންމާގެ ބިމުގައި އެމީހުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ. ވަޒީފާ އަދާކުރުމުގެ ޙައްޤެއް ނެތެވެ. އަސާސީ ޙައްގެއް ނެތެވެ. ބަހެއް ބުނެފިނަމަ، ދެންވާނެ ގޮތް ދެކެލަން ބަންގްލާދޭޝްގައި ތިބި ދެލައްކައެއްހާ ރެފިއުޖީން މަދެއް ނޫނެވެ. ދެން އެ އޮތީ އަންދާ އަޅިއަށް ހަދާލާފައިވާ އެމީހުންގެ ގެދޮރުގެ އަޅި ތަކެވެ.

ނަމަވެސް އެއް ކަމެއް ފެންނާން އެބަ އޮތެވެ. ރޮހިންޖާ މުސްލިމުންގެ ގެތަކުގެ އަޅިތަކުގެ ތެރެއިން "ފީނިކްސް" އެއް ނުވަތަ އަނދާ އަޅިއަށްވެ، އެ އަޅިތަކުން އުފަންވާ " އުއްމީދެއް" އެބަ ފެނެއެވެ. އެއީ މިވަގުތަށް އުރުދުޣާނެވެ.

އަނެއްކޮޅުން ބަންގްލާދޭޝްގައި އިސްޖެހިފައި ތިބި ރޮހިންޖާގެ މުސްލިމް އަންހެނުންގެ ދަތްދޮޅީގައި، ކޮންމެވެސް ކަނބަލަކު އެބަ އިނގިލިފުޅު ޖައްސައިލައްވައެވެ! އެހިނދު އެމީހުން އިސް އުފުލާލައި ބަލައިލައެވެ. ފެންނަނީ އެއިން ކޮންމެ މޫނަކަށް، އުންމީދާއެކު ބައްލަވަން ހުންނެވި ބޭކަނބަލެކެވެ. އިސްލާމީ ރިވެތި ހެދުމެއްގައެވެ. މުސްލިމުންގެ ރިވެތި އަޚުލާޤުގައެވެ. އެއީ އުރުދުޣާންގެ އަނބިކަނބަލުންނެވެ. އެކަމަނާގެ ހިތްވަރުފުޅާ، ކެރިވަޑައިގަތުމާ، ހިތްޕުޅުތިރި އަދި އޯގާތެރިކަމުގެ ޝަޚްސިއްޔަތުން، ރޮހިންޖާ މުސްލިމުންނަށް ކޮންމެވެސް އުންމީދުތަކެއް އެބަ ލިބެއެވެ. މި މައްސަލަ އދ.ގެ ޖެނެރަލް އެސެމްބްލީއަށް ތުރުކީން ހުށަހަޅާނެ ކަމުގެ ޔަޤީންކަން، އެކަމަނާ ރެފިއުޖީންނަށް ދެއްވިއެވެ. މިކަންކަމުން އެނގެނީ، ރޮހިންޖާ މުސްލިމުންގެ ރިހުން ރައީސް އުރުދުޣާންގެ ހިތްޕުޅުގައި އޮތް ކަމެވެ.

comment ކޮމެންޓް