ހަވާލުވި ފޮށިގަނޑެއްގައި މަސްތުވާތަކެތި ހުރުމުން، އެއީ 200 ރުފިޔާ ދޭނެ ކަމަށް މީހަކު ބުނެގެން ނެގި ކަމަށް ފޮށިގަނޑެއް ކަމަށް ބިދޭސީންތަކެއް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މިއީ، ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލް ކުރުމާއި ގެންގުޅުމާއި ބޭނުންކުރުމާއި ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝަށް ނިސްބަތްވާ ހަތަރު ބިދޭސީން ހިމެނޭ މައްސަލައެކެވެ. މިދިޔަ މަހު ފަހުކޮޅު އެ މީހުން ހައްޔަރުކުރީ، ކަސްޓަމްސްއާ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަން ހިންގީ، ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެނެވެ.
މި މައްސަލައިގައި ހައްޔަރުކުރީ، 20 އަހަރުގެ އެމްޑީ ޖިހާދު ބިން އަރީފުއާއި 41 އަހަރުގެ އެމްޑީ މިޒަންނޫރު ރަހްމާނާއި 30 އަހަރުގެ މިރްޒާ އަލް އަމީންގެ އިތުރުން 21 އަހަރުގެ އެމްޑީ އަރްމާން އަލީއެވެ.

ކްރިމިނަލް ކޯޓު -- ފޮޓޯ/ އެޗްޑީސީ
އޭގެތެރެއިން، މިޒަންނޫރު ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، ބާކީ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މީހުން ކޯޓުގައި ބުނި ގޮތުގައި، ފޮށިގަނޑު ބަލައި ދިޔައީ 200 ރުފިޔާ ދޭނެ ކަމަށް މީހަކު ބުނެގެންނެވެ. އެކަމަކު، އެ ރުފިޔާ ދޭން ބުނީ ކާކު ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
މައްސަލަ ބެއްލެވި ގާޒީ މުހައްމަދު އަބްދުﷲ ވަނީ، މި ހާދިސާގެ ސީސީޓީވީ ފުޓޭޖާއި ފައިސާ ދިން ކަމަށް ބުނާ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ކަށަވަރުކުރުމަށް މި މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އަށް އަންގަވާފައެވެ.
އައިއޯ ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، ތުހުމަތުކުރެވޭ ބިދޭސީންނާއި އެ މީހުންގެ ދިވެހި ސްޕޮންސަރުންނާ ގުޅުމެއް ނެތެވެ.
މި މައްސަލައިގައި ހިމެނޭ ތިން ބިދޭސީންގެ ވިސާގެ މުއްދަތު ހަމަނުވާއިރު، އެ މީހުން ކޯޓުގައި ވަނީ ޑީޕޯޓުކޮށްދިނުމަށް އެދިފައެވެ.
ބަންދު މުއްދަތު އިތުރުކުރި މީހުންގެ ތެރެއިން، މިރްޒާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ކޯޓު އަމުރުން އެނގެއެވެ.