ޑިސެންބަރު 16 ގައި އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގަތުމަށް ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ނިންމަވައިފިއެވެ.
ހަސީނާގެ ތަރުޖަމާނު ސައްޔިދު މުޒައްމިލް އަލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، އޮގަސްޓް 5، 2024 ގައި ހަސީނާ އިންޑިއާއަށް ގެންދިޔައީ ބަންގްލަދޭޝްގެ މަތިންދާބޯޓެއްގައި ކަމަށް ވާތީ، އެ ގައުމުގެ ނަސްރުގެ ދުވަސް ކަމަށްވާ ޑިސެންބަރު 16 ގައި ނިއު ދިއްލީން ޑާކާއަށް ވަޑައިގަތުމަށް ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ދަތުރެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ވަނީ އެ އެދިވަޑައިގަތުން ގަބޫލު ނުކޮށްފައެވެ. އެ ގައުމުގެ ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވީ، ހަސީނާއަކީ ކުށް ސާބިތުވެފައިވާ ފިލައިގެން އުޅޭ ކުށްވެރިއެއް ކަމަށާއި، އެފަދަ އެދުމަކަށް ސަރުކާރުން އިޖާބަ ނުދޭނެ ކަމަށެވެ. އަދި އެކަމަނާއަށް އެނބުރި ގައުމަށް ވަޑައިގެންނެވޭނީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ބިޑިއަޅުވައިގެން ހަރުކަށި ފާރަވެރިކަމުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކާ ގުޅިގެން އިންސާނިއްޔަތާ ހިލާފު ކުށްތަކެއް ކުރެއްވި ކަމަށް ބުނެ، ނޮވެންބަރު 17، 2025 ގައި ހަސީނާގެ ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސިކިއުޓަރު އަމީނުލް އިސްލާމް ވިދާޅުވީ، ހުކުމް އިއްވާފައިވާ ފަރާތަކުން އެނބުރި އައުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދުކުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ހަސީނާ ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.
ހަސީނާ ހަވާލުކުރުމަށް ބަންގްލަދޭޝްއިން އެދިފައިވާ އެދުމާ ގުޅޭ ގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން މި ވަގުތު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ އެދުން ދިރާސާކުރަމުންދާ ކަމަށާއި، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް އެ މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.