ޓީރެކްސް އިން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި

އެމްބީއޭ ޗެމްޕިއަންޝިޕްގައި ކިންގްސް ބީސީއާއި ރެޕްޓާސް ބީސީ ބައްދަލުކުރި މެޗުގެ ތެރެއިން: ފިރިހެން ޑިވިޝަންގެ ފައިނަލުގައި ކިންގްސް ބީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ޓީރެކްސް އިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޓީރެކްސް އިން ހޯދައިފިއެވެ.

ޓީރެކްސް އިން ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ކިންގްސް ބީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ޓީރެކްސް އިން ކާމިޔާބުކުރީ ކިންގްސް ބީސީއާ ވާދަކޮށް 74-75 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްއަށް 17 ޕޮއިންޓު ހޯދައިދިން އިބްރާހިމް ރަޝްވާނެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ދަ ބައުސްގެ އަބްދުﷲ އަޒްމަރާއި ކިންގްސް ބީސީގެ މުހައްމަދު ޒިލާލާއި އެ ޓީމުގެ ރިފްޝާން ރަޝީދާއި ޓީރެކްސްގެ އަހުމަދު ޒުބައިރު އަދި އެ ޓީމުގެ އިބްރާހިމް ރަޝްވާނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އަހުމަދު ހުޝާމެވެ.

އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ކާމިޔާބޮށްފައިވަނީ ޓައިޓަންސް ސްޕޯޓްސް ކްލަބެވެ. ޓައިޓަންސް އިން ޗެމްޕިއަންކަން ހޯދީ ސައިކްލޯން ބާސްކެޓްބޯލް ކުލަބުގެ މައްޗަށް 37-41 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓައިޓަންސްއަށް 19 ޕޮއިންޓް ހޯދައިދިން އައިމިނަތު ޝިއުރާއެވެ. އަންހެން ޑިވިޝަންގެ އެންމެ ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ވެސް ޝިއުރާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސައިކްލޯންގެ ނަޝްފާ އާމިރާއާއި އެ ޓީމުގެ ފާތިމަތު ރިޝްމާއާއި ޓައިޓަންސްގެ ޝިޒްނާ ރަޝީދާއި އެ ޓީމުގެ އައިޝަތު ނާޒިމާ އަދި ހަމަ އެ ޓީމުގެ ހުސްނާ މުހައްމަދެވެ.

comment ކޮމެންޓް